Support Us

ރިޔާސީ ދައުރު މެދުތެރޭގައި ބާއްވައި އާއްމު އިންތިހާބުގެ ކުރިން އީރާނަށް ހަމަލާނުދޭނަން: ޓްރަމްޕް

ރިޔާސީ ދައުރުގެ މެދުތެރޭގައި އަންނަ މަހު ތިނެއްގައި ބާއްވައި އާއްމު އިންތިހާބުގެ ކުރިން އީރާނަށް ހަމަލާނުދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެވެ.

"އަހަރެމެން މި ގެންދަނީ އީރާންގެ އިސްލާމީ ޖުމްހޫރިއްޔާއާއެކު ފައިދާކުރަނިވި މަޝްވަރާތަކެއް ކުރަމުން. ނޮވެމްބަރު ތިނެއްގައި އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިހާބުގެ ކުރިން އެއްވެސް އިރެއްގައި އަހަރެމެން އީރާނަށް ހަމަލާއެއް ނުދޭނަން،" ޓްރަމްޕް (ފޮޓޯ) ރޭ ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަފްތާތަކުގައި، ހަކަތައިގެ މުއްސަނދިކަން ލިބިފައިވާ ގަލްފު ސަރަހައްދުގައި ނުތަނަވަސްކަން ބޮޑުވުމަށްފަހު، މެދުއިރުމަތިން ތެޔޮ ފޯރުކޮށްދިނުމާމެދު އުފެދުނު ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމާ ގުޅިގެން، މިއަދު ހެނދުނު ތެލުގެ އަގުތައްވަނީ ދަށަށް ގޮސްފައެވެ.

އިއްޔެގެ ވިޔަފާރީގައި ތެލުގެ އަގު އުފުލުނީ އަލުން ހަނގުރާމަ ފެށިދާނެކަމުގެ ފުރުސަތު އޮތުމުންކަމަށް ބެލެވެއެވެ. ބައެއް މުހައްލިލުން ގަބޫލުކުރާ ގޮތުގައި ޓްރަމްޕްގެ މި ވާހަކަތަކަކީ އަގުތައް އަލުން ތިރިކުރުމަށްކުރެއްވި މަސައްކަތެކެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އީރާނުން ހުށަހެޅި ހަތް ދުވަހުގެ ޕްލޭނަށް އެމެރިކާއިން ދިން ޖަވާބު އީރާނުން ދިރާސާކުރަމުންދާކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާނުން އެއަށް ޖަވާބެއް ދޭނެކަމަށެވެ.

މެދުވެރިން މެދުވެރިކޮށް މަޝްވަރާތައް ކުރިއަށްދާކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިކަމަށް އީރާންގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓްކުރިއެވެ.

މިއަދު ހުރުމުޒުގެ ދެކުނު ސަރަހައްދުގައި "ވަރުގަދަ ގޮވުންތަކެއް" ގޮވާފައިވާކަމަށް އީރާންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ނަން ހާމަނުކުރާ އަސްކަރީ މަސްދަރުތަކާ ހަވާލާދީ ފާރްސް ނިއުސް އޭޖެންސީން ބުނީ "ހުއްދަ ނެތް" މަގުތަކުން ދަތުރުކުރި ތެޔޮ ޓޭންކަރުތައް ކަނޑު މައިންތަކުގައި ޖެހިފައިވުން އެކަށީގެންވާކަމަށެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް މި ދިޔަ އަންގާރަ ދުވަހު ވިދާޅުވީ ހަނގުރާމަ ނިންމުމުގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުން ޔޫރޭނިއަމް ފައްކާކުރުމުގެ ގާބިލުކަން "ފާހަގަކޮށްލެވޭ" މިންވަރަކަށް އީރާނުން ދަށްކުރަންޖެހޭނެކަމަށެވެ. މާހިރުން ބުނާ ގޮތުގައި މި ޝަރުތަކީ އީރާނުން ޔޫރޭނިއަމް ފައްކާކުރުން މުޅިން ހުއްޓައިލުމަށް އެމެރިކާއިން ކުރިން ގޮވައިލި ގޮވައިލުމަށް ބަދަލެއް ގެނެސް، އެމެރިކާ މަޑުމައިތިރިވުމުގެ ނިޝާނެއްކަމަށެވެ.

އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިޔާން މި ދިޔަ ހޯމަ ދުވަހު ވިދާޅުވީ އެމެރިކާއާއެކުކުރާ މަޝްވަރާތަކަކީ "ބޭކާރު" މަޝްވަރާތަކެއްކަމަށެވެ. އެމެރިކާއިން މަޝްވަރާތަކުގެ ބޭނުންހިފަނީ އީރާނަށް ހަމަލާދިނުމަށްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ރަޝިޔާގެ ހަބަރު ފަތުރާ އޭޖެންސީތަކުން އިއްޔެ ބުނީ އެމެރިކާއިން އިސްނަގައިގެން އީރާނާ ދެކޮޅަށްކުރާ ހަނގުރާމަ ނިންމުމަށް އެހީތެރިވުމަށް ރަޝިޔާއިން "ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ"ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިން ޕަޒަޝްކިޔާން އަރިހުގައި ދެންނެވިކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *