މި ދިޔަ ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް އީރާނުން ބޭނުންވާކަމާމެދު އެމެރިކާއިން މިއަދު ސުވާލު އުފައްދައިފިއެވެ.
އެމެރިކާއިން ބުނީ އެމެރިކާ އާއި އީރާނުން ހަމަލާ ބަދަލުކުރަމުންދިޔަ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުމަށް ސުލްހަވެރި ހައްލެއް ހޯދަން ވާހަކަތައް ބާއްވަން އެމެރިކާއިން ބޭނުންވާ ކަމަށެވެ.
"ނަމަވެސް ޑިޕްލޮމެޓިކް ހައްލަކަށް އީރާނުން ސީރިއަސްކަން އީރާނުން ދައްކައިދީފައެއް ނުވޭ،" އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ (ފޮޓޯ) ތުހުމަތުކުރެއްވިއެވެ.
ރުބިއޯގެ ފާޑުކިޔުމާ އީރާނުން ދެކޮޅުހެދިއެވެ. އީރާނުން ބުނީ އީރާނުން މަސައްކަތްކުރަމުންދަނީ ޑިޕްލޮމެޓިކް ހައްލެއް ހޯދަން ކަމަށާއި ސުލްހަވެރި ހައްލަކަށް ހުރަސްއެޅީ އެމެރިކާއިން ކަމަށެވެ. އެއީ އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް އެމެރިކާއިން އަދިވެސް ކުރިއަށްގެންދާތީ ކަމަށެވެ.
"ކުރިން ކުރިއަށްގެންދިޔަ ވާހަކަތަކުން ދޭހަވާނެ އީރާނުން ސުލްހަވެރި ހައްލެއް ބޭނުންވާކަން. ނަމަވެސް އަހަރެމެންނަށް ހަމަލާދީފިނަމަ އަހަރެމެންގެ ދިފާއަށް އަހަރެމެން މަސައްކަތްކުރާނަން،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނުން މިއަދު ބަދަލުކުރި ބަހުގެ ހަމަލާތަކުން ދައްކައިދެނީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުނުކުރެވިގެން އުޅެނީ އެއް ގައުމުން އަނެއް ގައުމަށް އިތުބާރުކުރުމަށް ބޮޑެތި ދަތިތަކެއް ހުރީމާ ކަމަށް ސިޔާސީ ދިރާސާވެރިން ބުންޏެވެ.
ހަނގުރާމަ ހުއްޓައިލާނެ ގޮތެއް ކަނޑައަޅަން ދެ ގައުމުން މި ދިޔަ މަހު ސުލްހައިގެ ފަހުމްނާމާއެއްގައި ސޮއިކުރި ނަމަވެސް ދެ ގައުމުން އަލުން ހަމަލާ ބަދަލުކުރަން ފެށީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭން ފެށުމުން، އެމެރިކާއިން އީރާނާ ދެކޮޅަށް ހަމަލާދޭން ފެށުމުންނެވެ.
އެމެރިކާއިން އީރާނަށް ހަމަލާދޭތާ ޖެހިޖެހިގެން 11 ދުވަސްވީއިރު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 91 ޑޮލަރު (1،403ރ.)އަށް މައްޗަށް ޖެހި، މިއަދު ވަނީ އަނެއްކާވެސް މައްޗަށް ޖެހި، 92 ޑޮލަރު (1،418ރ.)އަށް އަރައިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ސުލްހައިގެ ފަހުމްނާމާގައި ސޮއިކުރުމުން 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ.



advertisment