އެލުވައިފައިވައި ޖޯލީގައި މައްސަލަ ޖެހުމުން އިނގިރޭސި ވިލާތުގެ އުސް އިމާރާތެއްގެ 15 ވަނަ ބުރީގެ ބޭރުގައި ތާށިވި ކުޑަދޮރު ސާފުކުރާ ދެ މީހުން ސަލާމަތްކޮށްފިއެވެ.
ވެރިރަށް ލަންޑަންގެ އަލިފާން ނިއްވާ އިދާރާއިން ބުނީ މި ދިޔަ ބުރާސްފަތި ދުވަހު ހަވީރު ސައުތުވާކްގައި ހުރި އިމާރާތެއްގެ ބޭރުގައި އެލުވައިފައިވައި ޕްލެޓްފޯމްގައި އެ ދެ މީހުން ތާށިވިކަން އެންގީ 5:20 ގައިކަމަށާއި އެ ދެ މީހުން ބިންމައްޗަށް ބައިލަން 64 މީޓަރު (209 ފޫޓު) އުސްމިނުގައި ހުރި ޓާންޓޭބަލް ހަރުގަނޑެއް ފޮނުވިކަމަށެވެ.
އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ އުސްމިނުގައި 560 ފޫޓު ހުންނަ، 52 ބުރީގެ ވަން ބްލެކްފްރަޔާސް ބައި ބާކްލީ އިމާރާތުގެ ބޭރުގައި ޖޯލީގައި ތިބި އެ ދެ މީހުންނާ ހަމައަށް ފޯރުކޮށްދިނުމަށް އަލިފާން ނިއްވާ ލޮރީއަކުން ރީނދޫ ކުލައިގެ ހަރުގަނޑު މައްޗަށް އަރުވައި މަންޒަރެވެ.
އަލިފާން ނިއްވާ އިދާރާއިން ބުނީ އިރުއޮއްސި 6:15 ގައި މި ހާދިސާވަނީ "ކޮންޓްރޯލްކުރެވިފައި"ކަމަށެވެ.
"ޝުކުރުހުރި އެކަކަށްވެސް އަނިޔާއެއްނުވޭ. އެ ދެ މީހުން ރައްކާތެރިކަމާއެކު އަދި އަވަސްކަމާއެކު ސަލާމަތްކުރެވުނު،" އެ އިދާރާގެ ތަރުޖަމާނަކު ބުންޏެވެ.
އެ ދެ މީހުން ސަލާމަތްކުރުމަށް ބޭނުންކުރި ހަރުގަނޑަކީ ޔޫރަޕްގައި ހުރި އަލިފާން ނިއްވާ އެންމެ އުސް އެރިއަލް އާލާތެވެ. އެ ހަރުގަނޑު އިމާރާތެއްގެ 20 ވަނަ ބުރިއާ ހިސާބަށް ފޯރައެވެ.

ޓޭމްސް ކޯރު ފެންނަ ގޮތަށް ހުންނަ ވަން ބްލެކްފްރަޔާސްއަކީ އެކި ބޭނުންތަކަށް ބައްޓަންކޮށްފައިވާ އިމާރާތެކެވެ.

ސަލާމަތްކުރި ކުޑަދޮރު ސާފުކުރާ ދެ މީހުންގެ ވަނަވަރު ރަސްމީ އިދާރާތަކުން ހާމައެއްނުކުރެއެވެ. އަދި މި ހާދިސާއާ ބެހޭ ގޮތުން އެ ދެ މީހުންވެސް މިހާތަނަށް އާންމުކޮށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެއެވެ.



advertisment