ދުނިޔޭގެ އެންމެ ބާރުގަދަ މިސައިލް ކަމަށްވާ އާރް.އެސް-28 ސާމެޓް ނިއުކްލިއަ މިސައިލް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން ވިދާޅުވެއްޖެއެވެ.
"މި އަހަރު ފަހުކޮޅު މި މިސައިލް އަސްކަރިއްޔާގެ ހިދުމަތަށް ނެރޭނަން. މި މިސައިލާ ވާދަކުރެވޭނެވަރުގެ އެހެން މިސައިލެއް މި ވަގުތު ދުނިޔެއަކު ނެތް،" ޕުޓިން އިއްޔެ ވިދާޅުވިއެވެ.
ޝައިތާނާއަށް ނިސްބަތްކޮށް "ސޭޓަން 2″ގެ ނަން ހުޅަނގުގެ ގައުމުތަކުން ދީފައިވާ މި މިސައިލަކީ އެމެރިކާ އާއި ޔޫރަޕަށް ފޯރާވަރުގެ މިސައިލެއް ކަމަށް ރަޝިޔާގެ އަސްކަރިއްޔާއިން ބުންޏެވެ. އަދި މިއީ ނިއުކްލިއަ ހަތިޔާރު އުފުލުމާއެކު މިސައިލުން ދިފާއުވާ ނިޒާމުތައް ވެސް ފޫއަޅުވައިލެވޭ މިސައިލެއް ކަމަށާއި މި މިސައިލް ރަޝިޔާގެ އަތުގައި މިހާރު އޮތުމުން ކުރިމަގުގައި ނިއުކްލިއަ ހަތިޔާރުން އެއްވެސް ގައުމަކަށް ރަޝިޔާއަށް ބިރުނުދެއްކޭނެ ކަމަށް ރަޝިޔާއިން ބުންޏެވެ.
ސާމެޓް މިސައިލަކީ ހުޅަނގުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު އުފެދެމުންދާ ނުތަނަވަސްކަމާއި ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން ކުރަމުންދާ ހަތަރު އަހަރުވީ ހަނގުރާމަ ކުރިއަށްދާ މި ދަނޑިވަޅުގައި ރަޝިޔާގެ ނިއުކްލިއަ ހަތިޔާރުތައް ޒަމާނީ ފެންވަރަށް ގެންނަން އުފެއްދި މިސައިލެއް ކަމަށް ރަޝިޔާއިން ބުންޏެވެ.



advertisment