Support Us

ވަކި ފޮޓޯގައި ކައިވެނި ހަފުލާގައި ޓޭލާ ސްވިފްޓް (ކ) އަދި ޓްރެވިސް ކެލްސް އަދި ކައިވެނި ބޭއްވި މެޑިސަން ސްކޮޔާ ގާޑަން. ޖަސްޓިން ޝީނިޔަކް (ތިރީ ފޮޓޯގައި)

ޓޭލާ ސްވިފްޓްގެ ކައިވެނި ހަފުލާ ބޭއްވި ހިސާބުގެ މަގުމަތީ ކުނިބުނި ނީލަމަށް

އެމެރިކާގެ އުމުރުން 36 އަހަރުގެ ލަވަ ލިޔާ އަދި ލަވަ ކިޔާ އަންހެން ފަންނާނު ޓޭލާ ސްވިފްޓް ކައިވެނި ކުރި ހަފުލާ ބޭއްވި މަލްޓި ޕާޕަސް އިންޑޯ ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ ހަރަކާތް ބާއްވާ މެޑިސަން ސްކޮޔާ ގާޑަން ހުރި ހިސާބުގެ މަގުތަކުގެ ކުނިބުނި ނީލަމަށް ލައިގެން ނިއު ޔޯކްގެ އާޓިސްޓެއް ކަމަށްވާ ޖަސްޓިން ޝީނިޔަކް ވިއްކަން ފަށައިފިއެވެ.

އެމެރިކާގެ ނެޝަނަލް ފުޓްބޯލް ލީގް (އެން.އެފް.އެލް)ގެ އުމުރުން 36 އަހަރުގެ އެމެރިކާގެ ތަރި ޓްރެވިސް ކެލްސްއާ މި ދިޔަ ހުކުރު ދުވަހު ކައިވެނިކުރި ޓޭލާގެ ކައިވެނީގެ ހަފުލާއަށް ފޭނުންނަށް ނުވަދެވުނަސް ފޭނުންވަނީ މެޑިސަން ސްކޮޔާ ގާޑަން ދޮށަށް، އެ ދެ މީހުން ފެނޭތޯ އެއްވެފައެވެ.

ފޭނުން އެ ހިސާބުގަނޑުގެ މަގުތަކަށް އުކައިލި ކުނިބުންޏަކީ ހަފުލާގެ ބައެއް ކަމަށް ބަލައި، ޓޭލާގެ ކައިވެނީގެ ހަނދާނެއްގެ ގޮތުގައި ބަހައްޓަން ބޭނުންވާ ފޭނުން، ޝީނިޔަކް ނިއު ޔޯކްގެ ކުނިބުނި އޮންލައިންކޮށް ވިއްކާ، ނިއު ޔޯކް ސިޓީ ގާބެޖް، ނުވަތަ ލަފުޒީ މާނައިން "ނިއު ޔޯކް ސިޓީގެ ކުނިބުނި" ނަމަކަށް ކިޔާ ވެބްސައިޓުން މިހާރު ދަނީ ގަންނަމުން ކަމަށް ޝީނިޔަކް ބުންޏެވެ.

"ސިނގިރެޓު ބަޓާއި އޮވިއުލޭޝަން ޓެސްޓް ކިޓާއި ފެންފުޅީގެ މަތިގަނޑާއި ފުލުހުންގެ ކޯޝަން ޓޭޕާއި ޖޫސް ބޯ ހޮޅި އަދި ކާބޯތަކެތި ލާ ތަކެތި ވެސް، ކޮންމެ އެއްޗެއް އަހަރެން މި ދިޔަ ހުކުރު ދުވަހު އޮންލައިން ނީލަމަށް ލީއްސުރެ ދަނީ ވިކެމުން. އެއް އެއާޕޮޑް ވެސް ހިމެނޭ،" ޝީނިޔަކު އިއްޔެ ބުންޏެވެ.

ކޮންމެ އެއްޗެއް ވިއްކަނީ 25 ޑޮލަރު (385.5ރ.)އަށެވެ. އަދި ކޮންމެ އެއްޗެއް ލައިފައިވަނީ ޕްލާސްޓިކް ކޮޅެއްގެ ތެރެއަށެވެ. އެއީ ލީކު ވެދާނެތީ ނުވަތަ ނުބައި ވަސް ދުވާފާނެތީއެވެ.

ޝީނިޔަކު ބުނީ މިހާތަނަށް އޭނާއަށް މުޅިއަކު 1،250 ޑޮލަރު (19،275ރ.) ޓޭލާގެ ކައިވެނީގެ "މެމެންޓޯ"ތައް އޮންލައިން ނީލަމުގައި ވިއްކައިގެން ލިބިއްޖެ ކަމަށެވެ.

ޓޭލާއަކީ އެމެރިކާގެ މިއުޒިކް ސިނާއަތުގެ އެންމެ މަގުބޫލު ގްރެމީ އިނާމު 14 ފަހަރު ހޯދައިފައިވާ ފަންނާނެކެވެ. އަދި މިހާރު ދިރިހުރި، ލައިވް މިއުޒިކުން އެންމެ ބޮޑު މުއްސަނދިކަން ހޯދައިފައިވާ މިއުޒިޝަން ވެސްމެއެވެ.

އޭނާގެ މިލްކިއްޔާތަކީ ދެ ބިލިއަން ޑޮލަރު (30.9 ބިލިއަން ރުފިޔާ) ކަމަށްވާއިރު އޭނާއަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ މުއްސަނދި އަންހެން މިއުޒިޝަނެވެ. އޭނާއަށް މި ތާރީހީ މަގާމު ހާސިލު ކުރެވުނީ ބްރޭންޑްތައް ޕްރޮމޯޓް ކުރުމާއި ވިޔަފާރި ކުރުމުގެ ބަދަލުގައި ލަވަ ލިޔެ، ޝާއިއުކޮށް އަދި ލައިވް ކޮންސެޓް ބާއްވައިގެންނެވެ.

އޭނާގެ ލޯބީގެ ހަޔާތް ފޭނުންނަށް ފޮލޯކުރެވެނީ އޭނާގެ ލަވަތަކުގައި އޭނާ އެ ވާހަކަތައް ކިޔައިދޭތީއެވެ.

ކެލްސްއާ ޓޭލާކުރި ކައިވެންޏަށް އެތައް ސެލެބްރިޓީން ގޮސްފައިވާތީ އެ ކައިވެނި ބައެއް މީހުން ސިފަކޮށްފައިވަނީ "ރޯޔަލް ވެޑިން" (ޝާހީ ކައިވެނި)އެއްގެ ގޮތުގައެވެ.

"ނިއު ޔޯކް ސަހަރުގެ ސަގާފީ ކަންތައްތައް ފާހަގަކުރަން އަހަރެން މަސައްކަތްކުރަން. ޓޭލާގެ ކައިވެނި އެއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަހަރެންނަށް ފެނުނީ. އެހެންވެ އެ ކަމުގެ ހަނދާނީ ކުނިބުނި ވިއްކަން އަހަރެން ގަސްދުކުރީ،" ޝީނިކަޔު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *