އެމެރިކާގެ ކެލިފޯނިއާ ސްޓޭޓަށް މިހާރު ކުރިމަތިވެފައިވާ ހީޓް ވޭވްގައި ހޫނުގަދަކަމުން ފެން ތާނގީއަކަށް އެރި ތާށިވި ސާރިދޯޅު އާއިލާއެއް ސަލާމަތްކޮށްފިއެވެ.
މަންމަ އަދި ތިން ދަރިފުޅު ކޮންކްރީޓުން ހަދައިފައި ހުރި ބޮޑު ފެން ތާނގީގައި ތާށިވެފައި ތިބިކަން އެނގުނީ ހޮނިހިރު ދުވަހު އެ ހިސާބުގައި ޖޮގިންގައި އުޅުނު ތިން މީހުންނަށެވެ. އެ މީހުންނަށް އިވުނީ ސާރިދޯޅުތައް ރޮއި، އެ ސޮރުމެންގެ ހަޅޭކުގެ އަޑެވެ.
ސަލާމަތްކުރަން ދިޔަ މީހުންގެ ޓީމުން އެ ހިސާބަށް ނުދެވެނީސް އެ ތަނުން ކުޑަ ސާރިދޯޅެއްވަނީ އަމިއްލައަށް ސަލާމަތްވެފައެވެ. މަންމަ ހުރީ އިސްކޮޅުކާ ގޮތަށް ކޮޅަށް ތާނގީގެ ފާރުގައި ލެނގިލައިގެންނެވެ.
އަލިފާން ނިއްވާ މީހުންނާއި މަހާއި ހައިވާނުންނާ ބެހޭ ކެލިފޯނިއާގެ ޑިޕާޓްމަންޓުން ތާނގީން ފެން ހުސްކުރިއެވެ. އެއީ ސާރިދޯޅުތައް ގެނބިގެން މަރުވެދާނެތީއެވެ. ދެން ތާނގީ ތެރެއަށް ވަދެވެން ހުރި އާނގަ ފުޅާކޮށްލައި، އޭގެ ތެރެއިން ތާނގީ ތެރެއަށް ހަރުގަނޑެއް ބޭލިއެވެ.
މަންމަ އަދި ދެން ތިބި ދެ ދަރިން ދެން ތާނގީން ނުކުތެވެ. މި މަންޒަރުވަނީ ވީޑިއޯކުރެވިފައެވެ.
ރަސްމީ އިދާރާތަކުން ލަފާކުރަނީ އެ ސާރިދޯޅު އާއިލާ ފެން ތާނގީ ތެރޭގައި 12 ގަޑިއިރު ނުވަތަ އެއަށްވުރެވެސް ގިނައިރު ތާށިވެފައި ތިބިކަމަށެވެ.
"އަހަރެމެން އާނގަ ތެރެއަށް ބަލައިލުމުން މަންމަ ސާރިދޯޅު ހުރީ އަހަރެމެންނާ ދިމާއަށް ބަލަހައްޓައިގެން،" ޖޮގިންގައި އުޅުނު ޖޭމީ ކާކް ބުންޏެވެ.
ކެލިފޯނިއާގެ ލޮސް އެންޖަލަސް ސިޓީގެ އަލިފާން ނިއްވާ އިދާރާގެ ތަރުޖަމާނު ކީތް ނަވާ ބުނީ ސާރިދޯޅުތައް ފެން ތާނގީއަށް އެރުނީ އެ ސޮރުމެން ފެންބޮވައިގަނެގެންކަމަށް ވެދާނެކަމަށެވެ. ސަބަބަކީ އެ ދުވަހުގެ ހޫނުމިން 37 ޑިގްރީ ސެލްސިއަސް (98 ޑިގްރީ ފަރަންހައިޓް)އަށް އެރުމުންނެވެ.
މަހާއި ހައިވާނާ ބެހޭ އިދާރާއިން ބުނީ އިތުރު ހައިވާނުންނަށް އެ ފެން ތާނގީއަށް ނޭރެވޭނެ ގޮތް މިހާރު ދަނީ ހަދަމުންކަމަށެވެ.



advertisment