Support Us

މާފުށީ ޖަލުގައި 2003 ވަނަ އަހަރު ހިނގި ހަމަނުޖެހުން:

ގައިދީން ގަޔަށް ބަޑިޖަހަން ރައީސް މައުމޫން އަމުރެއް ނުކުރައްވާ: ޖެނެރަލް އިބްރާހިމް ދީދީ

ބަޑި ޖަހަން އޯޑަރުކުރެއްވީ ރައީސް މައުމޫން ކަމަށް ވިދާޅުވެ ފޭދޫ މެމްބަރު ނިހާދު ކުރެއްވި ޓްވީޓު ޑިލީޓްކުރައްވައިފި

މާފުށީ ޖަލުގައި 2003 ވަނަ އަހަރު ސެޕްޓެމްބަރު މަހު އުފެދުނު ހަމަނުޖެހުން ކޮންޓްރޯލް ކުރަން ގައިދީންގެ ގަޔަށް  ބަޑިޖަހަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އަމުރު ކުރައްވާފައިނުވާ ކަމަށް އެ ހާދިސާ ހިނގިއިރު ސިފައިންގެ ޑިއުޓީ އޮފިސަރަކަށް ހުންނެވި ކުރީގެ ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި 19 ސެޕްޓެމްބަރު 2003 ވަނަ ދުވަހުގެ ރޭ ހިނގި ހަމަނުޖެހުމެއްގައި އީވާން ނަސީމް މަރުވި ހާދިސާއާ ގުޅިގެން ޖަލުތެރޭގައި ގައިދީންތަކެއް ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ޖަލުގެ ބައެއް ކުށްވެރިންގެ ގަޔަށް ވަނީ ބަޑިޖަހައިފައެވެ. އަދި ބަޑި ޖެހި ހާދިސާގައި އެކަކު މަރުވެ ހަތަރު މީހަކު ވަނީ ޒަހަމްވެފައެވެ.

އެ ދުވަހު އެންއެސްއެސް (މިހާރު އެމް.އެން.ޑީ.އެފް)ގެ ޑިއުޓީ އޮފިސަރަކަށް ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ދީދީ މިހެން ވިދާޅުވީ، އެ ދުވަހު ޖަލުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން ބަޑިޖެހީ ކޮމާންޑަރ އިން ޗީފްގެ މަގާމުގައި ހުންނެވި ރައީސް މައުމޫންގެ އޯޑަރަށް ކަމަށާއި ބަޑި ޖެހި މީހުން އުމުރަށް ޖަލަށްލި ކަމަށާއި ބަޑި ޖަހަން އޯޑަރުކުރި މީހާ އުފަލާއި އަރާމުގައި ކަމަށާއި ނަމަވެސް މިއީ ވެސް އިންސާފު ލިބެންޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެ، ފޭދޫ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށާއި ނައިބު ރައީސް ފައިސަލް ނަސީމަށާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށާއި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށާއި އެޓާނީ ޖެނެރަލް އިބްރާޙިމް ރިފްއަތަށާއި ޖޭ.އެސް.ސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މަޖިިލިސް މެމްބަރު ހިސާން ހުސެއިނަށާއި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަހުމަދު އަބްދުﷲ އަފީފަށް ޓެގް ކުރައްވައި، ނިހާދު އިއްޔެ ކުރެއްވި އެ ޓުވީޓު އޭނާ މިހާރު ވަނީ ޑިލީޓްކުރައްވައިފައެވެ.

މެމްބަރު ނިހާދުގެ ޓްވީޓް ޑިލީޓް ކުރެއްވުމުގެ ކުރިން އެ ވާހަކައަށް ރައްދުދެއްވައި، ރައްޔިތުންގެ މަޖިލިސްގެ ހިތަދޫ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރުކަން މިދިޔަ ދައުރުގައި ކުރެއްވި ޖެނެރަލް އިބްރާހިމް ދީދީ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، މެމްބަރަކަށް ހުންނަވައިގެން ނޭނގޭ ކަންކަމުގައި އެފަދަ އިލްޒާމްތައް ރައީސް މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ނުވާނެ ކަމަށާއި ޖަލުގައި ބަޑިޖެހި ހާދިސާއާ ގުޅިގެން ނިހާދު ހައްދަވަނީ "ބުހުތާނު ދޮގު" ކަމަށެވެ. އަދި ކަންދިމާވި ގޮތުން އެ ދުވަހު އެންއެސްއެސްގެ ޑިއުޓީގެ އޮފިސަރަކަށް ހުންނެވީ އޭނާ ކަމަށާއި ގައިދީއެއްގެ ގަޔަށް ބަޑިޖަހަން ރައީސް މައުމޫން އަމުރު ނުކުރައްވާ ކަމަށެވެ.

ރައީސް މައުމޫނަށް ނިސްބަތްކުރައްވައި ފޭދޫ މެމްބަރު ނިހާދު ކުރެއްވި ޓްވީޓު

ޖަލުގެ ގައިދީންތަކެއްގެ ގަޔަށް ބަޑި ޖެހި މައްސަލައާ ގުޅިގެން ރައީސް މައުމޫން ވަނީ އެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެ މައްސަލަ ތަހުގީގު ކުރައްވައި، ޝަރީއަތް ކުރައްވައި، ކުށްވެރިވި ފަރާތްތަކަށް އަދަބުދީފައެވެ.

އެ ދެ ހާދިސާއާ ގުޅިގެން ގައުމު ހަލަބޮލިވެ ހަމަނުޖެހުންތައް ހިނގަން ފެށުމާ ގުޅިގެން ގައުމާ މުހާތަބުކުރައްވައި ރައީސް މައުމޫން ވިދާޅުވެފައި ވަނީ މާފުށީގައި ހިނގި ހާދިސާތަކަކާ ގުޅިގެން ވަރަށް ގިނަ މީހުން މާލޭގެ އެކިއެކި ދިމަދިމާލަށް އެއްވެ އެކިއެކި އިމާރާތްތަކަށް ގާއުކައި ވަރަށް ގިނަ ގެއްލުންތައް ދީ އެކިވަރުގެ ހާނިކަ މީހުންނަށް ލިބެމުން ދިޔަ ކަމަށެވެ. އަދި މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާއާ ގުޅިގެން ޒުވާނަކު މަރުވުމުން އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ގައިދީން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެމީހުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ބައެއް މީހުންގެ ގަޔަށް ވަޒަން އަރާ ޒަހަމްވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"އެކިއެކި ގޮޅިތަކުގައި ބަންދުކޮށްފައި ތިބި ކުށްވެރިން ނިކުމެ ގޮޅިތައް ތަޅާލައި ނުކުމެ، އެތާނގައި ތިބި ގާޑުންނަށް ހަމަލާދީ އަދި އޭގެ ފަހުން ބަޑި ގުދަނާ ދިމާލަށް އައިސް ބަޑިގުދަނަށް ހަމަލާދީ މިކަންތައްތައް ހިންގީ. އެހެން ކަމުން ސަރުކާރަށް ޖެހުނީ އެވަގުތު މި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މަޖުބޫރުން އަޅަން. އާދެ އެތަނގައި ތިބި ސިފައިންގެ މީހުން. ބަޑިގުދަން ރައްކާތެރިކުރަން ތިބި ސިފައިންގެ މީހުން، ފުރަތަމަ އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް އެމީހުން ފަހަތަށް ނުދިއުމުން ވަޔަށް ބަޑިޖަހާ ވަޔަށް، ޖައްވުގެ ތެރެއަށް ފަޒާގެ ތެރެއަށް ބަޑިޖަހާ އެވަރުން ވެސް ކޮންޓްރޯލް ނުވެގެން އެންމެ ފަހުން ޖެހުނީ ބައެއް މީހުންގެ ގަޔަށް އުންޑަ އަރާ ގޮތަށް ހަތިޔާރުގެ ބޭނުން ކުރަން. އެއީ ވެސް އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް. މިއީ އަޅުގަނޑު އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫން،" މައުމޫން ވިދާޅުވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *