އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މަލާނީއާއާ ބެހޭ ޑޮކިއުމެންޓްރީއެއް މާދަމާ މުޅި ދުނިޔޭގައި ރިލީޒުކުރަން ހަމަޖައްސައިފައިވެއެވެ.
ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ)ގެ ބަޖެޓަކުން "މަލާނީއާ"ގެ ނަން ދީފައިފައިވާ ޑޮކިއުމެންޓްރީ ޑިރެކްޓްކުރީ ހޮލީވުޑްގެ "ރަޝް އަވާ" ފަދަ އެކްޝަން ފިލްމްތައް ޑިރެކްޓްކުރި ބްރެޓް ރެޓްނާއެވެ.
ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯން އާއި މެޓްރޯ-ގޯލްޑްވަން-މޭޔާ (އެމް.ޖީ.އެމް) ސްޓޫޑިއޯއިން ގުޅިގެން ތައްޔާރުކުރި "މަލާނީއާ"ގައި ދައްކައިދެނީ ޓްރަމްޕް ދެވަނަ ރިޔާސީ ދައުރުގެ ހުވާ މި ދިޔަ އަހަރުގެ ޖަނަވަރީ 20 ގައި ކުރެއްވުމުގެ ކުރީގެ 20 ދުވަހުގައި މަލާނީއާގެ ހަޔާތް ދިޔަ ގޮތް ކަމަށް ޑޮކިއުމެންޓްރީގެ ޕްރޮޑިއުސަރު އަދި މަލާނީއާއަށް މިނިވަންކޮށް މަޝްވަރާ އަރުވާ އޭނާގެ އެޖެންޓް ކަމަށްވާ މާކް ބެކްމަން ބުންޏެވެ.
"މިއީ އެއްގޮތަކަށް ވެސް ސިޔާސީ ޑޮކިއުމެންޓްރީއެއް ނޫން،" މާކް ބުންޏެވެ.

އޭނާ ބުނީ ޑޮކިއުމެންޓްރީގެ އުފެއްދުންތެރިކަން ބިނާކުރީ ސީދާ މަލާނީއާގެ ހިޔާލާ އެއްގޮތަށް ކަމަށެވެ. ޑޮކިއުމެންޓްރީގައި މަލާނީއާއަށް އެގްޒެކެޓިވް ޕްރޮޑިއުސަރުގެ ކްރެޑިޓް ދީފައިވެއެވެ.
ޑޮކިއުމެންޓްރީގައި ދައްކައިދޭ ބައެއް ކަންތައްތަކުގެ ތެރޭގައި މަލާނީއާގެ ޑިޕްލޮމެޓިކް ހަރަކާތްތަކާއި ހެދުން އެޅުމުގެ ވައްޓަފާޅި އާއި އަދި އެމެރިކާގެ މަސްރަހުގައި އަދާކުރެއްވި މުހިންމު ދައުރު ހިމެނެއެވެ. މީގެ އިތުރުން ސިއްރު ސިފައިން މަލާނީއާއަށް ދީފައިވާ ހިމާޔަތް ބަލަހައްޓާ ގޮތަށް އަލިއަޅުވައިލައިފައިވެއެވެ.
"އަދި (ފިރިކަލުން) ޓްރަމްޕްގެ ސަކަ މިޒާޖު ވެސް ޑޮކިއުމެންޓްރީން ފެނިގެންދާނެ،" މާކް ބުންޏެވެ.
މި ޑޮކިއުމެންޓްރީގެ ޕްރިވިއު ޝޯއެއް ޓްރަމްޕްގެ އާއިލާއަށް ވަނީ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބާއްވައިދީފައެވެ. މިއީ ޓްރަމްޕްގެ އާއިލާއަށް މި ޑޮކިއުމެންޓްރީ އެއްކޮށް ބަލައިލުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ފުޅާ ދާއިރާއެއްގައި އިޝްތިހާރުވާނެ ގޮތަށް ވެރިރަށް ވޮޝިންޓަންގައި ވަނީ ޕްރިމިއާ ބާއްވައިފައެވެ.

މަލާނީއާއަށް ތާއީދުކުރާ ފަރާތްތަކުން ބުނީ މި ޑޮކިއުމެންޓްރީން މަލާނީއާ އަދާކުރައްވާ ދައުރު "ނާދިރު ގޮތެއްގައި ބަލައިލުމަށް ފުރުސަތު ލިބިގެންދާނެ" ކަމަށެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި ޑޮކިއުމެންޓްރީގެ ޓިކެޓް އަގުހެޔޮކޮށް ވިއްކުމާއި އަދި ހިލޭ ޓިކެޓް ދިނުމަކީ ވެސް މައްސަލައެއް ކަމަށާއި ކޮންމެ ކޮންމެ މީހަކަށް ޑޮކިއުމެންޓްރީ ކަމުނުގޮސްފާނެ ކަމަށެވެ.
"މަލާނީއާ" ރިލީޒްކުރުމަށްފަހު ޑޮކިއުމެންޓްރީއާ ގުޅޭ އިތުރު ޑޮކިއުމެންޓްރީ ސީރީޒެއް މި އަހަރު ފަހުކޮޅު ރިލީޒްކުރާނެއެވެ. އޭގައި ދައްކައިދޭނީ މަލާނީއާ އިސްކަންދެއްވާ ބައެއް ދާއިރާތަކެވެ. އޭގެ ތެރޭގައި ފޮސްޓާ އާއިލާތަކާ ހަވާލުކޮށްފައިވާ ކުޑަކުދިންގެ ދިރިއުޅުން ހިމެނެއެވެ.
އުމުރުން 55 އަހަރުގެ މަލާނީއާއަކީ ކުރީގެ ޔުގޮސްލާވިއާ، މިހާރުގެ ސްލޮވީނިއާއަށް އުފަން، ކުރީގެ ފެޝަން މޮޑެލް އަދި ވިޔަފާރިވެރިއެކެވެ. އުމުރުން 79 އަހަރުގެ ޓްރަމްޕްއާ އުމުރުގެ ގޮތުން 24 އަހަރުގެ ތަފާތެއް ހުރިއިރު، މަލާނީއާއަކީ އެމެރިކާގެ ރައްޔިތަކަށްވެ ފަސްޓް ލޭޑީއަކަށްވި ފުރަތަމަ ބިދޭސީ މީހާއެވެ.

މަލާނީއާގެ އާއްމުންނަށް ފެންނަ ޝަހުސިއްޔަތަކީ އެތައް ގޮތަކުން ބަހުސް ކުރެވޭ އައިޑެންޓިޓީއެކެވެ. ގިނަ ބަޔަކު އޭނާ ދެކެނީ ޒާތީ ދިރިއުޅުން ހާމަނުކުރައްވާ، ސިއްރުތަކެއް ވެސް ގެންގުޅުއްވާ މީހެއްގެ ގޮތުގައެވެ. އަނެއް ބައިމީހުން ދެކެނީ މަލާނީއާއަކީ އާރެއްބާރެއް ނެތް ހަމައެކަނި ރަމްޒީ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.
ޓްރަމްޕްގެ ވެރިކަމުގައި މަލާނީއާއަކީ އާއްމުންގެ ލީޑަރަކަށްވުރެ ބޮޑަށް ސިޔާސީ ބްރޭންޑެއް ކަމަށާއި ޓްރަމްޕްގެ ސިޔާސަތްތަކުގައި ކުލަ ޖައްސާ "ކުރަހާ މެޝިނެއް" ގޮތަށް ވެސް ބައެއް މީހުން ސިފަކުރެއެވެ. މި ކަމުގެ ސަބަބުން ޑޮކިއުމެންޓްރީއާމެދު ވެސް އާއްމުންގެ މެދުގައި ހިޔާލު ތަފާތުވެފައިވެއެވެ.
މަލާނީއާ ޑޮކިއުމެންޓްރީ ޕްރޮމޯޓް ކުރައްވަމުން ގެންދަވަނީ އޭނާގެ ހަޔާތަށް ޒާތީ ބަލައިލުމެއްގެ ގޮތުގައެވެ. އަދި އޭނާގެ ދިރިއުޅުމަކީ މީހުންނަށް ހިތްވަރު ލިބޭނެ ފަދަ މެސެޖްތަކެއް ހިމެނޭ ހަޔާތެއް ކަމަށް ވެސް މަލާނީއާ ވިދާޅުވިއެވެ.
"ހުވަފެން ދެކުމަށް އަހަރެމެންނަށް މީހުންގެ ހަޔާތުގެ ވާހަކަތައް ބޭނުންވާ ސަބަބު މި ޑޮކިއުމެންޓްރީން އެނގިގެންދާނެ،" ޑޮކިއުމެންޓްރީ ޕްރޮމޯޓްކުރައްވަން އެމެރިކާގެ އެންމެ ބޮޑި ސިޓީ ކަމަށްވާ ނިއު ޔޯކްގެ ހިއްސާގެ ބާޒާރުގައި ބޭއްވެވި ހަފުލާއެއްގައި މަލާނީއާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭނާގެ ތަޖުރިބާތަކުގެ އެހީގައި ޑޮކިއުމެންޓްރީ ބަލާ މީހުންނާ "ޖަޒުބާތީ ގޮތުން ގުޅުމެއް ގާއިމުކުރަން ބޭނުންވާ" ކަމަށެވެ.
ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން ބްރެޓް ވަކި އެއްޗެއް އާއްމުންނަށް ހާމަވާ ގޮތަކަށް ނުބުނެއެވެ. މި ފިލްމަކީ 2017 ގައި އޭނާއާ ދެކޮޅަށް ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ޝިކާރަ ކުރިކަމުގެ ތުހުމަތުތަކެއް ބަތަލާއިންތަކަކާއި އެހެން އަންހެނުންތަކެއް ކުރި ފަހުން އޭނާ ހޮލީވުޑަށް އެނބުރި އައި ފިލްމީ އުފެއްދުމެވެ. ވައިޓް ހައުސްގައި ޑޮކިއުމެންޓްރީ ސްކްރީން ކުރުމުގެ ހަފުލާގައާއި ޑޮކިއުމެންޓްރީ ޕްރޮމޯޓްކުރުމަށް ބާއްވަމުންދާ އެހެނިހެން ވެސް ހަފުލާތަކުގައި އޭނާ ބައިވެރިވާތީ މިއީ ހޮލީވުޑަށް އޭނާ އެނބުރި އަތުވެއްޖެކަން ހާމަކޮށްދޭ ކަމެއް ކަމަށް މީޑިއާތަކުން ބުންޏެވެ.
ޑޮކިއުމެންޓްރީއާމެދު ފަހުން ނުރުހިގެން ޑޮކިއުމެންޓްރީގައި މަސައްކަތްކުރި މީހުންގެ ތެރެއިން ނިއު ޔޯކްގެ މަސައްކަތްތެރިންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ވަނީ އެ މީހުންގެ ނަންތައް ފިލްމްގެ ކްރެޑިޓްސްގައި ނުހިމެނުމަށް އެދިފައެވެ.
ޑޮކިއުމެންޓްރީއާމެދު ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ޑޮކިއުމެންޓްރީއަކީ ޓްރަމްޕްގެ ޕްރޮޕެގެންޑާ ފަތުރާ ސަގާފީ އުފެއްދުމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާއިރު އެކި މައްސަލަތަކުގައި ޓްރަމްޕްއާ ގުޅުން ގޯސްވެފައިވާ ދެކުނު އެފްރިކާގެ ބޮޑެތި ސިނަމާތަކުގައި ޑޮކިއުމެންޓްރީ ނުދައްކަން ވަނީ މިއަދު ނިންމައިފައެވެ. ނަމަވެސް މި ގޮތަށް ނިންމީ ކީއްވެކަން އެ ސިނަމާތަކުން ހާމައެއް ނުކުރެއެވެ.



advertisment