Support Us

މެޓަ ކުންފުނީގެ ޗީފް އެގްޒެކެޓިވް، މާކް ޒަކަބަގް މި ދިޔަ ފެބްރުއަރީގައި އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލަސް ސިޓީގެ ކޯޓެއްގެ ބޭރުގައި

ފޭސްބުކް، އިންސްޓަގްރާމް ހިންގާ ކުންފުނި އަނެއްކާވެސް ޖޫރިމަނާ

މަގުބޫލު ސޯޝަލް މީޑިއާ މަންސަތައް ކަމަށްވާ ފޭސްބުކް އާއި އިންސްޓަގްރާމް ހިންގާ މެޓަ ކުންފުނި 567 މިލިއަން ޑޮލަރު (8.76 ބިލިއަން ރުފިޔާ)އިން ޖޫރިމަނާކޮށްފިއެވެ.

އެމެރިކާގެ ނިއު މެކްސިކޯ ސްޓޭޓްގެ ކޯޓަކުން އިއްޔެ އަމުރުކުރީ، އެ ސޯޝަލް މީޑިއާ މަންސަތައް ހިންގާ ކުންފުނީގެ އަމަލުތައް ހުރި ގޮތުގެ ސަބަބުން ނަފުސާނީ ނޭދެވޭ އަސަރުކުރާ މީހުންނަށް އެހީވާ ފަންޑަކަށް އެ ފައިސާ ޖަމާކުރުމަށެވެ.

ކޯޓުގެ މި ނިންމުމަކީ މެޓައާ ދެކޮޅަށް މި ދިޔަ މާޗްގައިވެސް ނިންމުމެއް ނިންމި ތާރީހީ ޝަރީއަތެއްގެ ދެވަނަ މަރުހަލާގެ ބައެކެވެ. އެ ފަހަރު ކޯޓުން ނިންމީ މެޓަގެ ސޯޝަލް މީޑިއާ މަންސަތަކުން ކުޑަކުދިންނަށް ނަފުސާނީ ނޭދެވޭ އަސަރުކުރާކަމަށާއި ކުޑަކުދިންގެ ޖިންސީ ފައިދާ ނަގައިކަން އެނގޭއެނގުން އެ ކުންފުނިން ފޮރުވަން މަސައްކަތްކުރި ކަމަށެވެ. އަދި ވަނީ އެންމެ މަތިން ކުރެވޭ ޖޫރިމަނާކަމަށްވާ 375 މިލިއަން ޑޮލަރު (5.79 ބިލިއަން ރުފިޔާ)ގެ ޖޫރިމަނާކޮށްފައެވެ.

އެހެންކަމުން އިއްޔެގެ ނިންމުމާއެކު މެޓައަށްކުރި ޖުމުލަ ޖޫރިމަނާގެ އަދަދު 942 މިލިއަން ޑޮލަރު (14.56 ބިލިއަން ރުފިޔާ)އަށް އަރައެވެ.

މިއީ މެޓައަށް އަހަރަކު ލިބޭ ފައިދާއާ ބަލާއިރު ކުޑަ އެއްޗެކެވެ. މި ދިޔަ އަހަރު އެކަނިވެސް މެޓަގެ ފައިދާ 60 ބިލިއަން ޑޮލަރު (927.6 ބިލިއަން ރުފިޔާ)އަށް އެރިއެވެ. ނަމަވެސް މި ޖޫރިމަނާތަކަކީ މެޓައަށް ލިބުނު ދެރައެކެވެ. ސަބަބަކީ މެޓަގެ ސޯޝަލް މީޑިއާ މަންސަތަކުގެ ސަބަބުން ގެއްލުން ލިބުނު ކުޑަކުދިންގެ އާއިލާތަކުގެ ފަރާތުން އެ ކުންފުންޏާމެދު ތަފާތު ތުހުމަތުތައް އަދިވެސް ކުރަމުންދާތީއެވެ.

"ޖޫރިމަނާގެ ބޮޑު ބައެއް ކަމަށްވާ 420 މިލިއަން ޑޮލަރު (6.49 ބިލިއަން ރުފިޔާ) ބޭނުންކުރެވޭނީ ނިއު މެކްސިކޯގެ ކުދިންނަށް ފަރުވާދިނުމުގެ ހިދުމަތްތަކަށް. އަނެއް ބައި ހޭދަކުރާނީ ހޭލުންތެރިކަމާއި ގެއްލުން ލިބުމުން ސަލާމަތްކުރުމާއި ސްކްރީންކުރުމުގެ ހިދުމަތްތަކާއި އެހެނިހެން ހަރަދުތަކަށް. އެއީ ކުރިއަށް އޮތް ފަސް އަހަރަށް،" ފަނޑިޔާރު ބްރައިއަން ބީޑްޝައިޑް ވިދާޅުވިއެވެ.

މާޗް މަހު އޮތް ޝަރީއަތަކީ މެޓަގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިނގާ ކަންތައްތަކުގެ ޒިންމާ އެ ކުންފުނިން ނަގަން ޖެހޭނެ ކަމަށް ކަނޑައެޅި ޝަރީއަތެވެ. އެ ޝަރީއަތް ހިންގީ އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން 2023 ގައި ހިންގި ތަހުގީގެއްގައި ފޭސްބުކާއި އިންސްޓަގްރާމަކީ ކުޑަކުދިންގެ ޖިންސީ ފައިދާ ނަގާ "ބާޒާރެ"އްކަން ހާމަވުމުންނެވެ.

މެޓަގައި ކުރިން މަސައްކަތްކޮށްފައިވާ ބައިވަރު މޮޑަރޭޓަރުން ދަ ގާޑިއަންއަށް ބުނެފައިވަނީ ކުޑަކުދިން ގްރޫމްކުރުމުގެ މައްސަލަތައް ރިޕޯޓްކުރި ނަމަވެސް ކުންފުނީގައި މައްޗަށް ތިބޭ ވެރިން އެ ކަމާ ފިޔަވަޅު އަޅައިފައިނުވާ ކަމަށެވެ.

މެޓައިން ބުނެފައިވަނީ އިއްޔެގެ ހުކުމާ ދެކޮޅުހަދާ ކަމަށާއި މައްސަލަ އިސްތިއުނާފުކުރާނެ ކަމަށެވެ.

މެއި މަހު ފެށި ޝަރީއަތުގެ ދެވަނަ މަރުހަލާގައި ޕްރޮސެކިއުޓަރުން ފަނޑިޔާރުގެ ގާތުގައި އެދުނީ ސޯޝަލް މީޑިއާއަށް ދެވިނުހިފާނެ ގޮތް ހަދަން މެޓަގެ މަންސަތަކަށް އަސާސީ ބަދަލުތައް ގެންނަން އަމުރުކޮށްދެއްވުމަށެވެ. އޭގެ ތެރޭގައި އުމުރު ކަށަވަރުކުރުމަށާއި ކުޑަކުދިންގެ ޖިންސީ ފައިދާ ނެގިޔަނުދިނުމަށް ޑިފޯލްޓް ޕްރައިވެސީ ސެޓިން ބަދަލުކޮށްދިނުން ހިމެނެއެވެ.

މީގެ ފަހުން މެޓައަށް އުމުރުން 13 އަހަރު ނުވާ ކުދިންގެ ޒާތީ މައުލޫމާތު އެކެއް ނުކުރެވޭނެއެވެ. އަދި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތަކާ ބެހޭ މައުލޫމާތު އެ ކުންފުނީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިމަނަން ޖެހޭއިރު އަހަރަކު ދެ ފަހަރު އެ ކުންފުންޏާ ބެހޭ މައުލޫމާތުތައް ނިއު މެކްސިކޯ ސްޓޭޓްގެ ރަސްމީ އިދާރާތަކަށް ހުށަހަޅަން ޖެހެއެވެ.

ނިއު މެކްސިކޯ ސްޓޭޓްގެ ބަންޑާރަ ނައިބު ރައޫލް ޓޮރެޒް ވިދާޅުވީ އިއްޔެގެ ހުކުމަކީ ކުޑަކުދިންނަށާއި އާއިލާތަކަށް ލިބުނު ކާމިޔާބެއް ކަމަށެވެ. މިހެންވެ، އިއްޔެގެ ހުކުމުގެ ސަބަބުން އެމެރިކާގެ އެހެން ސްޓޭޓްތަކުގައި މެޓައާ ދެކޮޅަށް ކުރިއަށްދާ ޝަރީއަތްތަކަށް ހެޔޮ ބަދަލު އައުން އެކަށީގެންވާ ކަމަށް ބެލެވެއެވެ.

އެމެރިކާގައި ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު 198 މިލިއަންގައި އުޅޭއިރު އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދަކީ 182 މިލިއަނެވެ. މުޅި ދުނިޔެއަށް ބަލާއިރު 3.1 ބިލިއަން މީހުން ފޭސްބުކް ބޭނުންކުރާއިރު އިންސްޓަގްރާމް ބޭނުންކުރަނީ ތިން ބިލިއަން މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *