ފެނަކައިގެ 13 މިލިއަން ރުފިޔާގެ އިންޖީނު ހިފައިގެން ހދ. ކުޅުދުއްފުއްޓަށް ދަނިކޮށް މި މަހު 13 ވަނަ ދުވަހުގެ ރޭ ށ. ނަލަންދޫ ފަރަށްއެރި ކޮޅުވެއްޓި، ފުން ނުކުރެވި ފަރުމަތީގައި ހުންނަތާ 16 ދުވަސް ވީއިރު ވެސް ފަރުތައް ހިމާޔަތްކުރާ އެޖެންސީން އެއްވެސް ކަމެއް އަދި ނުކުރެއެވެ.
"އެ ކޮޅުވެއްޓި ފަރަށް އަރައިފައި ހުރިކަމުގެ މައުލޫމާތު ލިބިފައި ވަނީ. މިހާތަނަށް އެއްވެސް ކަމެއް އަދި ނުކުރަން. އެކަމަކު ކުރާނަން. ތަންތަނަށް ދަތުރުކުރަން މި ދުވަސްކޮޅު ވަރަށް އުނދަގޫ،" އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމް މިއަދު ވިދާޅުވިއެވެ. "އަދި އޭތި ފުންވެސް ނުވާ ކަމަށް އެނގިފައި އޮތީ."
އުޅަނދުފަހަރު ފަރަށް އެރުމުން، ފަރަށް ލިބޭ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި، ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އެ އުޅަނދެއްގެ ވެރިފަރާތް ޖޫރިމަނާ ކުރެއެވެ.
ފެނަކައިގެ އިންޖީނުތަކާއި ކޭބަލްތައް ހިފައިގެންދިޔަ، ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑު މޯލްޑިވްސްގެ "ހެވީ ސްޓާރ 7″ ނަމަކަށް ކިޔާ 140 ފޫޓުގެ ކޮޅުވެއްޓި ނަލަންދޫ ފަރަށް އެރިތާ 10 ދުވަސްފަހުން، އިންޖީނުތަކާއި ޕެނަލް ބޯޑު ބާލައިގެން ށ. މިލަންދުއަށް ވަނީ ގެންގޮސްފައެވެ. އޭގެ ފަހުން މިއަދަށް ހަފުތާއެއް ވީއިރު ވެސް ކޮޅުވެއްޓި އަދިވެސް ފުނެއް ނުވެއެވެ.
ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް ކުރަނީ ހެވީލޯޑްގެ މީހުންނެވެ. ނަމަވެސް މިކަމުގައި ހެވީ ލޯޑުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ރިސޯޓެއް ހަދަން ދޫކުރަން ހަމަޖެހިފައިވާ ނަލަންދޫ ފަރުމަތީގައި ތަޅަތަޅައި ކޮޅުވެއްޓި ވެސް ވަނީ ވަރަށް ބޮޑަށް ފޫގޮސްފައެވެ. އަދި އެ ހިސާބުގަނޑުގެ މުރަކަތައް ވަނީ ވަރަށް ބޮޑަށް ފުނޑުފުނޑުވެފައެވެ.
ކޮޅުވެއްޓިން ފޫގޮސްފައިވާ ބާގަނޑުތައް ބައްދަން ސަތަރި އަޅައި، ސެމިންތި ޖަހައިގެން ވެސް ހައްލެއް ވަނީ ނުލިބިފައެވެ. އަދި ޓަގެއްގައި ވާ އައްސާފައި ޖެހުމުން، ކޮޅުވެއްޓީގެ މޫޓުތައް ވެސް ވަނީ ލުހިގެން ގޮސްފައެވެ.
"ވަރަށް ބާވެފައި އޮތް އެއްޗެއް މިއީ. އެހެންވެ ތަންތަންގަނޑު ނައްޓައިގެން ދަނީ،" ކޮޅުވެއްޓި ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އެނގި ހުރި މީހަކު ކިޔައިދިނެވެ. "ސައްބީސް ކޮތަޅުގެ ސިމެންތި ގެނެސްގެން ވެސް ދިޔަވުން ނުހުއްޓުވުނު. ހުރިހައި ސިމެންތިއެއް ވެސް ފަރުމައްޗަށް ފައިބާފަވީ."
އޭނާ ބުނި ގޮތުގައި ކޮޅުވެއްޓި ފުންކުރެވޭތޯ ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް، ފަރަށް އަރައިފައިވާލެއް ބޮޑުކަމުން، އޭތި ފުންވާނެކަމުގެ އުންމީދު މިހާރު ވަރަށް ކުޑައެވެ.



advertisment