Support Us

މި ދިޔަ ޖޫންގައި ވިއެޓްނާމްގައި ހިންގި އެހެން ރެއިޑެއްގައި އަތުލައިގަތް ބުޅާތަކެއް

މަސް ކެއުމުގެ ވިޔަފާރިއަށް ބުޅާ ވަގަށްނެގި 12 މީހަކު ހައްޔަރަށް

މަސް ކެއުމުގެ ވިޔަފާރިއަށް ބުޅާ ވަގަށްނެގި 12 މީހަކު ވިއެޓްނާމްގައި ހައްޔަރުކޮށްފިއެވެ.

ވިއެޓްނާމްގެ ގާނޫނުގެ ދަށުން ކުއްތާ އާއި ބުޅަލަކީ އަމިއްލަ ރައްޔިތުންގެ މިލްކިއްޔާތުގެ ގޮތުގައި ބަލައި "ޕްރައިވެޓް ޕްރޮޕަޓީ" ނުވަތަ "އަމިއްލަ މުދަލެ"ވެ. އަދި އެ ސޮރުމެން ވަގަށްނެގުން ބަލަނީ ވައްކަމުގެ ކުށެއްގެ ގޮތުގައެވެ. ޖިނާއީ ދައުވާ އާންމުކޮށްކުރަނީ ވަގަށްނަގައިފައިވައި މުދަލުގެ އަގު ދެ މިލިއަން ޑޮންގް (77 ޑޮލަރު ނުވަތަ 1،187.34ރ.)އަށްވުރެ އިތުރުވާނަމައެވެ.

ވިއެޓްނާމްގެ ހޯ ޗީ މިން ސިޓީގެ ފުލުހުން މި ދިޔަ ހޯމަ ދުވަހު ބުނީ މަސް ކެއުމުގެ ވިޔަފާރިއަށް ވިއްކުމަށްޓަކައި ގާތގަނޑަކަށް 2،700 ބުޅާ ވަގަށްނަގައި، އަލުން ވިއްކި، މުޅި ސަހަރަށް ފަތުރައިލައިފައިވައި ވިއުގަ ހިންގި މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ މި ނެޓްވޯކްގެ އިސް ލީޑަރަކީ އުމުރުން 39 އަހަރުގެ ލޫ ތަން ބިންކަމަށެވެ. އޭނާ އާއި އިތުރު 11 މީހެއްގެ މައްސަލަ ވައްކަމުގެ ތުހުމަތުގައި ތަހުގީގުކުރަމުންދާކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ.

ތަހުގީގުކުރާ ފަރާތްތަކުން ބުނީ ބިންވަނީ ވަގަށްނަގައިފައިވާ ބުޅާތައް ގަނެ، ސިޓީގެ އުތުރުގައި ހުންނަ ތަނެއްގައި ބަހައްޓައިގެން މަހުގެ ވިޔަފާރިއަށް ވިއްކައިފައިކަމަށެވެ. އޭނާ މަސައްކަތްކުރީ ބުޅާ ސަޕްލައިކޮށްދޭ މީހުންނާއެކުއެވެ. ސަޕްލައިކޮށްދޭ މީހުން އުޅުނީ ރަށު ތެރޭގައި ރޭގަނޑު 11:00 އާއި ފަތިހު 4:00 އާ ދޭތެރޭ ސައިކަލުތަކުގައި ގޮސް ބުޅާ ވަގަށްނަގައިދޭނެ މީހުން މެނޭޖްކުރުމުގައެވެ. ބުޅާ ހޯދައި، ކޮންމެ ރެއަކު ހަތަރަކާއި 10 އާ ދެމެދުގެ އަދަދަކަށް ބުޅާ ހިފިއެވެ.

ކުއްތާ އާއި ބުޅަލުގެ މަސް ކެއުމަކީ ހަމައެކަނި ވިއެޓްނާމަށް ހާއްސަ ކަމެއް ނޫނެވެ. އޭޝިއާގެ ބައެއް ސަރަހައްދުތަކުގައި މި ކަން ކުރިޔަސް، މިއީ އާންމުކޮށްކުރާ ކަމެއް ނޫނެވެ. ވިއެޓްނާމްގައި ބުޅާމަސް ކެއުމަކީ ސަގާފީ ގޮތުން އުތުރުގެ ސަރަހައްދުތަކުގައި، އުމުރުން ދުވަސްވީ ޖީލުތަކުގެ މެދުގައި މާ އާންމު ކަމެކެވެ.

ގޭގައި ގެންގުޅޭ ޖަނަވާރު ގެންގުޅުން އިތުރުވުމާއި އާބަންވަމުންދިއުމާއެކު މި އާދަވަނީ ނެތެން ފަށައިފައެވެ. އަދި ޒުވާނުން ކުއްތާ އާއި ބުޅަލާމެދު ދެކެނީ ގޭގައި ގެންގުޅޭ އެކުވެރި ޖަނަވާރުތަކެއްގެ ގޮތުގައެވެ.

ވިއެޓްނާމްގައި 2024 ގައި ކުއްތާ އާއި ބުޅަލުގެ މަހުގެ ވިޔަފާރި ހުއްޓައިލަން ގޮވައިލައި 250،000 އަށްވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކުރިއެވެ. އަދި ހޮއި އަން ސިޓީންވެސް 2021 ވަނަ އަހަރުވަނީ ކުއްތާ އާއި ބުޅަލުގެ މަސް ވިއްކުމާއި ކެއުން ހުއްޓުވައިލުމަށް ވައުދުވެފައެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ބުޅާމަސް ކެއުމުން ނަސީބު ރަނގަޅުވެއެވެ. ނަމަވެސް މި ފަދަ ދައުވާތަކަށް އެއްވެސް ސައިންޓިފިކް ހެއްކެއް ނެތެވެ.

މި ދިޔަ ޖުލައި އަށެއްގައި ފުލުހުން މި ނެޓްވޯކަށް ރެއިޑް ޖަހައި، ގާތގަނޑަކަށް 50 ބުޅަލާއި، ބުޅާ ހިފައި ގިނަ އަދަދެއްގެ ކޮށި ހޯދައިފައިވާކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިއެވެ.

ތުހުމަތުކުރެވޭ މީހުން ތަހުގީގުކުރާ ފަރާތްތަކަށް ކިޔައިދިން ގޮތުގައި އެ މީހުންވަނީ ގާތްގަނޑަކަށް 2،700 ބުޅާ ވަގަށްނަގައި ވިއްކައިފައެވެ. ނަމަވެސް އެ މީހުން މި އޮޕަރޭޝަން ހިންގާތާ ކިތައް ދުވަސްވެއްޖެކަމެއް ފުލުހުން ހާމައެއްނުކުރެއެވެ.

ފުލުހުންވަނީ ރެއިޑްގައި އަތުލައިގަތް ބުޅާތަކުގެ ތެރެއިން 13 ބުޅާ އެ ސޮރުމެންގެ ވެރިންނާ ހަވާލުކޮށްފައެވެ. އަދި އެހެން ބުޅާތަކުގެ ވެރިން ހޯދުމުގެ މަސައްކަތް ރަސްމީ އިދާރާތަކުން ކުރަމުންދާއިރު، އެ ބުޅާތައް ބަލަހައްޓަމުންދަނީ ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުންނެވެ.

މި ދިޔަ ޖޫންގައި ހިންގި އެހެން ރެއިޑެއްގައި 400 އަށްވުރެ ގިނަ ބުޅާ ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން މަދުވެގެން 40 ބުޅާ އެ ސޮރުމެންގެ ވެރިންނާ ހަވާލުކުރެވުނަސް، ގިނަ އަދަދެއްގެ މަރުވެފައިވާ ބުޅާ ގަނޑުފެން އަޅައި ބަންދުކޮށްފައި ހުއްޓައިވަނީ ފެނިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *