ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ސާޗް އިންޖީން، އެމެރިކާގެ ގޫގްލް އެއް ލައްކަ ޓްރިލިއަން ޑޮލަރުން ޖޫރިމަނާކުރާ ނިންމުން ރަޝިޔާގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
އެކެއްގެ ފަހަތަށް 18 ސުމެއް ލުމުން އަންނަ މި އަދަދަށް އާއްމު ގޮތެއްގައި ކިޔަނީ އެއް ކުއިންޓިލިއަންއެވެ. އެހެން ގޮތަކަށް ބުނާނަމަ އެއް ބިލިއަން ބިލިއަން ކަމަށް ވެސް ކިއިދާނެއެވެ.
މިއީ މުޅި ދުނިޔޭގެ އިގުތިސާދުގައި ވެސް މި ވަގުތު ނެތް އަދަދެއްގެ ފައިސާއެވެ. މުޅި ދުނިޔޭގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ)ގެ އެއް މިލިއަން ގުނަ އިތުރު އަދަދެކެވެ. މުޅި ދުނިޔޭގެ އަހަރީ ޖީ.ޑީ.ޕީއަކީ 100 ޓްރިލިއަން ޑޮލަރު (1،542 ޓްރިލިއަން ރުފިޔާ ނުވަތަ 1،542،000 ބިލިއަން ރުފިޔާ)އެވެ.
ޖޫރިމަނާގެ ސީދާ އަދަދަކީ 91.5 ކުއިންޓިލިއަން ރަޝިޔާގެ ރޫބްލްޒް ފައިސާއެވެ. މިއީ 1.2 ކުއިންޓިލިއަން ޑޮލަރެވެ. ދިވެހި ފައިސާއިންނަމަ 18.5 ކުއިންޓިލިއަން ރުފިޔާއެވެ. ސީދާ އަދަދު ލިޔާ ނަމަ 18.500،000،000،000،000،000ރ.އެވެ.
"ގޫގުލްގެ އިސްތިއުނާފު އިތުރަށް މުރާޖައާކުރުމަކަށް ނުފެނޭ،" މި މަހު 18 ގައި ހުކުމްކުރަމުން ފަނޑިޔާރު ސެއާގޭ ސާމޯއިލޮފް ބުންޏެވެ.
ބެލެވެނީ މިއީ ރަމްޒީ އަދަބެއް ދިނުމުގެ ގޮތުން ރަޝިޔާއިން ކުރި ކަމެއް ކަމަށެވެ. އަދި ރަޝިޔާއަށް އަލުން އެ ކުންފުންޏަށް ނުވަދެވޭ ގޮތް ހަދަންވެގެން ވެސް ކުރި ކަމެއް ކަމަށެވެ.
ގޫގުލްގެ ވެރި ކުންފުނި އަލްފަބެޓްގެ އަގަކީ 3.8 ޓްރިލިއަން ޑޮލަރު (58 ޓްރިލިއަން ރުފިޔާ ނުވަތަ 58،000 ބިލިއަން ރުފިޔާ)އެވެ. އަދި ސާޗް އިންޖީން މާކެޓްގެ 90 ޕަސެންޓް ހިއްސާކުރެއެވެ.
ކޯޓުންކުރި ޖޫރިމަނާއަކީ އަލްފަބެޓްގެ އަގަށްވުރެ 300 މިލިއަން ގުނަ ބޮޑު އަދަދެކެވެ. މީގެ އިތުރުން އެ ޖޫރިމަނާއަކީ ދުނިޔޭގެ ނުވަވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ ރަޝިޔާގެ ޖީ.ޑީ.ޕީ ކަމަށްވާ 2.54 ޓްރިލިއަން ޑޮލަރު (39 ޓްރިލިއަން ރުފިޔާ ނުވަތަ 39،000 ބިލިއަން ރުފިޔާ)އަށްވުރެ 472،000 ގުނަ ބޮޑު އަދަދެކެވެ.
އެއް ކުއިންޓިލިއަން ޑޮލަރަށް ޖޫރިމަނާ އެރުން ފެށިފައިވަނީ 2020 ގައި ރަޝިޔާގެ ދެ މީޑިއާ ކަމަށްވާ ޒާގްރެޑް އަދި ރިއާ ފޭންއިން އެ ދެ މީޑިއާއިން ގޫގުލްގެ ޔޫޓިއުބްގައި ހިންގި ޗެނަލްތައް ގޫގުލްގެ ގަވައިދާ ހިލާފުވުމުން ބަންދުކުރުމުން ގޫގުލްއާ ދެކޮޅަށްކުރި ދައުވާ ކާމިޔާބުވުމުންނެވެ. އެ ދެ ޗެނަލް އަލުން ޔޫޓިއުބަށް ގޫގުލްއިން ނުލައިދިނުމުން ކޯޓުން އެއިރު ނިންމީ ދުވާލަކު 100،000 ރޫބްލްޒް ނުވަތަ 1،315 ޑޮލަރު (20،329ރ.)ގެ ޖޫރިމަނާއެއް ގޫގުލްއިން ދެއްކުމަށެވެ. އަދި ނިންމީ މި އަދަދު ކޮންމެ ހަފުތާއަކު ދެގުނަ އިތުރުކުރުމަށެވެ. އެހެންކަމުން 2023 ގައި ގޫގުލްގެ ސަބްސިޑިއަރީ އޯ.އޯ.އޯ ގޫގުލް ބަނގުރޫޓުވީ ކަމަށް ފައިލް ކުރިއިރު ޖޫރިމަނާ 1.2 ކުއިންޓިލިއަން ޑޮލަރަށްވަނީ އަރައިފައެވެ. އަދި ބަނގުރޫޓުވި ކަމަށް ފައިލްކޮށް، އެ އަދަދު ނުދެއްކޭނެ ކަމަށް ގޫގުލްއިން ބުނުމުން އެ އަދަދު އެ ވަރުގައި ކޯޓުން ހިފެހެއްޓިއެވެ.
އަލްފަބެޓުން ބުނީ 2023 ގައި އޯ.އޯ.އޯ ގޫގުލް ބަނގުރޫޓުވި ކަމަށް ފައިލްކޮށް، އެ ކުންފުނި ރަޝިޔާއިން އަމިއްލައަށް ބޭރުވެފައިވާތީ ރަޝިޔާގެ މި ނިންމުމާމެދު ހާސްނުވާ ކަމަށެވެ. ސަބަބަކީ ރަޝިޔާގެ ކޯޓަކުން ނިންމާ ނިންމުމެއް އެ ގައުމުގެ ތެރޭގައި މިހާރު ނެތް ކުންފުންޏަކާ ދެކޮޅަށް ތަންފީޒު ނުކުރެވޭނެތީއެވެ.
"ބަނގުރޫޓުވި ހިސާބުން ރަޝިޔާގެ ގާނޫނީ ނިޒާމާ މުއާމަލާތްކުރުން އަހަރެމެން ހުއްޓައިލައިފިން. ރަޝިޔާއަށް އަތުލެވޭނެ އަހަރެމެންގެ އެއްވެސް އަރަންޏެއް މިހާރު އެ ގައުމުގައި ނުއޮންނާނެ. އެހެންކަމުން ކޯޓުގެ މި ނިންމުމަކުން އަހަރެމެންނަށް މާއްދީ ގޮތުން ގެއްލުމެއް ނުލިބޭނެ،" ދުނިޔޭގައި ކްލައުޑްގެ ހިދުމަތް ދޭ ތިންވަނައަށް އެންމެ ބޮޑު ނުވަތަ 14 ޕަސެންޓް ހިއްސާކުރާ ކުންފުނި ވެސް ކަމަށްވާ ގޫގުލްއިން ބުންޏެވެ.
މީގެ އިތުރުން އެމެރިކާގެ އާއްމު ސިޔާސަތުގައި ވެސް އަމިއްލަ ގައުމުގެ ކުންފުންޏަކާ ދެކޮޅަށް އެހެން ގައުމަކުން އަޅާ ފިޔަވަޅެއް ތަންފީޒުކުރަން އެހީވާ ގޮތަކަށް ނޯވެއެވެ. ބައިނަލްއަގުވާމީ ގާނޫނުގައި ބުނާ ގޮތުން ވެސް ގައުމެއްގެ އެ ފަދަ "ޕަބްލިކް ޕޮލިސީ"އަކާ ހިލާފަށް އެހެން ގައުމަކުން ފިޔަވަޅެއް ނޭޅޭނެއެވެ. އަދި ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަން މީގެ ހަތަރު އަހަރު ކުރިން 2022 ގެ ފެބްރުއަރީ 24 ގައި ފެށި ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާތީ އާއި ރަޝިޔާގައި ސެންސަރުކުރުމުގެ އާދަ ކުރިއަށްގެންދާތީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ވެސް ރަޝިޔާގެ މި ޖޫރިމަނާ ތަންފީޒުކުރަން މަސައްކަތް ނުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން ގޫގުލް އަތުން ޖޫރިމަނާ ހޯދުމަކީ ގާނޫނީ ގޮތުން ރަޝިޔާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ތަޖުރިބާކާރުން ބުނީ ރަޝިޔާގެ މި ނިންމުމުން ހާމަވަނީ އެ ގައުމުގެ މިހާރުގެ ގާނޫނީ ވެށީގެ ހާލަތް ބައިނަލްއަގުވާމީ ވިޔަފާރީގެ އާދަކާދަތަކާ ފުށުއަރާއެރުން ކަމަށެވެ.



advertisment