Support Us

ޙަމަދު ބިން ޚަލީފާ އާލް ޘާނީ- ފަލަސްތީންގެ ރޫހު ދިރުވައި، ދުނިޔޭގައި ނަގާކިޔޭ ގައުމަކަށް ގަތަރު ހަދައިދިން ލީޑަރެއް

އުމުރުން 74 އަހަރުގައި އިއްޔެ އަވަހާރަވި ގަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީއަކީ ފަލަސްތީންގެ ރޫހު ދިރުވައިދެއްވައި، ދުނިޔޭގައި ނަގާކިޔޭ ގައުމަކަށް ގަތަރު ހައްދަވައިދެއްވި އަރަބި އަދި މުސްލިމް ލީޑަރެކެވެ.

އޭނާގެ ވެރިކަމުގައި 1995 އިން 2013 އާ ދެމެދުގައި ގަތަރު ވެގެންދިޔައީ ފަލަސްތީން ރައްޔިތުންނަށް އެންމެ ވަރުގަދައަށް މާލީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން އެހީތެރިވި ގައުމަށެވެ.

އެ ގޮތުން 2012 ގައި ޙަމަދު ވެގެންދިޔައީ 2007 ގައި ހަމާސްއިން ޣައްޒާގެ ވެރިކަމަށް އައި ފަހުން އެންމެ ފުރަތަމަ ޣައްޒާއަށް ޒިޔާރަތް ކުރެއްވި ދައުލަތެއްގެ ވެރިއަށެވެ.

އޭނާ ވަނީ ޣައްޒާއަށް 400 މިލިއަން ޑޮލަރު (6.18 ބިލިއަން ރުފިޔާ)ގެ އެހީ ދެއްވައިފައެވެ. އެއީ ގެދޮރު އެޅުމާއި މަގުތައް ހެދުމާއި ހޮސްޕިޓަލްތައް ބިނާކުރުން ފަދަ އުމްރާނީ މަޝްރޫއުތަކަށެވެ.

ޙަމަދުގެ ޣައްޒާ ދަތުރު ވެގެންދިޔައީ ދުނިޔޭގައި ޣައްޒާ ޑިޕްލޮމެޓިކް ގޮތުން އެކަހެރިވެފައި އޮތްއޮތުން ނިމުމަކަށް ގެނައި ޒިޔާރަތަށެވެ. އަދި އެ ޒިޔާރަތުގެ ސަބަބުން ފަލަސްތީނަށް އެންމެ ބޮޑަށް އެހީވާ ގައުމަކަށް ގަތަރު ވުމުގެ އިތުރުން ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަ ގެންނަން މުހިންމު މެދުވެރިއަކަށް ގަތަރުވިއެވެ.

"އަހަރެމެންނަށް މި ގެއްލުނީ އަބަދުވެސް ފަލަސްތީން ރައްޔިތުންނާ އެކުގައިވި، އަދި ފަލަސްތީން ރައްޔިތުންގެ ގާނޫނީ ހައްގުތަކަށް ތާއީދު ކުރެއްވި ވަރުގަދަ އަރަބި ލީޑަރެއް،" ޙަމަދު އަވަހާރަވުމުން ހުޅަނގު އައްސޭރި ހިންގާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)ގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވިއެވެ.

ޙަމަދުގެ ވެރިކަމުގައި ދުނިޔޭގެ ފެންވަރުގައި ވެސް ބާރުގަދަ ގައުމަކަށް ގަތަރުވެގެން ދިޔައެވެ. އެ ގޮތުން ދުނިޔޭގެ އިގުތިސާދީ ބާރަކަށްވުމުގެ އިތުރުން ދުނިޔޭގައި ޑިޕްލޮމެސީ ޕްރޮމޯޓް ކުރުމުގައި ވެސް ގަތަރު ވަނީ މުހިންމު ދައުރެއް އަދާކުރަން ފަށައިފައެވެ.

އެ ކަމުގެ ސަބަބުން ގަތަރުން މިހާރު ވެސް ދަނީ ޑިޕްލޮމެސީގެ ދާއިރާއިން ދުނިޔޭގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ހާއްސަކޮށް މެދުއިރުމަތީގައެވެ.

ދެ އަހަރު ވީ ޣައްޒާ ހަނގުރާމަ ހުއްޓުވައިލަން ހަމާސް އާއި އިސްރާއީލާ ދެމެދު މި ދިޔަ އަހަރު އޮކްޓޫބަރުގައި ސީޒްފަޔާއެއް ގާއިމުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ އިތުރުން މި ދިޔަ ފެބްރުއަރީ މަހު އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން އެމެރިކާ އާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރުމުގައި ވެސް ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދެއެވެ. އެއީ އީރާނާއި އެމެރިކާ އާއި ދެ ގައުމުން ވެސް ގަތަރަށް އިތުބާރު ކުރާތީއެވެ.

މެދުއިރުމަތީގެ ހަމަޖެހުމަށް ޙަމަދު ގެންގުޅުއްވި ޑިޕްލޮމެޓިކް އުސޫލުތައް އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަން ފާހަގަކުރެއްވިއެވެ.

"އޭނާގެ ވެރިކަމުގައި އަދި އޭނާގެ މުޅި ހަޔާތުގައި ވެސް އީރާނާއި ގަތަރާ ދެމެދު އަހުވަންތަކަމުގެ ގުޅުންތައް ފުޅާކުރެއްވުމަށް ނުފޫޒުގަދަ ދައުރެއް އަދާކުރެއްވި،" ޕަޒަޝްކިއަން ވިދާޅުވިއެވެ.

ޙަމަދުގެ ވެރިކަމުގައި އޭނާ ވަނީ ގަތަރަށް އެތައް ދާއިރާތަކުން އިސްލާހު ގެންނަވައިފައެވެ.

އޭނާ ހިންގެވި މަޝްރޫއުތަކުގެ ތެރޭގައި ގައުމުގެ ލިކުއިފައިޑް ނެޗުރަލް ގޭސް ސިނާއަތް ފުޅާކުރެއްވިއެވެ. ހަބަރު ފަތުރާ މަޝްހޫރު އަލް ޖަޒީރާ ނެޓްވޯކް ލޯންޗް ކުރެއްވިއެވެ. އަދި 2022 ގެ ފީފާ ވޯލްޑް ކަޕް ގަތަރުގައި ބޭއްވެވިއެވެ.

އަންހެނުން ބާރުވެރިކުރުމަކީ ވެސް ޙަމަދުގެ ވެރިކަމުގައި ފާހަގަ ކުރެވިގެންދިޔަ ތާރީހީ އިސްލާހެކެވެ. ގަތަރުގައި ފުރަތަމަ ފަހަރަށް އަންހެނުންނަށް ވޯޓު ލުމުގެ ހައްގު ދެއްވުމުގެ އިތުރުން 1999 އިން ފެށިގެން މުނިސިޕަލް އިންތިހާބުތަކުގައި ވާދަކުރުމަށް އަންހެނުންނަށް ފުރުސަތު ދެއްވިއެވެ. މީގެ އިތުރުން ތައުލީމާއި ސަރުކާރާއި އާއްމު ދާއިރާތަކުގައި އަންހެނުންނަށް ފުރުސަތުތައް އިތުރުކުރެއްވިއެވެ.

ޙަމަދަކީ ރަސްކަން އޮތް ގަލްފު ގައުމުތަކުގެ ތެރެއިން ރަސްކަން އަމިއްލައަށް ދަރިކަލުންނާ ހަވާލުކުރެއްވި މަދު ރަސްކަލުންގެ ތެރޭގައި ހިމެނޭ ރަސްކަލެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *