Support Us

ޕޯސްޓްޕާޓަމް ސައިކޯސިސްގެ ބިރުވެރިކަން- ފަސް ކުދިން މަރައިލި މަޔެއްގެ ވާހަކަ

ނަފުސާނީ ދުޅަހެޔޮކަމަކީ ޖިސްމާނީ ސިއްހަތެކޭ އެއްފަދައިން މުހިންމު ކަމެއްކަން މުޖުތަމައަށް ގަބޫލުކުރެވެން ފެށިތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް، މި ބަލިތަކާ މެދު އޮންނަ ހޭލުންތެރިކަން އަދިވެސް އޮތީ ވަރަށް ދަށް މިންވަރެއްގައެވެ. ގިނަ ބަޔަކަށް ނަފުސާނީ ބައްޔެއްގެ ގޮތުގައި އެނގެނީ ހަމައެކަނި 'ޑިޕްރެޝަން' ނުވަތަ 'އެންޒައިޓީ' އެވެ. ނަމަވެސް، މީގެ އިތުރުންވެސް ނުރައްކާތެރި އެތައް ހާލަތްތަކެއް ހުރެއެވެ. މި މަޒުމޫނުގައި އަލިއަޅުވާލާނީ ނަފުސާނީ ބަލިތަކުގެ ތެރެއިން އެންމެ ބިރުވެރި އެއް ހާލަތް ކަމުގައިވާ 'ޕޯސްޓްޕާޓަމް ސައިކޯސިސް' (ވިހެއުމަށްފަހު ދިމާވާ ބުއްދިގޯސްވުމުގެ ހާލަތު) އާއި، އެކަމުގެ ސަބަބުން މީގެ 25 އަހަރު ކުރިން ހިނގައިދިޔަ ހިތްދަތި ހާދިސާއަކަށެވެ.

2001 ވަނަ އަހަރުގެ ޖޫން މަހު، އެމެރިކާގެ އެންޑްރިއާ ޔޭޓްސް ނަމަކަށް ކިޔާ އަންހެނަކު އޭނާގެ ފަސް ދަރިން ބިލިގާއެއްގެ ތެރޭގައި ގަންބާލައިގެން މަރާލި ހާދިސާއަކީ މުޅި ދުނިޔެ ސިއްސުވާލި ކަމެކެވެ. އެ ކުދިންގެ ތެރޭގައި ހިމެނެނީ ހަތް އަހަރާއި ހަ މަހާ ދެމެދުގެ ފަސް ކުދިންނެވެ. މި ބިރުވެރި އަމަލަށްފަހު، އެންޑްރިއާ އަމިއްލައަށް ކުއްލި އެހީއަށް ގުޅައި، އޭނާގެ ކުށަށް އިއުތިރާފުވިއެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފެއްދީ، އަމިއްލަ ފުރާނައަށްވުރެ ބޮޑަށް ދަރިންދެކެ ލޯބިވާންޖެހޭ މައެއްގެ އަތުން މިފަދަ ލާއިންސާނީ ކަމެއް ހިނގަން މެދުވެރިވީ ކީއްވެގެންތޯއެވެ؟ ނަމަވެސް، މި މައްސަލައިގެ ފުންމިނަށް ބަލާއިރު، މީގެ ހަގީގީ ޒިންމާ އުފުލަންޖެހެނީ ހަމައެކަނި އެންޑްރިއާ ނޫންކަން ހާމަވެއެވެ.

އެންޑްރިއާ އަކީ މީގެ ކުރިންވެސް ވިހެއުމަށްފަހު ނަފުސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވެ، އަމިއްލައަށް މަރުވާން މަސައްކަތްކޮށް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިވާ މީހެކެވެ. ކޮންމެ ފަހަރަކުވެސް އޭނާގެ ހާލަތު ގޯސްވަނީ ދަރިއަކު ލިބުމާ ގުޅިގެންނެވެ. އެހެންކަމުން، އިތުރު ކުއްޖަކު ނުހޯދުމަށް ޑޮކްޓަރުން އޭނާއަށާއި ފިރިމީހާއަށް އިންޒާރު ދީފައިވެއެވެ. ނަމަވެސް، ދީނީ ފިކުރުތަކެއް ގެންގުޅުނު އޭނާގެ ފިރިމީހާ ބޭނުންވީ ވީހާވެސް ގިނަ ކުދިން ހޯދުމަށެވެ.

ފަސްވަނަ ކުއްޖާ ލިބުމަށްފަހު، އެންޑްރިއާގެ ބުއްދި ގޯސްވެ، އޭނާ ބޭނުންކުރަމުންދިޔަ ނަފުސާނީ ބޭސްތައް މެދުކަނޑާލިއެވެ. ހާދިސާ ހިނގުމުގެ ހަފްތާއެއް ކުރިން އޭނާގެ ކިބައިން ނުރައްކާތެރި އަލާމާތްތަކެއް ފެންނަން ފެށިއެވެ. އޭނާގެ ސިކުނޑީގައި ދީނީ ވަހުމުތަކެއް އުފެދި، އޭނާގެ ދަރިން ނަރަކައިގެ އަޒާބުން ސަލާމަތްކުރެވޭނީ އެކުދިން މަރާލައިގެން ކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. މިއީ 'ސައިކޯސިސް’ގެ އެންމެ ނުރައްކާތެރި މަރުހަލާގައި ހަގީގަތާ ހިލާފަށް އުފެދޭ ވަސްވާސްތަކެވެ.

އެންޑްރިޔާ އޭނާގެ ފަސްކުދިން މަރައިލައިފައިވަނީ އޭނާގެ ފިރިމީހާ މަސައްކަތު ދިޔަ ގަޑީގައެވެ. އޭރު ފިރިމީހާގެ މަންމަ އުޅުނީ އެންޑްރިޔާގެ ގާތަށް އައުމުގެ މަގުމަތީގައެވެ.

ޝަރީއަތަށްފަހު، އެންޑްރިއާގެ ކުށް ސާބިތުވި ނަމަވެސް، އޭނާގެ ނަފުސާނީ ހާލަތަށް ބަލައި ފަހުން އޭނާ ބަދަލުކުރެވުނީ ނަފުސާނީ ފަރުވާދޭ މަރުކަޒަކަށެވެ. މި ހާދިސާގެ ސަބަބުން ދުނިޔެއަށް ޕޯސްޓްޕާޓަމް ސައިކޯސިސްގެ ބިރުވެރިކަން އެނގުނެވެ.

ޕޯސްޓްޕާޓަމް ސައިކޯސިސް އަކީ ކޮބާ؟

މިއީ ވިހެއުމަށްފަހު ވަރަށް މަދު އަންހެނުންނަށް (ގާތްގަނޑަކަށް ކޮންމެ 1000 މީހަކުން އެކަކަށް) ދިމާވާ، ނަމަވެސް ނުހަނު ނުރައްކާތެރި ސިއްހީ ކުއްލި ހާލަތެކެވެ. މީގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ވިހާތާ ފުރަތަމަ ދެ ހަފުތާގެ ތެރޭގައެވެ. ފާހަގަކުރެވޭ އަލާމާތްތަކުގެ ތެރޭގައި:

1. ހެލުސިނޭޝަން: ނެތް އެއްޗެހި ފެނުމާއި އަޑުއިވުން.

2. ޑެލޫޝަންސް: ހަގީގަތާ ހިލާފު، ކުށް ގަބޫލުކުރުންތަކެއް ގެންގުޅުން.

3. ވިސްނުން ތަރުތީބު ނުވުމާއި އޮޅުންބޮޅުންވުން.

4. މިޒާޖަށް ކުއްލި ބޮޑެތި ބަދަލުތައް އައުން.

5. މީހުންނަށް އިންތިހާއަށް ޝައްކުކުރުން.

6. ނިދި ނައުމާއި އާދަޔާ ހިލާފަށް ހަރަކާތްތެރިވުން.

މި ހާލަތަކީ 'މެޑިކަލް އެމަޖެންސީ' އެއްގެ ގޮތުގައި ބެލެވެނީ، ބަލިމީހާއަށް އޭނާގެ އަމިއްލަ ހާލަތު ދެނެގަތުމުގެ ބާރު ކެނޑި، އޭނާގެ ވަހުމުތަކަކީ ހަގީގަތް ކަމަށް ގަބޫލުކުރެވޭތީއެވެ. އެހެންކަމުން، މިފަދަ ހާލަތެއްގައި އާއިލާގެ އެހީތެރިކަމާއި އަވަސް ފަރުވާ ނުހަނު ބޭނުންތެރިއެވެ. މިކަމުން ގިނަފަހަރު އަރައިގަނެވެނީ ހޮސްޕިޓަލުގައި ބާއްވައިގެން ކުއްލި ފަރުވާދެވި މީހާ ނިންދަވައިގެންނެވެ.

އެދެވޭ ފަރުވާ ލިބިއްޖެނަމަ، ގިނަ މައިން ހަ ހަފުތާއާއި 10 ހަފުތާއާ ދެމެދު މިކަމުން ފަސޭހަވެއެވެ. ނަމަވެސް ފަރުވާ ނުލިބިއްޖެނަމަ، މުޅި އާއިލާއަށް އޭގެ ނޭދެވޭ އަސަރުކޮށް، ދަރިފުޅާއި މައިމީހާގެ ފުރާނައަށްވެސް ނުރައްކާވެދާނެއެވެ. ވީމާ، ވިހެއުމަށްފަހު މައިމީހާގެ ފަރާތުން އާދަޔާ ހިލާފު ބަދަލުތަކެއް ފެންނަނަމަ، ލަސްނުކޮށް ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *