އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ދެމަފިރިންނާއި އެ މީހުންގެ ހަތަރު ދަރިން ޝަހީދުވެއްޖެއެވެ.
މީގެ ނުވަ މަސް ކުރިން، ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން، ޣައްޒާ ހިންގާ ހަމާސްއާއެކު އިސްރާއީލުން ސީޒްފަޔާއެއް ގާއިމުކުރި ނަމަވެސް، އިސްރާއީލުން އަދިވެސް ދެމުންދާ ހަމަލާތަކުގައި، ރޭ ސަބްރާ ނޭބަހުޑަށް ދިން ހަމަލާގައި އަލް-މަސްރީ އާއިލާގެ ހަ މެންބަރުން ޝަހީދުވީ އާއިލާ ނިދައިފައި އޮއްވައެވެ. ޝަހީދުވީ ފިރާސް އަދި ސަލްސަބީލާއި އެ ދެމަފިރިންގެ ތިން އަންހެން ދަރިންނާއި ފިރިހެން ދަރިފުޅެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަމަލާދިނީ ހަމާސްގެ މެންބަރަކަށް ކަމަށާއި ހަމަލާގެ ނަތީޖާއަކީ ކޮބައިތޯ އަދިވެސް ބަލަމުންދާ ކަމަށެވެ.
ރޮއިޓާސްއަށް ލިބިފައިވާ ވީޑިއޯއެއްގައި ފެންނަނީ މީހުން ސަލާމަތްކުރާ މީހުންތަކެއް ގޭގައި ހިފައިފައިވާ އަލިފާން ނިއްވަން މަސައްކަތްކުރާ މަންޒަރާއި ހުދު ކުލައިގެ ފޮތިތަކެއްގައި އޮޅައިލައިގެން އަލްމަސްރީ އާއިލާގެ މެންބަރުންގެ ގަބުރުތައް އެ އާއިލާގެ ގެއިން ނެރޭ މަންޒަރެވެ.
ފިރާސްގެ ބައްޕަ އަބޫ ޔޫސުފުލްމަސްރީ ބުނީ އަލިފާންގަނޑުން އޭނާގެ ދަރިންނާއި ކާފަދަރިން ސަލާމަތްނުކުރެވުނު ކަމަށެވެ.
"އެ މީހުން ޝަހީދުކޮށްލީ އެއްވެސް ރަހްމެއް ނެތި، އިންޒާރު ދިނުމެއް ނެތި،" އޭނާ ރޮއިޓާސްއަށް ބުންޏެވެ.
"ހަމަޖެހުމެއް ނެތް އަދި ރައްކާތެރި ތަނެއް ވެސް އެއްގޮތަކަށް ވެސް ނެތް،" އޭނާ އިތުރަށް ބުންޏެވެ.
ސީޒްފަޔާއަށްފަހު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،150 ފަލަސްތީން ރައްޔިތުން ޝަހީދުވުމުން ޣައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޖުމުލަ އަދަދު މިހާރު އުޅެނީ 73،000 އަށްވުރެ މަތީގައި ކަމަށް ސިއްހީ އޮފިޝަލުން ބުންޏެވެ.
ސީޒްފަޔާގެ ސަބަބުން ހުއްޓުނީ ހަމައެކަނި ހަމާސް އާއި އިސްރާއީލާ ދެމެދު ފުޅާ ދާއިރާއެއްގައި ކުރި ހަނގުރާމައެވެ. އިސްރާއީލުން ކޮންމެ ދުވަހަކުހެން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓައެއްނުލައެވެ.
އެމެރިކާ، މިސްރު، ގަތަރު އަދި ތުރްކިޔެ ފަދަ މައިގަނޑު މީޑިއޭޓަރުން ދަނީ ޣައްޒާ މައްސަލައަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވެވަޑައިގަންނަވާ ހައްލުތައް ތަންފީޒުކުރުމަށް މަސައްކަތްކުރަމުންނެވެ. އެ ހައްލުތަކަކީ ހަމާސްއިން ހަތިޔާރުތައް ދޫކޮށްލުމާއި އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމެވެ. ނަމަވެސް އެ ދެ ކަމުންކުރެ ކަމަކަށް ކުރިއެރުމެއް ނުލިބެއެވެ.
އިސްރާއީލުން އަދިވެސް ޣައްޒާއަށް ހަމަލާދޭތީ އދ.އިން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.
"ސީޒްފަޔާއެއް ގާއިމުކުރިކަން އިއުލާންކުރިތާ ނުވަ މަސް ވެއްޖެ. ނަމަވެސް ޣައްޒާގެ އެއްވެސް ސަރަހައްދެއް ފަލަސްތީން ރައްޔިތުންނަށް ރައްކާތެރިއެއް ނޫން،" އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ ތަރުޖަމާނު ސަމީނުލްހީތާން އިއްޔެ ބުންޏެވެ.
އޭނާ ބުނީ ރޭ ޝަހީދުވި އަލްމަސްރީ އާއިލާގެ މެންބަރުންނާ ނުލައި މި މަހު 13 އިން 20 އާ ދޭތެރޭ މަދުވެގެން 57 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަ ކުޑަކުދިންނާއި އަށް އަންހެނުން ހިމެނެއެވެ.
"މި ހަމަލާތަކުގައި އާއްމުން މަރުވުމުން، ބައިނަލްއަގުވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނު މުގުރައިލައި ހަނގުރާމައިގެ ޖަރީމާ އާއި އެހެނިހެން ޖަރީމާތައް ކުރިއަށްދާކަމުގެ ކަންބޮޑުވުން އުފެދޭ. ބައިނަލްއަގުވާމީ ގާނޫނުގައިވާ ގޮތުން ގަސްދުގައި އާއްމުންނަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާއެއް،" ސަމީނުލްހީތާން އިތުރަށް ބުންޏެވެ.



advertisment