ރޫބިކްގެ ކިއުބް އެންމެ އަވަހަށް ހައްލުކުރިކަމުގެ އަންހެން ބައިން ދުނިޔޭގެ ރެކޯޑު ޗައިނާގެ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކު މުގުރައިލައިފިއެވެ.
ރޫބިކްގެ ކިއުބް ހައްލުކުރުމާ ގުޅޭ ދުނިޔޭގެ ޖަމިއްޔާ، ވޯލްޑް ކިއުބް އެސޯސިއޭޝަން (ޑަބްލިޔު.ސީ.އޭ)އިން ބަލައިގަތް، ޗައިނާގެ ގުއަންގްޒޯ ސިޓީގައި މި މަހު 16 ގައި އޮތް މުބާރާތުގައި، އާދައިގެ ތިން ފަރާތް ހުންނަ އާއްމު ރޫބިކްގެ ކިއުބެއް ލީއަން ޔުއުންޖޫ، ފަސް ފަހަރުވެސް ހައްލުކުރީ ނިސްބަތުން 4.27 ސިކުންތުންނެވެ.
އޭގެ ތިން ދުވަސްކުރިން، ޗަންގްޑޫ ސިޓީއަށް އުފަން ލީއަންވަނީ ވޫހަން ސިޓީގައި ބޭއްވި މުބާރާތުގައި ފުރަތަމަ ފަހަރަށް ރެކޯޑު މުގުރައިލައިފައެވެ. އެއީ ނިސްބަތުން 4.52 ސިކުންތުންނެވެ. މިއީ ނިސްބަތުން 4.5 ސިކުންތަށްވުރެ ކުޑަ އިރުކޮޅެއްގެ ތެރޭގައި މި ފަދަ ކިއުބްތައް ހައްލުކުރާ މީހަކަށް ނުވަތަ ސްޕީޑްކިއުބާއަކަށް އަންހެނަކު ވީ ފުރަތަމަ ފަހަރުކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ ސީސީޓީވީން ރިޕޯޓްކުރިއެވެ.
ރޫބިކްގެ ކިއުބް ހައްލުކުރަން ދަސްކުރަން ލީއަން މަސައްކަތްކުރަން ފެށީ އުމުރުން ހަތަރު އަހަރުގައެވެ. އެއިރު 90 ސިކުންތުން އޭނާއަށް ހައްލުކުރެވެއެވެ. މިހާރު 1،300 ބާވަތުގެ "އަރަތް" ހައްލުކުރަން އޭނާއަށް އެނގެއެވެ. އަދި އެ ފަދަ އަރަތްތައް ފަރިތަކުރުމުގައި ކޮންމެ ދުވަހަކު ދެތިން ގަޑިއިރު ހޭދަކުރެއެވެ.
ދުނިޔޭގެ ރެކޯޑު މުގުރައިލެވުމުން ލީއަން އަތްތިލަބަޑިޖަހައި، އަތްމުއްކަވައިފައި ދައްކާލާ ވަރުގަދަކަމުގެ ނިޝާން ދައްކައިލިއެވެ. ނަމަވެސް އެ ކަމާ އޭނާ ވަކި އެއްޗެއް ބުނިކަމަކަށް މީޑިއާތަކުން ރިޕޯޓެއްނުކުރެއެވެ.
ލީއަންގެ މަންމަ ލީން ޔަންގްޝީ ބުނީ ލީއަންއަކީ "އިންޓްރޮވާޓަޑް" ކުއްޖެއްކަމަށެވެ. މާނައަކީ އެހެން މީހުންނާ މިލި އުޅުމަށްވުރެ އަމިއްލަ ހިޔާލުތަކާއި ކަންކަމުގައި ވަގުތު ހޭދަކުރާހިތްވާ، ފަސޭހައިން ލަދުގަންނަ ކުއްޖެކެވެ.
"ނަމަވެސް މިހާރު ކޮންމެ ތަނަކަށް ދިޔަޔަސް އޭނާއަކީ އަމިއްލަ ނަފުސަށް ޔަގީންކަން އޮތް، ކެރޭ ކުއްޖެއް،" ލީން ބުންޏެވެ.
ތިން މިން ނުވަތަ ތްރީ ޑައިމެންޝަން (3ޑީ) އެއްކޮށްގެން، ޕިވަޓެއްގެ އެހީގައި އަނބުރާލެވޭ ގޮތަށް ހުންނަ އެއްވަރު ހަ ފަރާތް ހުންނަ ރޫބިކްގެ ކިއުބް އީޖާދުކުރީ 1974 ގައި ހަންގެރީގެ، ހިލަ، މަށި އަދި ގާ ފަދަ ތަކެތި މަށައި ހަދާ ނުވަތަ ސްކަލްޕްޓްކުރާ، އާރުކާޓީކަމުގެ ޔުނިވާސިޓީ މުދައްރިސެއް ނުވަތަ ޕްރޮފެސަރެއްކަމަށްވާ އެއާނަ ރޫބިކްއެވެ.
ޖެނުއަރީ 2024 އާ ހަމައަށް މުޅި ދުނިޔޭގައި 500 މިލިއަން ރޫބިކްގެ ކިއުބް ވިކިފައިވެއެވެ. އެ ކަމުގެ ސަބަބުން ރޫބިކްގެ ކިއުބްވެފައިވަނީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އަރަތް ކުޅިވަރަށާއި ޓޯއި ނުވަތަ ކުޅޭ އެއްޗަށެވެ.
ރޫބިކްގެ ކިއުބްގެ އެތެރޭގައިވާ ޕިވަޓުން ކޮންމެ ފަށަލައެއް އަނބުރާލެވެނީ މިނިވަންކޮށެވެ. މި ކަމުގެ ސަބަބުން އެކި ކުލަތައް މަސްހުނިކޮށްލެވެއެވެ. އަރަތް ހައްލުކުރެވެނީ ކޮންމެ ފަރާތެއް އެއް ކުލައަކަށް ބަދަލުކޮށްލެވުނީމައެވެ.
ރޫބިކްގެ ކިއުބްގެ ސަބަބުން އެހެނިހެން ޑިޒައިނަރުންނަށް ހިޔާލު އައިސްގެން އެ ކަހަލަ ބައިވަރު އަރަތްތައް އީޖާދުކޮށްފައިވެއެވެ. އެއީ އެކި އަދަދުގެ ފަރާތްތަކާއި ޑައިމެންޝަންތަކާއި ނިޒާމުތައް ހިމަނައިގެންނެވެ.
ޑަބްލިޔު.ސީ.އޭއަކީ ރޫބިކްގެ ކިއުބް ހައްލުކުރުމާ ގުޅޭ ބައިނަލްއަގުވާމީ ޖަމިއްޔާއެވެ. ރޫބިކްގެ ކިއުބް ހައްލުކުރުމުގައި ދުނިޔޭގައި މުގުރައިލައި ރެކޯޑުތައް އެ ޖަމިއްޔާއިން ބަލައިގަނެއެވެ.



advertisment