Support Us

ގުޅުން ދަމަހައްޓަން އިހުސާސްތައް ބޭރުކުރުން މުހިންމުތަ؟

މި ފަހަކަށް އައިސް އިވެން ފަށައިގެން އުޅެނީ އެއް އަޑެކެވެ. ލޯބީގައި ކާމިޔާބު ގުޅުމެއް ދަމަހައްޓަން އެންމެ ބޮޑު ސިއްރަކީ ދެމީހުންގެ މެދުގައި ހުޅުވައިލެވިފައި އޮންނަ މުއާމަލާތީ ދޮރުތަކެވެ. ކޮންމެ ބައިވެރިޔެއް އޭނާގެ ހިތުގައި އުފެދޭ ހުރިހާ އިހުސާސެއް އެއްވެސް ފޮރުވުމެއް ނެތި ވަގުތުން ވަގުތަށް ހިއްސާކުރަމުން ގެންދިޔުމަކީ އެދެވޭ ކަމެކެވެ. ދިމާވާ ކޮންމް ކަންބޮޑުވުމަކާއި، މާޔޫސްކަމެއް ވަގުތުން ވަގުތައް އެ ހޫނުކަން މަތީގައި ބޭރުކޮށްލުމަކީ ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއްގެ މައި ތަޅުތަނޑި ކަމަށް މިފަދަ ކަންކަމުގައި ހަރަކާތްކުރާ މާހިރުން ބުނެއެވެ. ނަމަވެސް ދާދި ފަހުން މި ވިސްނުމަށް ގޮންޖަހައިލާ ފަދަ ދިރާސާތަކެއް ނަފުސާނީ އިލްމުގެ އާހޯދުންތަކުން ފެންމަތިވެއްޖެވެ. މި ދިރާސާތަކުން ދައްކައި ގޮތުގައި ގުޅުމެއް ދިގުމުއްދަކަށް ދެމެހެއްޓުމުގެ އަސްލު ބާރަކީ އިހުސާސްތައް ބޭރުކުރުމެއް ނޫނެވެ. ނަމަވެސް އެއީ އެ އިހުސާސްތައް މެނޭޖުކުރުމެވެ. މިއަށް އިމޯޝަނަލް ރެގިއުލޭޝަނޭ ކިޔައެވެ.

އިމޯޝަނަލް ރެގިއުލޭޝަނަކީ އުނދަގޫ ހާލަތެއް މެދުވެރިވުމުން، އަމިއްލަ ނަފްސަށް މަޑުޖެހިލުމަށް ފުރުސަތު ދިނުމާއި، ކުރެވޭ އިހުސާސްތަކާ މެދު ފުންކޮށް ވިސްނުމާއި، އަދި އެއަށް އިޖާބަދޭނެ އެންމެ ރަނގަޅު ގޮތް ހިޔާރުކުރުމުގެ ގާބިލުކަމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ނުވަތަ ދިމާވާ ހިޔާލުތަފާތުވުންތަކުގައި، އަމިއްލަ އިހުސާސްތައް ކޮންޓްރޯލްކުރާ މިންވަރަކީ އެ ގުޅުމެއްގެ ކުރިމަގު ބައްޓަންވާނެ ގޮތް އަންގައިދޭ އެންމެ މުހިންމު މިންގަނޑެކެވެ. ރުޅިގަދަވާ ވަގުތު އެއްވެސް ހިފެހެއްޓުމެއް ނެތް ގޮތުގައި ބަސްތައް ބޭރުކޮށްލުމަކީ ގުޅުން ބަދަހި ވުމަށް ވުރެން ހީނަރުވާން ފުރުސަތު ބޮޑުވާ ކަމެކެވެ. އޭގެ ބަދަލުގައި، އެ ވަގުތު އަމިއްލަ ނަފްސު މައިތިރިކޮށް، ހަމަޖެހިލައިގެން ވާހަކަދެއްކުމުން ގުޅުމުގެ ފެންވަރު ރަނގަޅުވެ، ދެމީހުންގެ މެދުގައި އޮންނަ އިތުބާރު ބަދަހިވެއެވެ.

މިކަންތައް އެންމެ ބޮޑަށް އާންމުންނަށް ފާޅުވާން ފެށީ ޖަޕާނުގައި ދެމަފިރިން އެކަކު އަނެކަކާ މެދު ބަހައްޓާ އިހުތިރާމާއި ގަދަރުގެ ސަބަބުން އެ މުޖުތަމައުގައި ފެންނަމުންދާ އިޖްތިމާއީ ކުރިއެރުންތަކުގެ ސަބަބުންނެވެ. ޖަޕާނު މީހުންނަކީ އެމީހުންނަށް ކުރެވޭ އިހުސާސްތަކުގެ މައްޗަށް ބާރު ހިންގާ މީހުންގެ ތެރޭގައިވެސް ނޭދެވޭ އިހުސާސްތައް ފާޅުނުކޮށް އެހެން މީހުންގެ ކަރާމާތަށް ވިސްނައިގެން އަމަލުކުރާކަމަށް ފާހަގަ ކުރެވިފައިވާ ސަގާފަތެއްގެ ވެރިބަޔެކެވެ. މިކަމުގެ ސަބަބުން ގައުމުގެ އިގްތިސާދީ ކުރިއެރުންތަކަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިއްބައިދެއެވެ. އެންމެން މަސައްކަތްކުރާ މާހައުލަކީ ސަލާމަތީ ރައްކާތެރި މާހައުތައްކަމުގައި ކަށަވަރުވެއެވެ. އުފެއްދުންތެރިކަން އިތުރުވެއެވެ.

މިގޮތަށް ހިފެހެއްޓުންތެރިކަން ބެހެއްޓުމުގެ ބަދަލުގައި ދުނިޔޭގައި އެންމެ ބާރުލައިފައި ފެތުރޭ ހުޅަނގުގެ ވިސްނުން މީހުންނަށް ބާރު އަޅަނީ އަމިއްލަ އެދުން އިސްކޮށް އަމިއްލަ އިހުސާސްތަކަށް އިސްކަންދީ އެކަމުގެ ދިފާއުގައި ފިޔަވަޅު އެޅުމަށެވެ. ގިނަ ފަހަރަށް އިހުސާސްތައް ބޭރުކުރުމުގެ ނަމުގައި ކުރެވޭ ކަންކަމުގެ ސަބަބުން ގުޅުމުގައި އޮންނަ ގާތްކަން ކެނޑިގެންދެއެވެ. ގޭތެރޭގެ މާހައުލުން ބޭރުގައިވެސް ދޭދޭ މީހުންގެ ދެމެދުގައި މި އަދަބު އިހުތިރާމު ނެތުމުގެ ސަބަބުން ކަންކުރަން ދަތިވެ އުނދަގޫ އިހުސާސްތައް ތަހައްމަލުކުރަން ޖެހެއެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި، ގުޅުމެއްގައި އެންމެ އުފާވެރިކަން ލިބެނީ އެކަކު އަނެކަކުގެ ނަފްސާނީ ހާލަތު ދެނެގަނެ، އެކަކު އަނެކަކަށް ހަމަޖެހުން ހޯދައިދޭން މަސައްކަތްކުރާ ބައިވެރިންނަށެވެ. މިސާލަކަށް، ހާސްކަމާއި ރުޅިވެރިކަމުގެ ވަގުތުގައި ކުޑަކޮށް ސަމާސާކޮށްލައި، އަނެކާގެ އަގުވަޒަންކުރުމާއި، އަދި ވާހަކަ ދައްކާ ގަޑީގައި ކަނުލައި އަޑުއެހުމަކީ ހަމައެކަނި ޝަކުވާ ބޭރުކޮށްލުމަށްވުރެ މާ ވަރުގަދަ ނަތީޖާއެއް ނެރެދޭ ކަންކަމެވެ.

މީގެ ފަހަތުގައިވާ އިލުމު ދެނެގަތުމުން މިއަދު ޖަޒުބާތީ ހިފެހެއްޓުންތެރިކަމުގެ މުހިންމުކަން އެނގެއެވެ. އިހުސާސްތައް ކޮންޓްރޯލް ނުކޮށް ވަގުތުން ވަގުތަށް ބޭރުކުރާ ނަމަ، ދެމީހުންގެ ނާރުތަކުގެ ނިޒާމު އަބަދުވެސް އޮންނާނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މީގެ ސަބަބުން ބިނާކުރަނިވި ވާހަކައެއް ދެއްކުމުގެ ބަދަލުގައި، މުޅި މުއާމަލާތް ބަދަލުވެގެންދަނީ އެކަކު އަނެކަކަށް ދޭ ހަމަލާތަކަށެވެ. މިއީ އުފެއްދުންތެރިކަން އިތުރުވާނޭ ކަހަލަ މާހައުލަކަށް ނުވާނެއެވެ.

ޖަޒުބާތުގެ މައްޗަށް ކޮންޓްރޯލް ގާއިމުކުރުމަކީ ދިމާވާ ކަންކަމާ އިހުސާސްތައް ހިންދައިލުމެއް ނޫނެވެ. އިހުސާސްތައް ހިންދާލައިގެން އުޅުމާއި، އިހުސާސްތައް މެނޭޖުކުރުމާ ދެމެދު ބޮޑު ތަފާތެއްވެއެވެ. މަސްލަހަތައްޓަކައި އިހުސާސްތައް ހިންދާލުމަކީ ނުވަތަ ފޮރުވުމަކީ އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަން ގެއްލި، ގުޅުމުގެ ފެންވަރު ދަށްވާ ކަމެކެވެ. ނަމަވެސް، އިހުސާސްތައް މެނޭޖުކުރުމަކީ ކުރެވޭ އިހުސާސް ގަބޫލުކޮށް، އެއާ މެދު ވިސްނައި، އެންމެ އެކަށޭނަ ވަގުތުގައި އެންމެ ރަނގަޅު ގޮތަށް އެ ވާހަކަ ދެއްކުމެވެ. މިއީ ހަގީގީ "މެޗުއަރިޓީ" ނުވަތަ ވިސްނުމުގެ ގާބިލުކަން އިތުރުވުމެވެ.

ހިތަށް އެއްޗެއް އެރުމާއެކު އެ އެއްޗެއް ވަގުތުން ބޭރުކޮށްލުމަކީ އިހުލާސްތެރިކަން ކަމަށް ގަބޫލުކުރާ މީހުން މަދެއް ނޫނެވެ. ނަމަވެސް، ހަގީގީ އިހުލާސްތެރިކަމަކީ ބައިވެރިޔާއަށް އިހުތިރާމުކޮށް، އެމީހެއްގެ ހިތުގައި ޖެހިދާނެ ފަދަ ބަސްތަކުން ދުރުހެލިވެ، ބުއްދިވެރިކަމާއެކު މުއާމަލާތް ކުރުމެވެ. އިހުސާސްތައް ބޭރުކުރާލެއް އަވަސްކަމަށްވުރެ، އެ އިހުސާސްތައް ގެންގުޅޭލެއް ހުނަރުވެރިކަން ގުޅުމެއްގައި މާ މުހިންމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *