މި ދިޔަ ޖަނަވަރީ މަހު ރިލީޒްކުރި ނެޓްފްލިކްސްގެ ފީޗާ ފިލްމް "ދަ ރިޕް"ގެ ސަބަބުން އަބުރަށް ހުތުރުވެފައިވާ ކަމަށް ބުނެ، ސާޖަންޓްގެ މަގާމުގައި ތިބި އެމެރިކާގެ މަޔާމީ ސްޓޭޓްގެ ދެ ފުލުހުން ފިލްމް ހެދި ފަރާތްތައް ގޮވައިގެން ކޯޓަށް ގޮސްފިއެވެ.
އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ އޮސްކާ އެވޯޑު، "ގުޑް ވިލް ހަންޓިން"ގެ ވާހަކަ ލިޔެގެން ލިބުނު ދެ ތަރިންކަމަށްވާ ބެން އެފްލެކް އާއި މެޓް ޑޭމަން ކުޅެފައިވާ "ދަ ރިޕް"ގައި ވަނީ 2016 ގައި ޑްރަގް ވިއްކައިގެން ހޯދައިފައިވާ ފައިސާ އަތުލައިގަތް ގޮތުގެ ހަގީގީ ހާދިސާއެއް ކިޔައިދީފައި ކަމަށް، ދެ ފުލުހުން ކަމަށްވާ ޖޮނަތަން ސެންޓާނާ އާއި ޖޭސަން ސްމިތު ބުންޏެވެ.
ފިލްމްގައި ވާހަކަ ގެނެސްދީފައިވާ ގޮތުން ސެންޓާނާ އާއި ސްމިތަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ދެ ފުލުހުން ކަމަށް ދޭހަވާ ކަމަށް ސެންޓާނާ އާއި ސްމިތު ބުންޏެވެ.
"ފިލްމްގެ ސަބަބުން އަހަރެމެންގެ ޒާތީ އަދި ޕްރޮފެޝަނަލް ނަމަށް ވަނީ ހުތުރުއަރައިފައި،" ކޯޓުގައި ފައިލްކުރި ކޭސްގައި އެ ދެ ފުލުހުން ބުނެފައިވެއެވެ.
ސެންޓާނާ އަދި ސުމިތުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އާއްމުން މިހާރު އެ ދެ ފުލުހުން ދެކެނީ ސުލޫކީ މިންގަނޑުތަކާ ހިލާފަށް އަމަލުކުރާ ދެ ފުލުހުންގެ ގޮތުގައި ކަމަށެވެ.
ސެންޓާނާ އާއި ސްމިތު ބުނީ ފިލްމް އުފެއްދި އާޓިސްޓްސް އިކުއިޓީ ކުންފުނީގެ ފަރާތުން ބަދަލު ދިނުމަށް އެދޭ ކަމަށެވެ. އަދި އެ ފިލްމާ ސެންޓާނާ އާއި ސުމިތުގެ ހަޔާތާ ގުޅުމެއް ނުވާ ކަމަށް ބުނެ އެ ކުންފުނިން ބަޔާނެއް ނެރެން ވެސް ބޭނުންވާ ކަމަށެވެ.
ކުންފުނީގެ ގާނޫނީ ވަކީލު ލައިޓާ ވޯކާ ބުނީ "ދަ ރިޕް"ގައި ދައްކައިދެނީ ހަގީގީ ހާދިސާއެއް ނޫން ކަމަށެވެ. އަދި ފިލްމްގައި ދައްކައިދޭ ދެ ފުލުހުންގެ ޝަހުސިއްޔަތަކީ ހަގީގީ ދެ ފުލުހުންގެ ޝަހުސިއްޔަތު ނޫން ކަމަށް ވެސް ފިލްމްގެ ޑިސްކްލެއިމާގައި ބުނެފައިވާނެ ކަމަށެވެ.



advertisment