Support Us

އޭޑްރީއެން

ލޯފަން އެކަނިވެރިމައެއްގެ ދިރިއުޅުމުގެ ވާހަކަ

އޭޑްރީއެން އުމުރުން 19 އަހަރުގައި ފުރަތަމަ ބަލިވެއިނުމާއެކު މީހުން ފުރަތަމަވެސް ޝައްކުކުރަން ފެށީ އޭނާއަށް އެ ލިބުނު އަންހެން ދަރިފުޅު އޭނާއަށް އަމިއްލަ ބެލެހެއްޓޭނެ ކަމާމެދުއެވެ. ސަބަބަކީ އުމުރުން މިހާރު 41 އަހަރުގެ އޭޑްރީއެން އުފަންވީ "ކޮމްޕްލީޓް ބައިލެޓަރަލް ކްރިޕްޓޮފްތަލްމޮސް" ހާލަތާއެކުގައި ކަމަށްވާތީއެވެ.

މިއީ ނާދިރު، އުފަންވީއްސުރެ ހުންނަ ކަމެކެވެ. މިއީ ކޮންމެ ދެ މިލިއަން މީހުންގެ ތެރެއިން އެކަކަށް ކުރިމަތިވާ ހާލަތެކެވެ. ދުނިޔޭގައި މި ވަގުތު އުޅެނީ މި ހާލަތް ކުރިމަތިވެފައިވާ 4،000 މީހުންނެވެ.

މި ހާލަތުގައި ވާ ގޮތަކީ ރަހިމްގައި މީހާ އުފެދެމުން އަންނައިރު އޭނާގެ ދެ ލޯ ނުއުފެދެނީއެވެ. އަދި އޭގެ ބަދަލުގައި އޭނާގެ ދެ ލޯ ހުންނަ ހިސާބުގައި ހަން ހެދެނީއެވެ. މިހެންވެ، މުޅި އުމުރުގައިވެސް މީހާ އުޅެން ޖެހެނީ ލޯފަން މީހެއްގެ ގޮތުގައެވެ.

ސޯޝަލް މީޑިއާގައިވެސް އުޅޭ، އެމެރިކާގެ ރައްޔިތެއްކަމަށްވާ އޭޑްރީއެންއާ ބެހޭ ގޮތުން އޮންލައިންގައި އެކި މީހުން އޭނާއާ ބެހޭ ގޮތުން އެކި ކަހަލަ ހިޔާލުތައް ފާޅުކުރުމުގެ ކުރިންވެސް އޭޑްރީއެން އޭނާގެ އަމިއްލަ ޒާތީ ފަލްސަފާއެއް ގެންގުޅުނެވެ. އެއީ، ކަންތައްތައް ދެނެގަނެ، އެ ކަންތައްތައް ކުރާނީ އޭނާ އަމިއްލައަށް، އަމިއްލަ މިނިވަންކަމާއެކުގައިކަމެވެ. އެހެން މީހެއްގެ ގާތުން އެހީއަކަށް އެދޭނީ އޭނާއަށް އަމިއްލަ ހަށްޓަށް ކުރެވުނު ހުރިހާ ކަމެއްކޮށްފައި، ދެން އެހެން ގޮތެއް ނެތިގެންކަމަށް ނިންމައިގެންނެވެ.

އޭޑްރީއެންގެ މިހާރު ދެ އަންހެން ދަރިން ތިބެއެވެ. އެއީ އެޑްރީއެނާ އާއި ޓްރިނިޓީއެވެ. އޭޑްރީއެނަށް ޖެހުނީ، ލޮލަށް ފެންނަ މީހުންނަށް ފަރުމާކޮށްފައިވާ ދުނިޔެއަކަށް އޭނާގެ ދެ ދަރިން ބޮޑުކޮށް، ބެލެހެއްޓުމުގެ ކަންތައްތައް ބައްޓަންކުރާށެވެ.

"ވިޝުއަލް ކިއު"ތައް ނުވަތަ ލޮލަށް ފެންނާނެ އެއްވެސް ސިގްނަލެއް ނެތް މާހައުލެއްގައި އޭޑްރީއެނަށް ޖެހުނީ އޭނާގެ ދުނިޔެ "އޯޑިޓަރީ މެޕް"އަކަށް ނުވަތަ "އަޑުގެ ޗާޓަ"ކަށް ބަދަލުކޮށްލައިށެވެ. އެ ގޮތުން، އޭނާ ހުރިހާ ކަމެއްވެސް ކުރަން ފެށީ އޭނާ އެ ވަގުތަކު ހުންނަ ތަނެއްގައި، ވަށައިގެންވާ މާހައުލުން އޭނާއަށް އިވޭ އަޑުތަކަށް ބިނާކޮށްގެންނެވެ.

ކ-ވ: އެޑްރީއެނާ، އޭޑްރީއެން އަދި ޓްރިނިޓީ

ޒުވާން މަންމައެއްގެ ގޮތުގައި އުޅުނުއިރު، އޭޑްރީއެން އޭނާގެ ޅަފަތުގެ ދެ ދަރިންގެ ރުއިމުގެ އަޑުގައި ހުންނަ ތާލު ނުވަތަ ގޮތްތައް ("ކޭޑެންސް") ފާހަގަކުރަން ދަސްކުރިއެވެ. އެއީ އެ ކުދިން ބަނޑުހައިވުން، ފޫހިވުން އަދި އުނދަގޫކަމެއް އިހްސާސްވުމުން ރޯއިރު އެ ރުއިމުގައި ހުންނަ ތާލު ނުވަތަ ގޮތްތަކުގެ ތަފާތުކަމެވެ.

ކެއްކުމާއި ސާފުކުރުން ފަދަ ގޭތެރޭގެ ކަންތައްތައް އޭނާ އެކަނިވެރި މައެއްގެ ގޮތުގައި ކުރަނީ އަމިއްލަ މިނިވަންކަމާއެކުއެވެ. ހުޅުވިފައިވާ އުނދުނުގެ ބަދަލުގައި އޭނާ ކައްކަނީ އެއާ ފްރަޔާއިންނެވެ.

އޭނާއާ ބެހޭ ޑޮކިއުމެންޓްރީ "ބޯން ޑިފަރަންޓް" (ލަފުޒީ މާނައިން "އުފަންވީ ތަފާތުކޮށް")ގައިވެސް އޭނާ އޭނާގެ ފިރިމީހާ ނުވަތަ ބައިވެރިޔާއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކި މީޑިއާތަކުން ބުނެފައިވަނީ އޭޑްރީއެން އޭނާގެ ފިރިމީހާ ނުވަތަ ބައިވެރިޔާއާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަނުކުރާކަމަށެވެ. އަދި އޭނާ އާއި އޭނާގެ އާއިލާގެ ސަލާމަތަށްޓަކައި އެމެރިކާގައި އޭނާ ދިރިއުޅެނީ ކޮން ތަނެއްގައިތޯވެސް އޭނާވެސް އަދި މީޑިއާއިންވެސް ހާމަކޮށްފައެއްނުވެއެވެ.

އޭޑްރީއެން

"ފޮތެއްގައި ލިޔެފައިވާ އެއްޗަކާމެދު ގޮތެއް ނިންމުމަށް ހަމައެކަނި އެ ފޮތުގެ ބަނޑޭރިގަނޑަށް ބެލުމުގެ ބަދަލުގައި އެ ފޮތް ހުޅުވައިލަމާތޯ. އެ ފޮތުގެ ބާބުތައް ކިޔައިލައި. ތިބާއަށް ފެންނަ އެއްޗެހި ތިބާއަށް ކަމުގޮސްފާނެ،" އޭޑްރީއެން ބުންޏެވެ.

ދެ ދަރިން ބޮޑުވަމުން އަންނަން ފެށުމުން ޓިކްޓޮކް ފަދަ މަންސަތަކުގައި އޭޑްރީއެން ބައިވެރިވިއެވެ. އެއީ އޭނާ ހަޔާތް ތަޖުރިބާކުރި ގޮތް އެހެން މީހުންނާ ހިއްސާކުރާށެވެ. އަދި ނާދިރު، އުފަންވީއްސުރެ ހުންނަ ސިއްހީ ހާލަތްތަކާމެދު އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

އޭޑްރީއެނަށް އާއްމުންގެ ސަމާލުކަން ލިބުމުން އޮންލައިންގައި އުޅޭ މީހުން އޭނާ "ވަޒަންކުރަން" ފެށިއެވެ. އޭނާއަށް ފާޑުކިޔާ ފަރާތްތަކުން އޭނާއަށް "ހުކުމްކުރަން" ފެށިއެވެ. ބައެއް މީހުން ތުހުމަތުކުރީ އޭނާގެ ދެ ދަރިން "ފުލް-ޓައިމް" ނުވަތަ ހުރިހާ ވަގުތެއްގައި އުޅެނީ އޭނާއަށް އެހީތެރިވެދިނުމުގައިކަމަށެވެ. އަނެއް ބައި މީހުން ތުހުމަތުކުރީ ގޭތެރޭގައި ހުރިހާ މަސައްކަތެއްކުރަނީ އޭނާގެ ދެ ދަރިންކަމަށެވެ.

ކ-ވ: އޭޑްރީއެން، ޓްރިނިޓީ އަދި އެޑްރީއެނާ

އޭނާގެ ދެ ދަރިން ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދޭތޯވެސް ބައެއް މީހުން މަސައްކަތްކުރިއެވެ. ނަމަވެސް ސަރުކާރުން އެ ގޮތަކަށް އަމަލެއްނުކުރިއެވެ.

އޭނާގެ ދަރިފުޅު ޓްރިނިޓީ، ފާޑުކިޔާ މީހުންގެ ބުނުންތައް ދޮގުކުރެއެވެ. ޓްރިނިޓީ ބުނީ އޭނާ އާއި އެޑްރީއެނާ ބޮޑުކުރުމުގައި މަންމަ ހުރިހާ ކަމެއްކުރީ މަންމަ އަމިއްލައަށް ކަމަށެވެ. އެ ގޮތުން، އެހެނިހެން ބެލެނިވެރިން ފަދައިން، ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ ކަންތައްތައް މަންމަ ކުރިކަމަށެވެ.

އޭޑްރީއެން ބުނީ މުހިންމުކަމަކީ ތަފާތުކަމެއް ހުރިއްޔާ އެ ތަފާތުކަމުގެ ބޭނުން ހިފޭނޭ ގޮތަށް އެ ތަފާތުކަން ބައްޓަންކޮށްގެން، އެ މީހަކު އުޅެން އެންމެ ބޭނުންވާ ގޮތަށް އުޅުންކަމަށެވެ.

ކަންކަން އިސްލާހުކުރުމަށް އޮންލައިންގައި ވާހަކަދައްކާ އޭޑްރީއެން މިހާރުވެސް ދަނީ ލޮލަށް ފެނުމުން މަހްރޫމްވެފައިވުމަކީ ލަދުގަންނަން ޖެހޭ ކަމެއްކަމަށް ދެކޭދެކުމަށް ގޮންޖަހަމުންނެވެ. އޭނާގެ ހަޔާތުން އޭނާ ސިފަކޮށްދެނީ އަދި ހެކި ދައްކަނީ ޒާތީ މިނިވަންކަން ބިނާވަނީ، ލޮލަށް ފެނުމުގެ ބަދަލުގައި، އަޒުމެއްގެ މައްޗަށްކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *