Support Us

މަގުމަތީގައި ހުރި މީހާ ބެލްކަނިން ކުއްޖާ ވެއްޓެނިކޮށް ހިފި ވީޑިއޯގެ ސްކްރީންޝޮޓެއް

ބެލްކަނިން ވެއްޓުނު ކުއްޖާ ސަލާމަތްވީ މަގުމަތީގައި ހުރި މީހަކު އޭނާ ހިފުމުން

މިސްރުގައި އިމާރާތެއްގެ ބެލްކަނިން ވެއްޓުނު ކުޑަކުއްޖަކު އާދަޔާ ހިލާފު ގޮތަކަށް ސަލާމަތްވެއްޖެއެވެ. އެއީ މަގުމަތީގައި ހުރި ސޭޓަކު އެ ކުއްޖާ ހިފުމުންނެވެ.

ޖީޒާ ސިޓީގައި ހުރި އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން މި ދިޔަ މަހު 29 ގައި ވެއްޓުނު ކުއްޖާ، ވައިގެ ތެރެއިން ހިފައި ސަލާމަތްކުރި އުމުރުން 25 އަހަރުގެ އަހްމަދު ރަޖަބުގެ ބަތަލެއް ފަދަ މި އަމަލުވަނީ ސީސީޓީވީ ކެމެރާއަށް ރެކޯޑުވެ، އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ބައްޕަގެ ފިހާރައިގައި މަސައްކަތްކުރާ ރަޖަބު މަގުމަތީގައި ހުއްޓައި، ކުއްޖާ ރޯ އަޑު އިވިގެން މައްޗަށް ބަލައިލިއިރު ދެ ވަނަ ފަންގިފިލާގެ ބެލްކަނިން އެ ކުއްޖާ ވެއްޓެނީއެވެ. އެ ކުއްޖާ ވެއްޓެނިކޮށް ބެލްކަނީގައި ހުރި ހެދުން އަޅުވާ ރޯނުގައި ޖެހި، ވެއްޓުން ކުޑަކޮށް މަތަވިއެވެ. އެއާއެކު ރަޖަބު ދުމެއް ޖަހައިފައި ގޮސް، ބިންމަތީގައި ޖެހުމުގެ ކުރިން އަތްދިއްކޮށް ކުއްޖާ ހިފީއެވެ.

ކުއްޖާ ސަލާމަތްކުރުމަށްފަހު ރަޖަބު ކުއްޖާ އުރައިގެން ހިނގައިގަނެ، މަގުގެ އެއް ފަރާތުގައި އެއްޗެއް މަތީ އަޅުވައިފައިވާ ގޮދަޑިއެއްގައި ލެނގިލައިގެން އިނދެ ހަމައަކަށް އެޅުނެވެ.

"އަހަރެންނަށް ނުރައްކަލާމެދު ވިސްނާކަށް ނުވަތަ ހިސާބުހަދާކަށް ވަގުތެއް ނުލިބުނު. އަހަރެންގެ ސިކުނޑީގައި އޮތީ ހަމައެކަނި ބިމުގައި ޖެހުމުގެ ކުރިން އެ ކުއްޖާ ސަލާމަތްކުރުން. އަހަރެން އަމިއްލަ ނަފްސާމެދު ނުވިސްނަން. އަހަރެން ހަރަކާތްތެރިވީ ކުއްޖަކު ވެއްޓޭ ތަން ބަލަން މަޑުން ހުންނަން ނުކުޅެދިގެން،" އޭނާ އަމަލުކުރީ އިންސާނީ އިހްސާސެއްގެ ދަށުންކަމަށް ކިޔައިދެމުން ރަޖަބު ބުންޏެވެ.

އޭނާ ބުނީ ކުއްޖާ ވެއްޓުނު ވަގުތު އިހްސާސްވީ "ވަގުތު ހުއްޓުނު ފަދަ" ގޮތަކަށްކަމަށެވެ. ހާދިސާއަށްފަހު އިހްސާސްވީ ހިނގި ކަންތަކުގެ ނުރައްކާކަންކަމަށާއި އެ ކަމާ "ބިރުގަތް"ކަމަށް ރަޖަބު ބުންޏެވެ.

ހާދިސާއަށްފަހު ރަޖަބު ބެލެނިވެރިންނަށް ދިން މެސެޖަކީ ބެލްކަނި އަދި ކުޑަދޮރުތައް ކައިރީގައި ގޮނޑި ނުވަތަ އަރައިގެން އުޅެވޭ ފަދަ ތަކެތި ނުބެހެއްޓުމަށާއި ކުޑަކުދިންނަށް އަބަދުވެސް ސަމާލުވުމަށެވެ. އަދި ކޮމިކް ފިލްމުތަކުގައި އުޅޭ އުޑުގައި އުދުހޭ ސުޕަހީރޯއިން ފަދައިން އުދުހެން ނުއުޅުމަށް ކުޑަކުދިންނަށް ނަސޭހަތްތެރިވުމަށް އެދުނެވެ.

މީގެ އިތުރުން، ކުއްޖާގެ މަންމަ އެ ވަގުތު ތަކެތި ގަންނަން ފިހާރައަށް ދިޔައީ ކުރު ވަގުތުކޮޅަކަށްކަމަށް ބުނެ، މަންމައަށް އިހުމާލުގެ ތުހުމަތުނުކުރުމަށްވެސް ރަޖަބު އެދުނެވެ.

މިސްރުގެ ގިނަ ބަޔަކު ދަނީ ރަޖަބުގެ ހިތްވަރަށް ތައުރީފުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *