ޔޫރަޕްގެ މި އަހަރުގެ މައިގަނޑު ފުރަތަމަ ފިލްމް ފެސްޓިވަލްގެ އިނާމު ޖަރުމަނުން ތައްޔާރުކޮށްފައިވާ ތުރްކިޔެ ބަހުގެ ފިލްމަކަށް ލިބިއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ޖަރުމަންގެ ވެރިރަށް ބާލިންގައި ބޭއްވި ބާލިން ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ފިލްމަށް ދޭ ގޯލްޑަން ބެއާ އެވޯޑު ލިބުނީ ޖަރުމަންގައި ހެދި "ޔެލޯ ލެޓާސް"އަށެވެ.
ފެސްޓިވަލްގައި 22 ފިލްމް ވާދަކުރިއެވެ. އެވޯޑު ލިބުނު ގިނަ މީހުން އޯޑިއެންސާ މުހާތަބުކޮށް ބުނީ ފަލަސްތީން ރައްޔިތުންނާއި އެހެނިހެން ގައުމުތަކުގައި ވެސް އެކި ކަހަލަ ވޭންތައް ބަރުދާސްތު ކުރަމުންދާ މީހުންނަށް ހިތްވަރު ދޭ ކަމަށެވެ.
ފެސްޓިވަލްގެ ފަނޑިޔާރުންގެ ޕެނަލްގެ ވެރިޔާ، ޖަރުމަންގެ މަޝްހޫރު ޑިރެކްޓަރު ވިމް ވެންޑާސް "ޔެލޯ ލެޓާސް"އަށް ތައުރީފުކުރަމުން ބުނީ ފިލްމްގައި ހުދުމުހުތާރު ވެރިކަން ހިންގާ ގޮތް ވަރަށް ސާފުކޮށް ދައްކައިދީފައިވާ ކަމަށެވެ.

"ޔެލޯ ލެޓާސް"ގައި ދައްކައިދެނީ ތުރްކިޔެގައި އުޅޭ ދެމަފިރިއެއްގެ ދިރިއުޅުމަށް ސިޔާސީ ޕްރެޝަރާ ހެދި ވާ ގޮތްތަކެކެވެ. ބަތަލަކާއި ޑްރާމާ ލިޔުންތެރިއެއް އެ ދެމަފިރިންގެ އަރާމު ދިރިއުޅުން ދޫކޮށްލަން ޖެހޭ ގޮތެވެ. އެއީ ސަރުކާރާ ދެކޮޅު މައުލޫމާތު އިންޓަނެޓަށް ލުމުން އެ މީހުންނަށް ފިޔަވަޅު އެޅުމުންނެވެ.
ފިލްމް ހަދައިފައިވަނީ ޖަރުމަންގެ މަސްދަރުތަކުން ހޯދި ފައިސާއިންނެވެ. އަދި ގަސްދުގައި ޖަރުމަންގައި ފިލްމް ހެދީ ތުރްކިޔެއިން ފިޔަވަޅު އަޅާތީ ޖަރުމަނަށް ހިޖުރަކުރަން ޖެހުމުގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ޑިމޮކްރެސީއަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކާ ދެއްކުމަށް ކަމަށް ޖަރުމަނަށް އުފަން ތުރްކިޔެގެ ޑިރެކްޓަރު އިލްކަރު ޝާތަކު ބުންޏެވެ.
"މި އެވޯޑުން ފިލްމް ހެދުމުގައި މަސައްކަތްކުރި ތުރްކިޔެގެ އެކްޓަރުންނާއި ކްރޫންނަށް ލިބޭނެ ހިތްހަމަޖެހުން އަހަރެންނަށް އެނގޭ. މިހާރު އެ މީހުންގެ މަސައްކަތް މި ފެނުނީ ބައިނަލްއަގުވާމީ ފެންވަރުގައި،" އޭނާ ބުންޏެވެ.
މިއީ ބާލިން ފިލްމް ފެސްޓިވަލްގައި 20 އަހަރަށްފަހު ޖަރުމަންގެ ރައްޔިތުކަން އޮތް ޑިރެކްޓަރަކަށް އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އިލްކަރު 2024 ގައި ޑިރެކްޓްކުރި "ދަ ޓީޗާސް ލައުންޖް" އެ ފެސްޓިވަލަށް ހުށަހެޅިއެވެ. އެ ފިލްމް ވަނީ އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އޮސްކާ އެވޯޑަށް ނޮމިނޭޓްވެފައެވެ. އެއީ އެންމެ މޮޅު ބައިނަލްއަގުވާމީ ފީޗާ ފިލްމް ބައިންނެވެ.

"’ޔެލޯ ލެޓާސް’އަކީ ހަމައެކަނި ތުރްކިޔެއާ ގުޅޭ ފިލްމެއް ނޫން. ނަމަވެސް ޖަރުމަނާ ވެސް ބެހޭ ފިލްމެއް،" އިލްކަރު ބުންޏެވެ.
އޭނާ ބުނީ 1933 ގައި ޖަރުމަންގެ ވެރިކަމަށް އެޑޮލްފް ހިޓްލަރު އައުމާއި އޭގެ ކުރިން ހިނގި ހާދިސާތަކަށް ބަލައިލުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.
"އެއީ އަހަރެމެން ދުވަހަކު ވެސް ހަނދާން ނައްޓައިލައިގެން ނުވާނެ ކަންތައްތައް،" އޭނާ ބުންޏެވެ.



advertisment