Support Us

ހަނގުރާމަތަކުގެ ދާއިމީ އަސަރު: ވިއެޓްނާމާއި އޭޖެންޓް އޮރެންޖް

މިހާރު މުޅި ދުނިޔެ ނޭވާ ހިފަހައްޓައިލައިގެން ތިބެނީ އެމެރިކާއާއި އީރާނުގެ ތޮޅުން ސަރަހައްދީ ހަނގުރާމައަކުން ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައަށް ބަދަލުވެދާނެތީއެވެ. އުންމީދަކީ މިކަން މަޝްވަރާއިން ހައްލު ކުރެވުމެވެ. ސަބަބަކީ ދުނިޔޭގެ ތާރީހުގައި ކޮންމެ ހަނގުރާމައަކުން އެތައް ބައިވަރު ގެއްލުންތަކެއް ކުރިމަތިވެއެވެ. ބައެއް ފަހަރު ހަނގުރާމަ ނިމޭތާ އެތައް އަހަރެއް ފަހުންވެސް އޭގެ ނޭދެވޭ އަސަރުތައް ދެމިގެންދެއެވެ.

ވިއެޓްނާމް ހަނގުރާމަ ނިމުނުތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް، އެ ހަނގުރާމައިގައި ބޭނުންކުރި "އޭޖެންޓް އޮރެންޖް" ކެމިކަލްގެ ސަބަބުން އުފެދުނު ހިތްދަތިކަން މިއަދުވެސް އެ ގައުމުގެ ހޮސްޕިޓަލްތަކާއި، ރަށްފުށުގެ އާއިލާތަކުން އަދި ފަރުވާދޭ މަރުކަޒުތަކުން ފެންނަން އެބަހުއްޓެވެ. މިއީ ބޮމަކުން ނުވަތަ އުންޑައަކުން ބަޔަކަށް ލިބުނު އަނިޔާއެއް ނޫނެވެ. މިއީ އެމެރިކާ މީހުން ޖައްވުގެ ތެރެއަށް ބުރުވައިލި ނުރައްކާތެރި ކެމިކަލް ދުންތަކެއްގެ ސަބަބުން ކުރިމަތިވި ކާރިސާއެކެވެ.

ވިއެޓްނާމްގައި 1961 އާއި 1971 ގައި ކުރިޔަށް ދިޔަ ހަނގުރާމައިގައި، އެމެރިކާ ސިފައިން ވަނީ ގާތްގަނޑަކަށް 19 މިލިއަން ގެލަންގެ ކެމިކަލް ވިއެޓްނާމްގެ ދެކުނުގެ ސަރަހައްދުތަކަށް ޖަހައިފައެވެ. "އޭޖެންޓް އޮރެންޖް"ގެ ނަމުން މަޝްހޫރުވި މި ކެމިކަލް ބޭނުންކުރުމުގެ މައިގަނޑު މަގުސަދަކީ، ދުޝްމަނުން ފިލައިގެން އުޅޭ ޖަންގަލިތެރޭގެ ގަސްތައް ނައްތާލައި، އެމީހުންނަށް ބޭނުންވާ ކާބޯތަކެތީގެ ވަސީލަތްތައް ހަލާކުކޮށްލުމެވެ. ނަމަވެސް، މި ލާއިންސާނީ އަމަލުގެ ސަބަބުން ދުނިޔޭގައިވާ އެންމެ ވިހަ މާއްދާ ކަމަށްވާ "ޑައިއޮކްސިން" ވަނީ އެ ސަރަހައްދުގެ ފަސްގަނޑަށާއި، ފެނަށާއި، އެތައް މިލިއަން ބައެއްގެ ހަށިގަނޑަށް ފެތުރިފައެވެ.

މި ނުރައްކާތެރި މާއްދާއަކީ ވަގުތުން އޭގެ އަސަރުތައް ފެންނަ އެއްޗެއް ނޫނެވެ. މިއީ ފަސްގަނޑުގައި ހަރުލައި، ކާބޯތަކެތީގެ ތެރެއިން އިންސާނާގެ ސެލްތަކަށް ވަދެ، އެތައް ޒަމާނަކަށް އޭގެ ނުރައްކާ ދެމިގެންދާ އެއްޗެކެވެ. ވިއެޓްނާމްގެ ހަނގުރާމަ 1971 ނިމުނު ނަމަވެސް މި ވިހަ މާއްދާގެ އަސަރުކުރި އާއިލާތަކަށް އެ ހަނގުރާމައެއް ނުނިމެއެވެ. ހަނގުރާމައިގައި ގޮއްވަމުން ދިޔަ ބަޑި ބަދަލުވީ އެމީހުން އުފުލަން ޖެހުނު ދާއިމީ ބަލިތަކަކަށެވެ.

ވިއެޓްނާމް ސަރުކާރުގެ އަންދާޒާތަކުން ދައްކާގޮތުގައި، ތިން މިލިއަނަށްވުރެ ގިނަ މީހުންނަށް މި ކެމިކަލްގެ އަސަރު ވަނީ ކޮށްފައެވެ. މީގެ ތެރޭގައި މިހާރު ދެވަނަ އަދި ތިންވަނަ ޖީލުގެ ކުދިންވެސް ހިމެނެއެވެ. މިއަދުވެސް އުފަންވާ ބައެއް ކުދިންގެ ކިބައިގައި ނުކުޅެދުންތެރިކަމާއި، ގުނަވަންތައް މަދުވުމާއި، ބުރަކަށީގެ މައްސަލަތަކާއި، ސިކުނޑީގެ އުނިކަން ފަދަ ބޮޑެތި ބަލިތައް ހުރެއެވެ. މިއީ ވިހަވެފައިވާ ބިމެއްގައި ދިރިއުޅެމުންދާ އެތައް އާއިލާއަކަށް ތަކުރާރުކޮށް ކުރިމަތިވަމުންދާ ހިތްދަތި އިމްތިހާނެކެވެ.

ޚާއްސަކޮށް ރަށްފުށުގެ ސަރަހައްދުތަކުގައި މިކަމުގެ ބުރަ އުފުލަން ޖެހިފައިވަނީ އަންހެނުންނަށެވެ. ހިނގާބިނގާވެ ނޫޅެވޭ އަދި ވާހަކަ ނުދެއްކޭ ފުރާވަރުގެ ދަރިންނަށް މައިން ފަރުވާދެމުންދާއިރު، މާމަ އާއި ކާފަ އިން ދަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަމުންނެވެ. ހަމައެއާއެކު، އެމީހުން އަމިއްލައަށްވެސް ދަނީ ކެންސަރާއި އެހެނިހެން ދާއިމީ ބަލިތަކާ ހަނގުރާމަކުރަމުންނެވެ. ބޭސްފަރުވާއަށް ކުރަންޖެހޭ ހަރަދުތައް އިތުރުވެ، މަސައްކަތެއް ކުރެވޭނެ ހަކަތަ ނެތުމުން ފަގީރުކަން ވަނީ އިންތިހާއަށް ގޮސްފައެވެ.

"އޭޖެންޓް އޮރެންޖް"ގެ އެންމެ ނުރައްކާތެރި ވިހައަށް ވަނީ އޭއްޗަކީ ނުފެންނަ އެއްޗަކަށް ވުމުންނެވެ. އޭގައި ވަހެއް ނުވަތަ ރަހައެއް ނުހުރެއެވެ. ގިނަ ބަޔަކަށް އެމީހުންގެ ހަށިގަނޑަށް މި ވިހައިގެ އަސަރުކުރި ކަމެއް ނޭނގެއެވެ. އެމީހުންނަށް ލިބުނު ދަރިން ލޯ އަނދިރިވެ ނުކުޅެދޭ އެހެން ސިފަތަކާއެކުގައި އުފަންވި ސަބަބެއް ނޭނގެއެވެ. އެމެރިކާއިން ދިޔައީ ހަނގުރާމަ ނިމުނުތާ އެތައް އަހަރެއް ވަންދެން މި ކެމިކަލްއާއި މީހުންގެ ގައިން ފާޅުވާން ފެށި ބަލިތަކާ ހުރި ގުޅުން ސިއްރުކުރަމުންނެވެ. މިކަމުގައި އެމެރިކާ ޒިންމާދާރުކުރުމުގެ މަސައްކަތަށް ކާމިޔާބު ލިބުނީ ވަރަށް ގިނަ ދުވަހުންނެވެ.

މިހާރު ބައެއް ސަރަހައްދުތަކުން ކެމިކަލްގެ އަސަރު ފިލުވުމުގެ މަސައްކަތް ވިއެޓްނާމާއި އެމެރިކާ ގުޅިގެން ކުރަމުންދެއެވެ. މިއީ މުހިންމު މަސައްކަތެއް ނަމަވެސް، ފަސްގަނޑު ސާފުކުރާހާ އަވަހަށް އިންސާނުންގެ ދިރިއުޅުން އާރާސްތެއް ނުކުރެވޭނެއެވެ. ގެއްލިގެންދިޔަ ކުޑަކުދިންގެ މުސްތަގުބަލާއި، ހަލާކުވި ހަށިގަނޑުތަކާއި، އާއިލާތަކުން އުފުލި ތަކުލީފުތައް އަނބުރާ ހޯދައެއް ނުދެވޭނެއެވެ. މިހާރުވެސް މި ގައުމުގެ އެތައް ނުކުޅެދޭ ކުދިން ބައިތިއްބާ ސެންޓަރުތައް ވަނީ ގާއިމުކުރެވިފައެވެ. އެތަން ފުރެންދެން ތިބީ އެކި ގޮތްގޮތުން ނުކުޅެދިފައި ތިބޭ ކުދިންނެވެ.

އޭޖެންޓް އޮރެންޖްގެ ސަބަބުން ވިއެޓްނާމު މީހުންނަށް ކުރިމަތިލާން ޖެހިފައިވާ ހާލަތުން އެނގޭ ހަގީގަތަކީ ހަނގުރާމަތަކުގެ ހަމަލާ ބަދަލުކުރުން ހުއްޓުމުން އަދި ހަނގުރާމަ ނުނިމޭކަމެވެ. ހަނގުރާމައިގައި ބޭނުން ކުރާ ބައެއް ހަތިޔާރުތަކަކީ އަދި އުފަންނުވާ ޖީލުތަކުގެ ދަރިންނަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރުވާ އެއްޗެހިކަމެވެ. ވިއެޓްނާމް މިއަދުވެސް ތަހައްމަލު ކުރަމުންދަނީ އެ ހިތްދަތި ހަގީގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *