ހަތަރު އަތާއި ހަތަރު ފައި ހުރި ފިރިހެން ކުއްޖެއް އިންޑިއާގައި އުފަންވެއްޖެއެވެ.
މަދްޔަ ޕްރަދޭޝް ސްޓޭޓްގެ ޗަތަރުޕޫރު ސިޓީގެ ކުޑަ އަވަށެއް ކަމަށްވާ ލަވްކުޝްނަގަރުގައި އުމުރުން 29 އަހަރުގެ ނީތާ އަހިރްވަރްއަށް، ބަރުދަނުގައި ތިން ކިލޯ ހުރި އެ ކުއްޖާ ލިބުނީ މި ދިޔަ އާދީއްތަ ދުވަހުއެވެ. ހަރްދުވަރް ބަސްތީއަށް ނިސްބަތްވާ މަންމަ އާއި ކުއްޖާގެ ހާލުވެސް ރަނގަޅެވެ.
ކޮންޖެނިޓަލް ނުވަތަ ވިހޭއްސުރެ ހުރި މި ނާދިރު ހާލަތު ޑޮކްޓަރުން މިހާރު ދަނީ ބަލަމުންނެވެ.
އިޖުތިމާއީ ސިއްހީ މަރުކަޒެއްގައި އުފަންވި ކުއްޖާ ޖަބަލްޕޫރު ސިޓީގައި ސްކޭންކޮށް، ސްޕެޝަލިސްޓުން އިތުރަށް ބެލުމަށްވަނީ ހަމަޖައްސައިފައެވެ. އެއީ، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ގުޅިފައި ހުރި ގޮތުން ސާޖަރީކޮށްގެން އިތުރަށް ހުރި ދެ އަތާއި ދެ ފައި ވަކިކުރެވިދާނެތޯ ބެލުމަށެވެ.
ބެލުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ކުއްޖާގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ގޮތާއި ކަށިތަކާއި ލޭ ހޮޅިތަކާއި އަދި އެތެރޭގެ ގުނަވަންތަކާ، އިތުރު ދެ އަތާއި އިތުރު ދެ ފައި ގުޅިފައިވާ ގޮތް ހިމެނެއެވެ.
ޑޮކްޓަރުން ޝައްކުކުރަނީ މިއީ ހެޓެރޮޕަގަސް ނުވަތަ ޕެރަސިޓިކް އެއްމާބަނޑު ދެ ކުދިން ހާލަތެއްކަމަށެވެ. އެ ގޮތުން އެއް މާބަނޑު އެއް ކުއްޖެއްގެ ރަނގަޅަށް އުފެދިފައިވާނުވާ ހަށިގަނޑު، ރަނގަޅަށް އުފެދިފައިވާ ކުއްޖާގެ މެއާއި ބަނޑުގައި ގުޅިފައިވަނީ ކަމަށެވެ. އަދި މިހެންވެ ފެންނަ ފެނުމަށް ރަނގަޅަށް އޮތް ކުއްޖާގައި އިތުރު ދެ އަތާއި ދެ ފައި ހުރިކަމަށް ދައްކަނީއެވެ.
"ކުއްޖާ ވަރަށް ގާތުން ޑޮކްޓަރުންގެ ޓީމަކުން ދަނީ މޮނިޓަރކުރަމުން،" ޗަތަރުޕޫރު ސިޓީގެ އިސް ސިއްހީ އޮފިސަރު، ޑޮކްޓަރު ރަޖެންދްރަ ގުޕްތާ ބުންޏެވެ.
މި އާދަޔާހިލާފު ހަބަރު ފެތުރުމުން އެތައް ބަޔަކުވަނީ ކުއްޖާ އާއި މަންމަ މިހާރު އޮބްޒަވޭޝަންއަށް ބާއްވައިފައި އޮތް ޗަތަރުޕޫރުގެ އަވަށު ހޮސްޕިޓަލް ދޮށަށް އެއްވެފައެވެ. ކުއްޖާ ދެން ގެންދާނީ ޖަބަލްޕޫރުގެ މެޑިކަލް ކޮލެޖަށެވެ. އެއީ އިވަލުއޭޓްކޮށް، ފަރުވާ ދިނުމަށެވެ. ކުއްޖާގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ.



advertisment