ކޮލަމްބިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ ޝަކީރާގެ 2011 ގެ އާމްދަނީން ޓެކްސްއަށް މަކަރު ނުހަދައި ކަމަށް ސްޕެއިންގެ ހައި ކޯޓުން ހުކުމްކޮށް، ޖޫރިމަނާކުރި 64 މިލިއަން ޑޮލަރު (985 މިލިއަން ރުފިޔާ) އާއި އޭގެ އިންޓަރެސްޓާއެކު އޭނާއަށް 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ)ގެ ރިފަންޑެއް ދިނުމަށް ސްޕެއިންގެ ޓެކްސް އިދާރާގެ މައްޗަށް ހުކުމްކޮށްފިއެވެ.
ސްޕެއިންގެ ޓްރެޒަރީން ބުނީ ހޯމަ ދުވަހު ކުރި މި ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފުކުރާނެ ކަމަށާއި އޭގެ ކުރިން މި ފައިސާ އުމުރުން 49 އަހަރުގެ ލަވަކިޔުންތެރިޔާއަށް ނުދޭނެ ކަމަށެވެ.
ހައި ކޯޓުގެ ހުކުމް އިއްވަމުން ފަނޑިޔާރު ބުނީ ޓެކްސް ނެގުމުގެ ޝަރުތު ހަމަވުމަށް ސްޕެއިންގައި 2011 ގައި ޝަކީރާ 183 ދުވަސް ހޭދަކުރިކަން ޓެކްސް އިދާރާއަށް ސާބިތު ނުކޮށްދެވުނު ކަމަށެވެ. އޭގެ ބަދަލުގައި ޓެކްސް އިދާރާއަށް ސާބިތުކޮށްދެވުނީ ޝަކީރާގެ ދުނިޔޭގެ މިއުޒިކް ޓުއާގައި އެ އަހަރު ސްޕޭންގައި އޭނާ ހޭދަކުރީ 163 ދުވަސް ކަމަށެވެ.
ޓެކްސް އިދާރާއިން ބުނެފައިވަނީ ބާސެލޯނާގެ ކުރީގެ ފުޓުބޯޅަ ތަރި ޖެރާޑް ޕީކޭއާ ޝަކީރާ ލޯބީގެ ގުޅުމެއް ބާއްވައިފައިވާތީ ޝަކީރާއަކީ އެއިރު ސްޕެއިނާއާ ގުޅުން ހުރި މީހެއް ކަމަށް ބެލެވިދާނެ ކަމަށެވެ.
ޝަކީރާގެ ގާނޫނީ ވަކީލު ހޯސޭ ލުއިސް ޕްރާޑާ ބުނީ މި ހުކުމުން އަންގައިދެނީ ޓެކްސް އިދާރާއިން "އަނިޔާވެރި ގޮތަކަށް އާއްމުން އަމާޒުފަތްގަނޑަކަށް ހަދަމުންދާ" ކަމަށެވެ.
"ޝަކީރާއަށް މި ލިބުނު ކާމިޔާބުން ކަށަވަރު ވަނީ އޭނާ މަކަރު ނުހަދާކަން،" ހޯސޭ ބުންޏެވެ.
ސްޕެއިންގެ ޓެކްސް އިދާރާއާ ޖެހުނު އެންމެ ފަހު މި މައްސަލަ ނިމުމުން ޝަކީރާ ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ނޮވެމްބަރު 2023 ގައި ޝަކީރާ ވަނީ ޝަރީއަތަށް ދިއުމުގެ ބަދަލުގައި ޕްރޮސެކިއުޓަރުންނާ ހެދި ޑީލެއްގައި 16.8 މިލިއަން ޑޮލަރު (258 މިލިއަން ރުފިޔާ) ދައްކައިފައެވެ. އެއީ 2012 އާއި 2014 އާ ދެމެދު އޭނާ ޓެކްސް ނުދައްކާ ކަމަށް ކުރި ދައުވާ ޝަރީއަތަކާ ހިސާބަށް ނުގެންދިއުމަށެވެ.
ހައި ކޯޓުން ޝަކީރާއާ އެއްކޮޅަށް ހުކުމް ކުރުމުން އޭނާ ބުނީ ސްޕެއިންގެ ޓެކްސް ނިޒާމުން ކަންތައްތައްކުރާ ގޮތުން އާއްމުންނާމެދު ފުރަތަމަ ދެކެނީ އެއީ ކުށްވެރިން ކަމަށެވެ.
"މި ނިޒާމުން އާއްމުންނަށް ދަނީ އަނިޔާވެރިވަމުން. އެ މީހުންގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ޖެހެނީ މާލީ އަދި ޖަޒުބާތީ ގެއްލުން ބަރުދާސްތުކުރަމުން،" ޝަކީރާ ބުންޏެވެ.



advertisment