ދުނިޔޭގައި އަދި އެމެރިކާގައި ވެސް މިއުޒިކަށް ދޭ އެންމެ ޝަރަފުވެރި އިނާމު ކަމަށްވާ ގްރެމީގެ ފަސް އެވޯޑު، 68 ވަނަ ގްރެމީ އެވޯޑު ހަފުލާގައި ލިބިގެން މީގެ ކުރިން ލިބިފައިވާ 22 ގްރެމީއާއެކު ގްރެމީގެ ހިޕް-ހޮޕް ރެކޯޑް ކެންޑްރިކް ލާމާ މުގުރައިލައިފިއެވެ.
އެމެރިކާގެ ލޮސް އެންޖަލިސް ސިޓީގައި އިއްޔެ ބޭއްވި ހަފުލާގައި މީގެ ކުރިން ލިބުނު ގްރެމީތަކާއެކު 27 އެވޯޑު ހަމަކޮށްގެން އުމުރުން 38 އަހަރުގެ، އެމެރިކާއަށް އުފަން ކެންޑްރިކް ގްރެމީގެ ހިޕް-ހޮޕް ރެކޯޑު މުގުރައިލިއިރު، ޖޭ-ޒީއަށް ކުރީ އަހަރުތަކުގައި ލިބުނު ހުރިހާ ގްރެމީއެއްގެ މުޅި އަދަދަކީ 25 އެވެ.
މި ހަފުލާގައި އެންމެ ގިނަ ގްރެމީ ލިބުނީ ވެސް ކެންޑްރިކަށެވެ.
ހިޕް-ހޮޕްއަކީ މައި މުޖުތަމައުން އެކަހެރި ކުރެވިފައިވާ އަޣްލަބިއްޔަތު ނެތް މީހުން އެ މީހުންގެ ކެކުޅުންތައް މައި މުޖުތަމައުގެ ސަމާލުކަމަށް ގެންނަން ބޭނުންކުރާ މިއުޒިކެއް ކަމަށް އަބަދުވެސް ބެލެވެއެވެ.
ރެޕް ލަވަ ކިޔާ، އަދި މިއުޒިކް ޕްރޮޑިއުސް ވެސް ކުރާ ކެންޑްރިކަށް ގްރެމީތައް ލިބުމުން ސްޓޭޖް މަތީގައި އޭނާ ދެއްކީ އޭނާގެ އަބަދުވެސް ހުންނަ ހިތްތިރިކަމުގެ ސިފައެވެ. އެ ގޮތުން އޭނާގެ އަމިއްލަ ކާމިޔާބީއަށްވުރެ ބޮޑަށް އޭނާ ފާހަގަކުރީ ހިޕް-ހޮޕް މިއުޒިކަށް މި ލިބުނު ތަރިކައަށެވެ.
"މިއީ ހަމަ އަބަދުވެސް ހިޕް-ހޮޕް. އަހަރެންގެ އަމިއްލަ ނަފުސާމެދު ވާހަކަދައްކަން އަހަރެންނަކަށް އެހާ ރަނގަޅަކަށް ނޭނގޭ. އެކަމަކު އަހަރެން އެ ކަން ކުރަނީ މިއުޒިކްގެ ޒަރީއާއިން. މި ތަނުގައި ހުރެވުމަކީ ލިބުނު ޝަރަފެއް،" ކެންޑްރިކް ބުންޏެވެ.
"ހިޕް-ހޮޕް އަހަރެމެންނާއެކު އަބަދުވެސް ހުންނާނެ. އަހަރެމެން ތިބޭނީ ކޯޓު ފަޓުލޫނު ލައިގެން. ރީތި ސިފައަކަށް. އަހަރެމެންނަށް ހެޔޮ އެދޭ މީހުންނާއެކު. މި ސަގާފަތް އަހަރެމެންނާއެކު،" އޭނާ އިތުރަށް ބުންޏެވެ.
ކެންޑްރިކަށް މި ފަހަރު ގްރެމީ ލިބުނު ފަސް ކެޓިގަރީއަކީ:
- އެންމެ މޮޅަށް ތައްޔާރުކޮށްފައިވާ ލަވަ – "ލޫތާ" (އެސް.ޒެޑް.އޭ އާއެކު)
- އެންމެ މޮޅު ރެޕް އަލްބަމް – "ޖީ.އެން.އެކްސް"
- އެންމެ މޮޅު ރެޕް ލަވަ – "ޓީވީ އޮފް" (ލެފްޓީ ގަންޕްލޭ އާއެކު)
- އެންމެ މޮޅަށް ލަވަ ކިޔުމާއި ރެޕް ކުރުން މަސްހުނިކޮށްފައިވާ ލަވަ – "ލޫތާ" (އެސް.ޒެޑް.އޭ އާއެކު)
- އެންމެ މޮޅަށް ރެޕްކޮށް ކިޔާފައިވާ ލަވަ – "ޗެއިންސް އެންޑް ވިޕްސް" (ކްލިޕްސް އަދި ފެރަލް ވިލިއަމްސް އާއެކު)



advertisment