Support Us

އަލީ އަބޫ އަމްޝާގެ މައިންބަފައިން ހިމެނޭ ގޮތަށް އޭނާގެ އާއިލާގެ 22 މެންބަރުން ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި ޝަހީދުވި

ހަމާސްގެ އާ ލީޑަރާމެދު ޣައްޒާ ރަށްވެހިން ހިޔާލު ތަފާތުވެފައި

ޣައްޒާ ހިންގާ ހަމާސް ޖަމާއަތުގެ އާ ލީޑަރު ހަލީލުލްހައްޔާއާމެދު ޣައްޒާގެ ރަށްވެހިންގެ މެދުގައި ހިޔާލުތަފާތުކަން ހާމަވެއްޖެއެވެ.

އޭނާ ހޮވުނީ މި ހަފުތާގައި ހަމާސްގެ އެތެރޭގެ އިންތިހާބެއްގައި ހަމާސްގެ ކުރީގެ ސިޔާސީ ލީޑަރު ހާލިދު މަޝާލު ބަލިކުރެއްވުމަށްފަހުއެވެ.

ޣައްޒާގެ ބައެއް ރަށްވެހިން ބުނީ އެތައް އަހަރެއްގެ ހަނގުރާމަ އާއި ދަތި އުނދަގޫ ދިރިއުޅުމަށް ބަލާއިރު ސިޔާސީ ކަންތައްތަކަކީ މިހާރު އެހާ މުހިންމު ކަމެއް ނޫން ކަމަށެވެ.

"އަހަރެމެން ހަމައެކަނި ބޭނުންވާހާ ވެސް ކަމަކީ ދިރިއުޅުމައިގެން ކުރިއަށްދާން،" ޣައްޒާ ހަނގުރާމައިގެ ހިތްދަތިކަމާއި ވަރުބަލިކަން އިހްސާސްކުރެވިފައިވާ ޣައްޒާގެ ރަށްވެއްސެއް ކަމަށްވާ، އުމުރުން 28 އަހަރުގެ އަލީ އަބޫ އަމްޝާ އަލްޖަޒީރާއަށް ބުންޏެވެ. ގާތްގަނޑަކަށް 73،000 މީހުން ޝަހީދުވި ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި މައިންބަފައިންނާއެކު އޭނާގެ އާއިލާގެ 22 މީހުން ޝަހީދުވިއެވެ.

ހަމާސްގެ އާ ލީޑަރަކަށް މި ހަފުތާގައި އިންތިހާބުވެވަޑައިގަތް ހަލީލުލްހައްޔާ

"ހަލީލުލްހައްޔާ އިންތިހާބުވެވަޑައިގަތް ހަބަރަކުން އަހަރެމެންނަކަށް ތަފާތެއް ނުފެނޭ. އަހަރެމެން ބޭނުންވަނީ މަގުތައް ހުޅުވަން. އަހަރެމެން ބޭނުންވަނީ ކާން، ބޯން އަދި އާދައިގެ ދިރިއުޅުމެއް އުޅެން. އަހަރެމެން ބޭނުމެއް ނޫން އަހަމުންދާކަށް އަހަރެމެންގެ ވެރިކަންކުރާނީ ކާކުކަމެއް. އިންތިހާބުވާނީ ކާކު ކަމެއް. ކޮންމެ މީހަކު ވެރިކަން ކުރިޔަސް އަހެރެމެން ބޭނުންވަނީ ދިރިއުޅުމައިގެން ކުރިއަށްދާން،" އަލީ ބުންޏެވެ.

އޭނާ ބުނީ ޣައްޒާ ހަނގުރާމައަކީ އޭނާއަށް ވަރަށް ދަތިވި ދުވަސްތަކެއް ކަމަށެވެ.

"އަހަރެން ލޯބިވާ މީހުން އަހަރެންނަށް ގެއްލުނު. އަހަރެންނަށް އިހްސާސްކުރެވެނީ އަހަރެން މިއީ އެތެރެފުށުން މަރުވެފައިވާ މީހެއް ގޮތަށް. ނަމަވެސް އަހަރެން އަދިވެސް އެބަ ދިރިހުރި. އަހަރެމެން އެނބުރި ދަނީ ހަމަ އެ ވޭނަށް. އެ ހަނގުރާމަތަކަށް ކޮންމެ އަހަރަކު ވެސް. އެ މީހުންނަށް އަހަރެމެންނަށް ކާންބޯން ދެވޭނަމަ، ފެން ފޯރުކޮށްދެވޭނަމަ، އަދި ޝަރަފުވެރި ދިރިއުޅުމެއް އުޅެން ފުރުސަތު ހޯދައިދެވޭނަމަ، އެއީ އަހަރެމެން އެދޭހާ ވެސް ކަމަކީ. މިއަދު ޣައްޒާއަށް ބަލަމާ. މަގުތައް އެ ހުރީ ކުނިބުނިން ފުރިފައި. މިއީ ދިރިއުޅުމެއްތަ؟ ނޫން. ކަންތައްތައް ބަދަލުވާނެ ކަމަށް އަހަރެމެން އުއްމީދުކުރަން،" އޭނާ ބުންޏެވެ.

ނަމަވެސް އަލީއާ ހިލާފަށް ޣައްޒާގެ ބައެއް އެހެން ރަށްވެހިންގެ ހިޔާލު ތަފާތެވެ. އެ މީހުން އުއްމީދުކުރަނީ ހަމާސްއަށް މިހާރު އާ ލީޑަޝިޕެއް ލިބުމުން ހަމާސްގެ ބާރު ކަނޑުވައިލަން އިސްރާއީލުންކުރި މަސައްކަތް ނާކާމިޔާބުވާނެ ކަމަށާއި ޣައްޒާގައި ދިރިއުޅުން ރަނގަޅުވާނެ ކަމަށާއި އިސްރާއީލާ ދެމެދު އޮތް ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނަން ސުލްހައިގެ މަޝްވަރާތަކަށް ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

"ހަލީލުލްހައްޔާ މި އިންތިހާބުވެވަޑައިގަތީ ހަމާސްގެ ތާރީހުގައި އެ ޖަމާއަތަށް ކުރިމަތިވި އެންމެ ދަތި މަރުހަލާގައި. އެއީ އެ ޖަމާއަތް އުފެދުމާއި އެ ޖަމާއަތުގެ ލީޑަރުން ޝަހީދުކޮށްލި ޣައްޒާ ހަނގުރާމައިގެ މަރުހަލާގައި. ހަމާސްގެ މި އާ ލީޑަރަށް ބޮޑު އިމްތިހާނަކަށް މިހާރު އެ ވަނީ ކުރިމަތިލާން ޖެހިވަޑައިގެންފައި. އޭނާ ހަމާސްގެ ވެރިކަމަށް ވަޑައިގަތުމުން އެނގެނީ ހަމާސްއިން ހަމާސްގެ އެތެރޭގެ އެއްބައިވަންތަކަން ހިފަހައްޓަން މަސައްކަތްކުރާކަން. އިސްރާއީލުން އުޅުނީ ހަމާސްގެ ވެރިކަމުގެ ދާއިރާގައި ހުސްކަމެއް އުފައްދަން. ނަމަވެސް ހަމާސްއިން އެ ސާބިތުކޮށްދިނީ އެ ޖަމާއަތް ކުރިއަށްގެންދެވޭނެކަން،" ފުރިހަމަ ނަން ދޭން ދެކޮޅު ހެދި އުމުރުން 40 އަހަރުގެ އަހްމަދު އަލްޖަޒީރާއަށް ބުންޏެވެ.

"ޣައްޒާ ރަށްވެހިން ބޭނުންވަނީ އެ މީހުންނާ ގާތް ލީޑަޝިޕެއް. އެ މީހުންގެ އަޑު އަހާ ލީޑަޝިޕެއް. އަދި އެ މީހުންގެ ވޭނާއި ކެކުޅުންތައް ފަހުމްވާ ލީޑަޝިޕެއް. އެހެންވެ، މި މުހިންމު ދަނޑިވަޅުގައި އެންމެން ބަލަން އެ ތިބީ މި އާ މަރުހަލާގައި ވާނީ ކިހިނެތްތޯ،" އަހްމަދު އިތުރަށް ބުންޏެވެ.

ހަމާސްއިން ވެސް ބުނީ ހަލީލުލްހައްޔާ އިންތިހާބުވެވަޑައިގަތުމުން ކަންތައްތަކަށް ބަދަލު އަންނާނެ ކަމަށެވެ.

އޭނާ އިންތިހާބުވިކަން އިއުލާންކުރަމުން ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އިންތިހާބުކުރުމުން ދޭހަކޮށްދެނީ ފަލަސްތީން ރައްޔިތުންގެ ކެކުޅުންތަކަށް ނިމުމެއް ގެންނަން ހަމާސްއިން ދެމިހުންނާނެކަން ހާމަވާ ކަމަށެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސްއިން ހަތިޔާރުތައް ދޫކޮށްލުމާ ހަލީލުލްހައްޔާ ދެކޮޅެވެ. އަދި ހަމާސްއިން ދެ ގޮތެއް ނުވާ ގޮތަށް އެ ޖަމާއަތުގެ ސިޔާސަތުތައް ކުރިއަށްގެންދާނެ ކަމަށް ހަމާސްއިން ބުނި ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *