Support Us

މަރައިލި މީހާއަށް މިނިކާވަގު ހަމަލާދޭން ފަށައި މަންޒަރުގެ ވީޑިއޯގެ ސްކްރީންޝޮޓެއް

މިނިކާވަގު ކޮއްޓަކަށް ފުއްމައިލި މީހަކު މަރައިލައިފި

އިނގިރޭސި ވިލާތުގައި ހައިވާނު ބަގީޗާއެއްގެ ތެރޭގައި ހުރި މިނިކާވަގު ކޮއްޓަކަށް ފުއްމައިލި މީހަކު މަރައިލައިފިއެވެ.

އިނގިރޭސިވިލާތު ދައުލަތުގެ ގައުމެއްކަމަށްވާ އިންގްލެންޑްގެ ޑޮންކާސްޓާ ސިޓީ ކައިރީގައިވާ ޔޯކްޝަޔާ ސަރަހައްދުގެ ހައިވާނުންގެ ޕާކުގައި އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން އެ ޒޫ މިއަދު ހުރީ ބަންދުކޮށްފައެވެ. އެއީ ފުލުހުންގެ ތަހުގީގަށެވެ.

ކޮށީގައި ތިބީ ދުނިޔެއިން ނެތެމުންދާ އާމުރު ބާވަތުގެ މިނިކާވަގުތަކެކެވެ. ގުދުރަތީ މާހައުލުގައި މިހާރު މި ނަސްލުގެ އުޅެނީ އަންދާޒާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 500 އެއްހާ މިނިކާވަގެވެ.

މިނިކާވަގުތައް ބަލަން ޒުލަށް ދާ މީހުން ތިބޭ ޕްލެޓްފޯމުން ކޮއްޓަށް ފުއްމައިލުމުގެ ކުރިން އަމިއްލަ ނަފުސު "ނަފުސާނީ ގޮތުން ތައްޔާރުވާން" އުޅުނު ތަން ފެނުނުކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. ޒުލަށް ޒިޔާރަތްކުރި މީހުން ބުނީ އެ މީހާ ކޮއްޓަށް ފުއްމައިލުމުގެ ކުރިން ހުރީ އެއާޕޮޑްސް ޖަހައިގެން ނަށައިށެވެ.

އެ މީހާގެ ވަނަވަރު ރަސްމީ އިދާރާތަކުން ހާމައެއްނުކުރެއެވެ.

އިންޓަނެޓުގައި ދައުރުވަމުންދާ މި ހަމަލާގެ އަސަރުކުރުވަނިވި ވީޑިއޯތައް ހިއްސާނުކުރަން ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. ހަމަލާގައި މީހާއަށް އެންމެ ސީރިއަސް ޒަހަމްތައް ލިބޭ މަންޒަރުތައް ކަނޑައިފައި، ހަމަލާ ދޭން ފަށައިފައިވާ މަންޒަރުތައް ހިމެނޭ ވީޑިއޯތައް އިންޓަނެޓްގައިވެއެވެ.

ދެކުނު ޔޯކްޝަޔާގެ ފުލުހުން ބުނީ މީހަކު މިނިކާވަގު ކޮއްޓަށް ފުއްމައިލައި، އޭނާއަށް ހަމަލާއެއް އަމާޒުވިކަމުގެ ރިޕޯޓު ކުއްލި ހިދުމަތްތައް ދޭ ފަރާތްތަކަށް ލިބުނީ މެންދުރުފަހު 1:35 ގައިކަމަށެވެ. އަދި އެ މީހާ މަރުވެފައިވަނީ ހާދިސާ ހިނގި ތަނުގައިކަމަށެވެ.

"އެ މީހާގެ އާއިލާއަށް މި ކަން އަންގާފައިވާއިރު، ހާއްސަ އޮފިސަރުން ދަނީ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން،" ފުލުހުންގެ ތަރުޖަމާނަކު ބުންޏެވެ.

ފުލުހުން ކަށަވަރުކޮށްދިން ގޮތުގައި މިނިކާވަގަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އާންމުންނަށް އެ ސޮރުގެ ފަރާތުން އިތުރު ނުރައްކަލެއް ނެތްކަމަށް ބުންޏެވެ.

ޕާކުން ބުނީ ހާދިސާ ހިނގުމާއެކު ކުއްލި ހާލަތްތަކުގައި އަމަލުކުރާ އުސޫލުތަކަށް ވަގުތުން އަމަލުކުރަން ފެށިކަމަށާއި ރަސްމީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާކަމަށެވެ.

"އަހަރެމެން އެންމެ އިސްކަމެއް ދެނީ ޒިޔާރަތްކުރާ މީހުންނާއި މުވައްޒަފުންނާއި ޖަނަވާރުތަކުގެ ރައްކާތެރިކަމާއި ލާބަ އާއި މަންފާއަށް،" އެ ތަނުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *