ޕަވާ ބޭންކެއްގައި ރޯވުމުގެ ސަބަބުން އިންޑިގޯގެ ފްލައިޓެއް އިންޑިއާގެ ހައިދަރުއާބާދަށް ޖައްސައިފިއެވެ.
ވެރިރަށް ދިއްލީން ފުރައިގެން ޗެންނާއީއަށް ދަތުރުކުރި ފްލައިޓްގެ އޯވަހެޑް ކޮމްޕާޓްމަންޓްގައި އޮތް ޕަވާ ބޭންކެއްގައި ރޯވުމާ ގުޅިގެން، 191 މީހުންނާއެކު ދަތުރުކުރި އެ ފްލައިޓު އާދީއްތަ ދުވަހު ކުއްލި ހާލަތުގައި ހައިދަރުއާބާދަށް މިސްރާބު ބަދަލުކޮށްލީއެވެ.
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނަސް ނަގައިފައިވާ ވީޑިއޯތަކުން ފެންނަނީ ފަސިންޖަރުން ހާސްވެގެން އުޅޭ މަންޒަރެވެ.
އެއާބަސް އޭ321 މަރުކާގެ ފްލައިޓް 6އީ 6115 ވަނީ ރައްކާތެރިކަމާއެކު ރަޖީވް ގާނދީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފައެވެ.
ކެބިން ކްރޫއިން އަލިފާންނިއްވާ ވަސީލަތްތަކާއެކު ހަރަކާތްތެރިވިއިރު، ފަސިންޖަރުންވެސްވަނީ އަލިފާން ކޮންޓްރޯލްކުރުމަށް މަސައްކަތްކޮށްފައެވެ.
"ކެބިން ކްރޫއިންވަނީ ވަގުތުން ފިޔަވަޅު އަޅައި، ހާލަތު ކޮންޓްރޯލްކޮށްފައި،" އިންޑިގޯއިން ބުންޏެވެ.
އެ އެއާލައިނުންވަނީ ދަތުރުވެރިން ޗެންނާއީއަށް ގެންދިއުމަށްޓަކައި އެހެން ފްލައިޓެއް ހަމަޖައްސައިދީ، ފަސިންޖަރުންނަށް ކުރިމަތިވި ދަތިތަކަށް މާފަށް އެދިފައެވެ.
ލިތީއަމް ބެޓެރި ފްލައިޓްތަކަށް އެރުވުމަކީ ރައްކާތެރިކަމެއްތޯއާމެދު ކުރެވޭ ސުވާލު މި ހާދިސާގެ ސަބަބުން އަލުންވަނީ ފެންމަތިވެފައެވެ.
މި ދިޔަ މެއިގައި ޗަންދީގަރުއަށް ޖެއްސި އިންޑިގޯ ފްލައިޓެއްގެ ތެރޭގައި އޮތް ޕަވާ ބޭންކެއްގައި ރޯވުމާ ގުޅިގެން ދަތުރުވެރިން ހުސްކުރަންޖެހުނެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީ.ޖީ.ސީ.އޭ)އިންވަނީ ފްލައިޓްތަކުގައި ދަތުރުކުރާއިރު ޕަވާ ބޭންކު ބޭނުންކުރުމާއި ޗާޖުކުރުން މަނާކޮށް، އަދި އޯވަހެޑް ކޮމްޕާޓްމަންޓްތަކުގައި ޕަވާ ބޭންކު ނުބެހެއްޓުމަށް އިރުޝާދު ދީފައެވެ.



advertisment