ޑިސްކަވަރީ ޗެނަލުން މިހާރު ދައްކަމުންދާ "ޝާކް ވީކް" ނުވަތަ މިޔަރުތަކާ ބެހޭ އެއް ހަފުތާގެ ޕްރޮގްރާމްތަކުގައި އެމެރިކާގެ ހައިވާނުންނާ ބެހޭ ބަޔޮލޮޖިސްޓެއް އަދި ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ފޮރަސްޓް ގަލަންޓޭގެ، މަދުން ނޫނީ ނުފެންނަ ބާސްކިން މިޔަރާއެކު ފަތައިލެވުނު ނާދިރު ތަޖުރިބާ ބުދަ ދުވަހު ދައްކާނެއެވެ.
އިއްޔެ ފެށި "މިޔަރު ހަފުތާ" ޕްރޮގްރާމްތަކުގައި ދައްކަން ހަމަޖައްސައިފައިވާ، އެމެރިކާގެ ބޮސްޓަން ސިޓީގެ އައްސޭރިފަށުގައި ބާސްކިން މިޔަރުތަކަކާއެކު ފަތައިލެވުމުގެ ތަޖުރިބާއަކީ "ކުޑައިރުގެ ހުވަފެނެ"އް ކަމަށް، އުމުރުން 38 އަހަރުގެ ގަލަންޓޭ ބުންޏެވެ.
"ބާސްކިން މިޔަރާއެކު ފަތައިލުމަކީ އަހަރެންގެ އުމުރުން 10 އަހަރުގައި ވެސް، މަރުވުމުގެ ކުރިން އަހަރެން ކުރަން ބޭނުންވި ކަމެއް،" ގަލަންޓޭ ބުންޏެވެ.
މާކަނޑުގައި އެތައް ސަތޭކަ މީޓަރު އަޑީގައި އާއްމު ގޮތެއްގައި އުޅޭތީ، ދުނިޔޭގައި ހިމާޔަތްކޮށްފައިވާ ބާސްކިން މިޔަރަކީ މަދުން ނޫނީ ނުފެންނަ މަހެކެވެ. އާއްމު ގޮތެއްގައި ފެންނަނީ ބައެއް ފަހަރު ކާން އަރާ އުޅޭއިރުއެވެ.
ގަލަންޓޭގެ ނާދިރު ތަޖުރިބާ ދައްކާ ޕްރޮގްރާމަށް ދީފައިވާ ނަމަކީ "އޭލިއަން ޝާކްސް: އަންޓޭމްޑް އެމެރިކާ"އެވެ.
އޭނާ ބުނީ އޭނާގެ ޕްރޮގްރާމްގެ މަގުސަދަކީ އެމެރިކާގެ ކަނޑުތަކުގައި އާދަޔާހިލާފު ދިރުންތައް އުޅޭކަން ދައްކުވައިދިނުން ކަމަށެވެ.
ގަލަންޓޭ އާއި އޭނާގެ ޓީމުން ބާސްކިން މިޔަރުތައް ހޯދީ ކުޑަ މަތިންދާބޯޓަކާއި ޑްރޯންތަކެއްގެ އެހީގައެވެ.
ގަލަންޓޭ ބުނީ މިޔަރަކީ މީހުންނަށް ރަނގަޅަށް ފަހުމްނުވާ ދިރުމެއް ކަމަށާއި އެހެންކަމުން މިޔަރުތަކާމެދު ކުށްހީތައް މީހުންނަށް ކުރެވޭ ކަމަށާއި އޭނާގެ ޕްރޮގްރާމްގެ ސަބަބުން މިޔަރު ހިމާޔަތްކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ފެހުރިހި ނަގައިފައި ދެވަނައަށް އެންމެ ބޮޑީ ބާސްކިން މިޔަރެވެ. ގާތްގަނޑަށް 26 ފޫޓު ދިގުމިނުގައި ހުންނަ ބާސްކިން މިޔަރެއްގެ ބަރުދަނަކީ އަށް ޓަނެވެ. އުމުރުގެ ދިގުމިނަކީ 50 އަހަރެވެ.
އަނގައިގައި ކުދި ދަތްތަކެއް ހުއްޓަސް އެ ސޮރު ކަނީ އަނގަ ހުޅުވީމާ އަނގައިގެ ތެރެއަށް ވަންނަ ކުދިކުދި ސޫފިތަކެވެ. މިހެންވެ އެ ސޮރަކީ އިންސާނުންނަށް ނުރައްކަލެއް ހުރި މަހެއް ނޫނެވެ.



advertisment