Support Us

އެމެރިކާގެ ލަވަކިޔުންތެރިޔާ މެޑޯނާ (ވ) އަދި އޮސްޓްރޭލިއާގެ ޑިސްކް ޖޮކީ ޖޯޝް ފަވާޒް

ހަމައެކަނި އޭ.އައި ބޭނުންކޮށްގެން ހަދާ ލަވަތައް ރަސްމީ މިއުޒިކް ޗާޓުތަކުގައި ހިމެނުން އޮސްޓްރޭލިއާގައި މަނާކޮށްފި

ހަމައެކަނި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ހަދާ ލަވަތައް ރަސްމީ މިއުޒިކް ޗާޓުތަކުގައި ހިމެނުން އޮސްޓްރޭލިއާގައި މަނާކޮށްފިއެވެ.

އިއްޔެއިން ފެށިގެން މި ގޮތަށް އަމަލުކުރަން ފެށީ އެމެރިކާގެ ލަވަކިޔުންތެރިޔާ، އުމުރުން 68 އަހަރުގެ މެޑޯނާގެ 1989 ގެ ލަވަ "ލައިކް އަ ޕްރޭޔަރ"ގެ ކަވަރއެއް އޭ.އައި ބޭނުންކޮށްގެން އޮސްޓްރޭލިއާގެ ޑިސްކް ޖޮކީ ނުވަތަ ރޭޑިއޯއިން ލަވަ ޖަހާ ޕްރޮގްރާމް ހިންގާ މީހެއްކަމަށްވާ އުމުރުން 38 އަހަރުގެ ޖޯޝް ފަވާޒް ހަދައި، އޮސްޓްރޭލިއާގެ އިތުރުން އިނގިރޭސި ވިލާތުގެވެސް މިއުޒިކް ޗާޓުތަކުގައި އާދަޔާހިލާފު ކުރިއެރުމެއް އެ ލަވައަށް ލިބެމުންދާތީއެވެ.

ފަވާޒް އޭ.އައި ބޭނުންކޮށްގެން ހެދި އެ ލަވަ ވެފައިވަނީ މި ދިޔަ މަހު އޮސްޓްރޭލިއާގެ ރޭޑިއޯއިން އެންމެ ގިނައިން ބްރޯޑްކާސްޓްކުރި ލަވައަށެވެ. އޮސްޓްރޭލިއާގެ މިއުޒިކް ސިނާއަތް ތަމްސީލުކުރާ ޖަމިއްޔާ، އޮސްޓްރޭލިއަން ރެކޯޑިން އިންޑަސްޓްރީ އެސޯސިއޭޝަން (އޭ.އާރް.އައި.އޭ)ގެ ޑާންސް ސިންގަލްސް ޗާޓުގެ އެއްވަނައިގައި މި ވަގުތު އޮތީވެސް އެ ލަވައެވެ.

ސިންގަލްސް ޗާޓްގެ ފުރަތަމަ 20 ގައި އެ ލަވަވަނީ 16 ހަފުތާ ހޭދަކޮށްފައެވެ. އަދި މި ވަގުތުވެސް ހަތަރުވަނައިގައި އޮތްއިރު އަދިވެސް ދަނީ ޗާޓުގައި މައްޗަށް އަރަމުންނެވެ.

އޭ.އާރް.އައި.އޭއިން ބުނީ މީގެ ފަހުން އޭ.އައި ބޭނުންކުރެވޭނީ އެހީއެއްގެ ރޯލެއްގައިކަމަށާއި ޗާޓުގައި ހިމަނަން ކޮލިފައިވާނީ އެ ލަވައެއް ހެދުމުގައި ފުދޭވަރަކަށް އިންސާނެއްގެ ދައުރު އޮތްނަމަކަމަށެވެ.

"މިހެން ހެދުމުން އޮސްޓްރޭލިއާގައި މިއުޒިކް ނެރޭ ފަރާތްތައް މަސައްކަތްކުރަން ޖެހޭ ސާފު ގަވައިދެއް އޮންނާނެ،" އޭ.އާރް.އައި.އޭގެ ޗީފް އިގްޒެކެޓިވް، އެނަބެލް ހާޑް ބުންޏެވެ.

ފަވާޒް ހެދި ލަވައިގައި ލަވަކިޔާ އަޑުވެސް ހަދައިފައިވަނީ އޭ.އައިއިންނެވެ. އަދި ޑްރަމްސްގެ އަޑަކީވެސް އޭ.އައި ބޭނުންކޮށްގެން ހަދައިފައިވާ އަޑެވެ.

"އަހަރެން އޭ.އައި ބޭނުންކުރީ ލަވަ އުފައްދާ އާލާތެއްގެ ގޮތުގައި،" ފަވާޒް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *