Support Us

ކޮލަމް މިޒާޖު: ފަތުރުވެރިން ޒިޔާރަތްކުރާ އަދަދަށް އެކަނި ބަލައިގެން ކާމިޔާބު ވަޒަންކުރެވޭތަ؟

ޓޫރިޒަމް މިނިސްޓްރީން ދާދި ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ނަޒަރު ހިންގައިލުމުން، ރާއްޖޭގެ ފަތުރުވެރިކަން މިއަހަރު ފެށިގެން ދިޔައީ ވަރަށް އުންމީދީ އަދި ހިތްހަމަޖެހޭ ފަދަ ނަތީޖާތަކަކާއެކުކަން ފާހަގަކުރެވެއެވެ. މިއަހަރުގެ ފުރަތަމަ ތިން ހަފުތާގެ ތެރޭގައި، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ހަތެއް އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން ރިޕޯޓުތަކުން ހާމަވެއެވެ. ނަމަވެސް، މި ފަހުރުވެރި ސުރުހީތަކުގެ ފުރަގަހުގައި، ފުންކޮށް ވިސްނައިލަންޖެހޭ ފަދަ މުހިންމު މައުލޫމާތުތަކެއް ފޮރުވިފައިވެއެވެ.

ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށް ބަރޯސާވެފައިވާ ގައުމެއްގައި، މިދިޔަ އަހަރު ފަތުރުވެރިން ގެނައުމަށް ސަރުކާރުން ކަނޑައެޅި އަމާޒަށް، ވަރަށް ކުޑަ މިންވަރަކުން ނުފޯރައި އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ހެއްޔެވެ؟ ނުވަތަ އަސްލު ކަންބޮޑުވާން ޖެހެނީ، އަދިވެސް ހަމައެކަނި "އަދަދުތަކުން" ކާމިޔާބީ މިނެކިރަން މަސައްކަތްކުރާތީ ހެއްޔެވެ؟

ފަތުރުވެރިކަމުގެ ކުރިއެރުން ވަޒަންކުރުމުގައި ހަމައެކަނި ޒިޔާރަތްކުރާ މީހުންގެ އަދަދަށް އިސްކަންދޭނަމަ، އިތުރުވާ ކޮންމެ އަދަދަކީ ކާމިޔާބީއެއް ކަމަށާއި، ކަނޑައެޅި އަމާޒަށް ނުފޯރާ ކޮންމެ ފަހަރަކީ ނާކާމިޔާބީއެއް ކަމުގައި ބެލެން އުޅެވެއެވެ. މިފަދަ ހަނި ވިސްނުމަކުން މިނެކިރަން ތަންދިނުމުން، މިފަދަ އަންދާސީ ރިޕޯޓުތަކުގައި ފޮރުވިފައިވާ މާ މުހިންމު އެހެން ބައިތަކަށް ފާޑުކިޔައި މީހުންގެ ސަމާލުކަން ނުލިބި ހިނގައިދާނެއެވެ.

މި ރިޕޯޓުތަކުން ފެންނަން އޮތް ޖުމްލަ އަދަދާމެދު ވިސްނައިގެން ކަންބޮޑުނުވަނީ، މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ބާޒާރުތަކަށް ބަލައިލުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވީމައެވެ. ކުރީ އަހަރުތަކުގައި ޗައިނާ އާއި އިންޑިއާ ފަދަ މާކެޓުތައް ގަދަ ތިނެއްގައި އޮތް ނަމަވެސް، މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާ، އިޓަލީ އަދި އިނގިރޭސިވިލާތުންކަން ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހެއެވެ.

މިކަން ބޮޑު ކަމަކަށް ވަނީ ކިހިނެތްވެގެން ހެއްޔެވެ؟ މި ވޭތުވެ ދިޔަ ވިއްސަކަށް އަހަރު ތެރޭގައި މިމާކެޓުތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. މީގެ ނޭދެވޭ އަސަރު މުޅި ސިނާއަތަށް ދިޔައީ ކުރަމުންނެވެ. ސަބަބަކީ މި މާކެޓުތަކުގެ މީހުންނަކީ އެމީހުން ދަތުރުކުރާ މަންޒިލުތަކުގައި ގިނަ ދުވަސް ހޭދަކުރާ ބަޔަކަށް ވެފައި ނިސްބަތުން އެމީހުންގެ ދަތުރުގައި ކުރާ ހަރަދު ބޮޑު ބަޔަކަށް ވީމައެވެ.

އެހެންކަމުން، މި މާކެޓުތަކުގެ ސަބަބުން ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިފައިވާ އެންމެހައި ހިދުމަތްތެރިންނަށް ސީދާ މަންފާ ކުރެއެވެ. ގިނަ ދުވަހު މަޑުކުރާ ފަތުރުވެރިންގެ ސަބަބުން ކޮޓަރިތައް ފުރޭ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، އާމްދަނީ ލިބުމުގައި ދެމެހެއްޓެނިވި ހަމަޖެހުމެއް އާދެއެވެ. މިއީ ހަމައެކަނި ގިނަ އަދަދެއްގެ މީހުން ގެނައުމަށްވުރެ، ސިނާއަތުގެ ކުރިމަގަށް މާ މުހިންމު ކަމެކެވެ. ސަބަބަކީ ދިގު މުއްދަތަށް ތިބޭ ފަތުރުވެރިންނަށް ބިނާވާ އާމްދަނީއަކީ، ކޮންމެ ދުވަހަކު އައު ފަތުރުވެރިން ހޯދުމަށް ކުރަންޖެހޭ މަސައްކަތާއި ހަރަދު ކުޑަކޮށްދޭ ކަމަކަށް ވާތީއެވެ. މީގެ އިތުރުން، މިފަދަ މާކެޓުތައް ވަރުގަދަވުމަކީ ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީވެސް މާ ފުރިހަމަ ގޮތެއްގައި އިތުރުވެގެންދާނެ ކަމެކެވެ.

މީގެ ކުރީ އަހަރުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ގިނަ ނަމަވެސް، ކޮޓަރިތައް ފުރަމުން ދިޔައީ ގިނައިން ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި މާކެޓުތަކުންނެވެ. މި މާކެޓުތަކަކީ އަދަދުގެ ގޮތުން މުހިންމު ދައުރެއް އަދާކުރާ ބައެއް ނަމަވެސް، އެ މީހުން ރާއްޖޭގައި ހޭދަކުރަނީ އާންމުކޮށް ކުރު މުއްދަތެކެވެ. އަދި އެމީހުން ދަތުރުތަކަށް ކުރާ ހަރަދަކީވެސް ވަކި މިންވަރެއްގައި ހިފެހެއްޓިފައިވާ ބަޖެޓެކެވެ. މިފަދަ މާކެޓުތަކަކީ އޮފް-ސީޒަން ނުވަތަ ފަތުރުވެރިކަން މަޑުޖެހޭ ދުވަސްވަރު އެއާލައިންތަކުގެ ސީޓުތަކާއި ރިސޯޓުތައް ފުރައިލުމަށް މުހިންމު ބައެއް ނަމަވެސް، އެމީހުންގެ އަދަދު އިތުރުވުމަކީ އޭގެ ނިސްބަތުން ޖުމްލަ އާމްދަނީއަށް ބޮޑު ބަދަލެއް އަންނަ ކަމެއް ނޫނެވެ.

ފަތުރުވެރިން އަންނަ އަދަދަށް ސަމާލުކަން ގެންނަން މަސައްކަތްކުރުމުން ސަރުކާރުން އަޅައިފައިވާ މުހިންމު ފިޔަވަޅުތަކުން އައިސްފައިވާ ބަދަލާއި ދޭތެރޭ މީހުންނަށް ވިސްނައިލާކަށް ފުރުސަތެއް ނުލިބެއެވެ. ފާހަގަކޮށްލަން ޖެހޭ އެންމެ ބޮޑު ކަންކަމުގެ ތެރޭގައި، އިނގިރޭސިވިލާތާއި ރަޝިއާ ފަދަ މާކެޓުތައް ކުރިއަރަމުން މިދަނީ ދުނިޔޭގެ ދަތުރުފަތުރުގެ ހަރަދުތައް އިންތިހާއަށް އުފުލި، ރާއްޖޭގެ އެތެރޭގެ އިގްތިސާދީ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދަނޑިވަޅެއްގައި މީހުންގެ ސަމާލުކަމަށް ގެންނަން ޖެހެއެވެ.

ދުނިޔޭގެ ފަތުރުވެރިން މަންޒިލުތައް އިހުތިޔާރުކުރުމުގައި މިހާރަށްވުރެ ބޮޑަށް ފަރުވާތެރިވާން ޖެހިފައިވާ ވަގުތެއްގައި، ރާއްޖެއިން ވަނީ މިދިޔަ އަހަރު ޓެކްސްގެ ނިޒާމަށާއި ބޭރު ފައިސާ މެނޭޖުކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ދުރު ރާސްތާ މާކެޓުތަކުގެ ޑިމާންޑު ދެމިއޮތުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގާ ވަރުގަދަކަން ސާބިތުކޮށްދޭ ހެއްކެކެވެ. އަދި އޭގެ އިތުރުން އެފަދަ ސިޔާސަތެއް ކަނޑައެޅުމުން އައިސްފާނޭ ލޮޅުމަކާއި ބަދަލުތަކާ ބެހޭ ގޮތުން ސަރުކާރުން ރިސްކު އެނަލައިޒުކޮށްފައިވާ މިންވަރު ދޭހަކޮށްދޭ ކަމެކެވެ.

މިކަމުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ބައިނަލްއަގުވާމީ ބާޒާރުގައި "މޯލްޑިވްސް" އަކީ އަދިވެސް އިތުބާރު ހިފޭ، ވަރުގަދަ 'ލަގްޒަރީ ބްރޭންޑެއް' ކަން އެނގުމެވެ. ރާއްޖެއަށް އެންމެ ގިނައިން އައި މާކެޓުތަކުގެ ފަތުރުވެރިންނަކީ ހަމައެކަނި އަގަށް ބަލައިގެން މަންޒިލު އިހުތިޔާރުކުރާ ބައެއް ނޫނެވެ. އެމީހުން އިސްކަންދެނީ ލިބޭ ހިދުމަތުގެ ފެންވަރަށާއި، ތަފާތު ތަޖުރިބާތަކަށެވެ. ޓެކްސްތަކާއި ޓިކެޓުގެ އަގުތަކަށް އައި ބަދަލާއެކުވެސް، މި މާކެޓުތަކުން ރާއްޖެއަށް އޮތް ޝައުގުވެރިކަން ކުޑަނުވުމުން އެނގެނީ، ރާއްޖެއިން ފޯރުކޮށްދޭ ފެންވަރު ރަނގަޅު ތަޖުރިބާއަށް އެމީހުން ކުރާ ގަދަރެވެ.

މިފަހަރުގެ ތަފާސް ހިސާބުތަކުން ވެސް މިކަމަށް އަލިއެޅިފައިވެއެވެ. ރާއްޖެ އަގުބޮޑު ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ދުނިޔެ ބަލައިގެންފައިވާކަން އެންމެ ބޮޑަށް ދޭހަވަނީ، ގެސްޓުހައުސް ވިޔަފާރި ފުޅާވެފައިވާ ވާއިރުގައިވެސް ޒިޔާރަތްކުރި މީހުންގެ ގާތްގަނޑަކަށް 70 ޕަސަންޓު މަޑުކުރީ ރިސޯޓުތަކުގައި ކަމެވެ. މިއީ އުފާކުރަންޖެހޭ ކަންކަމެވެ.

ސަރުކާރުން ގެނައި މި ބަދަލުތަކަށް އެކި މާކެޓުތަކުން އިޖާބަދިން ގޮތް ތަފާތުކަން މިއަހަރުގެ ރިޕޯޓުތަކުން ސާފުވެއެވެ. ޗައިނާ އާއި އިންޑިއާ ފަދަ "ބަޖެޓް-ކޮންޝަސް" މާކެޓުތަކުން ހަރަދު ބޮޑުވުމުން ދަތުރު ކުރުކޮށްލުން ނުވަތަ އަގުހެޔޮ އެހެން މަންޒިލްތަކަށް ބަދަލުވުމުގެ އަމަލުތައް ފެނުނު ނަމަވެސް، މަތީ ފަންތީގެ ފަތުރުވެރިން އެފަދަ ބަދަލުތަކަށް ބެލުމެއްނެތި ރާއްޖެ އިހްތިޔާރުކުރާކަން ހާމަވެއްޖެއެވެ. މިއީ ދުނިޔޭގެ އިގްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައިވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު، މިދިޔަ އަހަރު ކަނޑައެޅި ފަތުރުވެރިންގެ އަމާޒަށް ކުޑަ މިންވަރަކުން ނުފޯރައި އޮތުމަކީ އެއްގޮތަކަށްވެސް ނާކާމިޔާބީއެއް ކަމަކަށް ނުދެކެވެއެވެ. އެއީ ނާކާމިޔާބީއެއްގެ ގޮތުގައި ފެންނާނީ ހަމައެކަނި ފަތުރުވެރިންގެ "ބޯގުނައިގެން" ކާމިޔާބީ މިނެކިރާނަމައެވެ. އެފަދަ ހިސާބުތަކުން، ގައުމުގެ ފަތުރުވެރިކަމުގެ މަޝްރަހަށް އައިސްފައިވާ މިފަދަ ފުން އަދި ހެޔޮ ބަދަލުތަކެއް ދެނެއް ނުގަނެވޭނެއެވެ. އެހެންކަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތުތަކުގެ އަގުވަޒަންކުރުމުގައި، ހަމައެކަނި އަންނަ މީހުންގެ އަދަދަށްވުރެ ބޮޑަށް، އޭގެ ފެންވަރާއި ލިބޭ މަންފާއަށް ބަލަން ދިވެހިންނަށް ބާރުއަޅަންޖެހެއެވެ.