Support Us

ހެވީލޯޑު މޯލްޑިވްސްގެ "ހެވީ ސްޓާރ 7" ނަމަކަށް ކިޔާ 140 ފޫޓުގެ ކޮޅުވެއްޓި ސެޕްޓެމްބަރު 13 ގައި ނަލަންދޫ ފަރަށް އަރާފައި

ފަރަށް އެރި ކޮޅުވެއްޓީގައި ހުރި އިންޖީނުތައް ނުބޭލި 9 ދުވަސް، މޫސުން ގޯސްވެ ނުރައްކާ ބޮޑުވެފައި

ފެނަކައިގެ 13 މިލިއަން ރުފިޔާގެ އިންޖީނުތަކެއް ހިފައިގެން ހދ. ކުޅުދުއްފުއްޓަށް ދަނިކޮށް މި މަހު 13 ވަނަ ދުވަހުގެ ރޭ ށ. ނަލަންދޫ ފަރަށްއެރި ކޮޅުވެއްޓީގައި ހުރި ކޭބަލް ރޯލްތައް ބޭލި ނަމަވެސް، އިންޖީނުތަކާއި ޕެނަލް ބޯޑަށް ރާޅު އަރައަރައި އަދިވެސް ހުރީ ކޮޅުވެއްޓީގައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކޮޅުވެއްޓިއަށް އަރާ ރާޅުތައް ބޮޑުވެ، ނުރައްކާވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހަކު މިއަދު ބުންޏެވެ.

ފަރަށް އެރިތާ ނުވަ ދުވަސްވެފައިވާ ކޮޅުވެއްޓީގައި ހުރި އިންޖީނުތައް ބޭލުމުގެ މަސައްކަތް ކުރަނީ ލިއޯ ކުންފުނީގެ ބާޖެއްގައި ކެރޭނެއް ބަހައްޓައިގެންނެވެ. އިންޖީނުތައް ބާލަން މިއަދު ވެސް މަސައްކަތްކުރިއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން މަސައްކަތް ކުރިއަކަށް ނުދެއެވެ. މޫސުން ތަންދޭ ނަމަ، މާދަމާ ވެސް އެ މަސައްކަތް ކުރާނެ ކަމަށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ދިޔަވަމުންދާ ކޮޅުވެއްޓީގައި ނުބޭލި ހުރީ ތިން ޖެނަރޭޓަރު ސެޓާއި ޕެނަލް ބޯޑެކެވެ. އެއީ ހއ. އިހަވަންދުއާއި ހއ. ފިއްލަދުއާއި ހއ.ދިއްދޫ އަށް ގެންދާ ޖެނަރޭޓަރު ސެޓުތަކެކެވެ.

ފެނަކައިގެ އިންޖީނުތަކާއި ކޭބަލްތައް ހިފައިގެން ދިޔަ، ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑު މޯލްޑިވްސްގެ "ހެވީ ސްޓާރ 7″ ނަމަކަށް ކިޔާ 140 ފޫޓުގެ މި ކޮޅުވެއްޓި ނަލަންދޫ ފަރަށް އަރައި ވަރަށް ބޮޑަށް ދިޔަވަމުންދާތީ، އޭގައި ހުރި ކޭބަލް ރޯލްތައް ބާލައި އެމް.ޓީ.ސީ.ސީގެ ބާޖަކަށް އަރުވައިގެން ށ. މިލަންދޫއަށް އިއްޔެ ވަނީ ގެންގޮސްފައެވެ. އެ ކޭބަލްތައް މިހާރު ހުރީ، ރަށްރަށަށް ގެންދިއުމަށްޓަކައި، މިލަންދޫގައި އޮތް ލިއޯ ކުންފުނީގެ ކޮޅުވެއްޓިއަކަށް ބަރުކޮށްފައެވެ.

ކޮޅުވެއްޓީގައި ހުރި ކޭބަލް ރޯލްތައް ބާލައިގެން ށ. މިލަންދޫއަށް ގެންގޮސްފައި

އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ މިލަންދޫގައި ހުންނަ ފެނަކައިގެ ޑިރެކްޓަރެކެވެ. އެމް.ޑީ.ޕީ އަށް ނިސްބަތްވާ އެ ޑިރެކްޓަރަކީ މިލަންދޫގައި ވަރަށް ނުފޫޒު ގަދަ މީހެއް ކަމަށް ވެއެވެ. އޭނާއާ ތަކުރާރުކޮށް ގުޅުމުން ވެސް ބުނީ ކަމާ ބެހޭ މައުލޫމާތު ދޭނީ ހެޑް އޮފީހުން ކަމަށެވެ. ނަމަވެސް، އެމް.ޑީ އަހުމަދު ސައީދު ފޯނަކަށް ޖަވާބެއް ނުދެއްވައެވެ.

އެމް.ޑީ ސައީދު، ފެނައިކައިގެ ލޯޔަރާއެކު ވައިގެ މަގުން އިއްޔެ ހަނިމާދުއަށް ވަޑައިގެން، މިއަދު ވަނީ ކޮޅުވެއްޓި ފަރަށް އަރާފައި އޮތް ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވައި ފޮޓޯ ނަންގަވައިފައެވެ. އަދި މިލަންދޫއަށް ވެސް ޒިޔާރަތް ކުރެއްވުމަށްފަހު މިހާރު ވަނީ ފުރާވަޑައިގެންފައެވެ.

ފެނަކައިގެ 13 މިލިއަން ރުފިޔާގެ މުދާ ހުރީ އިންޝުއަރކޮށްފައި ކަމަށް ސައީދު މީޑިއާގައި ވިދާޅުވެފައި ވީނަމަވެސް، ކޮޅުވެއްޓި ފަރަށް އަރައި، ދިޔަވެ، އިންޖީނުތަކަށް ގެއްލުންވެ، މުދާތައް އެއް ތަނުން އަނެއް ތަނަށް އުފުލަމުންދާއިރު އިންޝުއަރެންސް ކުންފުނީގެ ފަރާތުން އެއްވެސް މީހަކު އެތާކު ނެތެވެ. އިންޝުއަރކޮށްފައި ވަނީ ކޮން ކުންފުންޏެއްގައި ކަމެއްވެސް އަދި ނޭނގެއެވެ.

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުދާ ރަށްރަށަށް އުފުލާއިރު، އެ ތަކެތި ގެންދަން ޖެހެނީ އިންޝުއަރކޮށްފައި ހުންނަ އުޅަނދުފަހަރުގައެވެ. އަދި އެ މުދާ ވެސް ހުންނަން ޖެހެނީ އިންޝުއަރކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދު ފުރުމުގެ ކުރިން، އޭގެ ސަލާމަތީ ކަންކަން ބަލައި، ޗެކްކުރަންޖެހެއެވެ.

ފެނަކައިގެ 13 މިލިއަން ރުފިޔާގެ މުދާ އުފުލަން މި ކޮޅުވެއްޓި ކުއްޔަށް ހިފީ ވެސް، އާންމުކޮށް އިއުލާންކުރުމެއް ނެތި ކަމަށް މައުލޫމާތު ލިބެއެވެ.

ފެނަކައިގެ ކޮރަޕްޝަންގެ 27 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދާދި ފަހުން ވަނީ ހުށަހަޅައިފައެވެ. އެ މައްސަލަތަކުގެ ތެރޭގައި އެކިއެކި ނުފޫޒުގެ ބޭނުންކޮށްގެން، ކޮރަޕްޝަންގެ ބޮޑެތި އަމަލްތައް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ފެނަކައިގެ އެމް.ޑީ އަހުމަދު ސައީދު

އެކަމާ ގުޅިގެން ސައީދު ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށާއި އެ މައްސަލަތައް ބަލައިދޭން އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. ސައީދު ވިދާޅުވީ އެފަދަ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައި ވީނަމަވެސް ކޮރަޕްޝަންގެ އެއްވެސް އަމަލެއް އޭނާ ހިންގާފައިނުވާނެ ކަމަށާއި އޭސީސީން އެމައްސަލަތައް ބެލުމުން އެކަން ސަފުވެގެންދާނެ ކަމަށެވެ. އަދި މިކަމަކީ އަމިއްލަ ބޭނުން ތަކެއް ފެނަކައިގެ ތެރެެއިން ހާސިލްނުވީމަ ކޮށްފައިވާ ތުހުމަތުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"ކޮރަޕްޝަންގެ އެއްވެސް އަަމަލެއް ހިންގާފައެއް ނޯންނާނެ. ނަމަވެސް އެފަދަ މައްސަލަތަކެއް ހުށަހެޅީތީ އުފާކުރަން. ކޮންމެ ފަރާތަކުން މި މައްސަލަތައް ހުށަހެޅި ނަމަވެސް މިއީ ފެނަކައިގެ ތެރެއިން ބޭނުން ގޮތަކަށް ކަންކަން ނުވީމަ ކޮށްފައިވާ ތުހުމަތުތަކެއް. ކޮންމެ ތުހުމަތަކީ ސާބިތު ކުރެވޭނެ ކަމެއް ވެސް ނޫން. އޭސީސީން އެކަން އެނގިގެންދާނެ. މިހާރަކު މި ކުންފުނީގައި އެއްވެސް ފަރާތަކަށް ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާކަށް ފުރުސަތެއް ނިލިބޭނެ،" "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ކުރިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *