Support Us

ހަނދާން ނައްތައިނުލެވޭ މީހާގެ ވާހަކަ

އެހެން ދުވަސްތަކެކޭ އެއްފަދައިން ޖިލް ޕްރައިސް ހެނދުނު ހޭލައިގެން ކުރަންޖެހޭ ކަންކަން ކުރަމުން ދިޔައެވެ. އޭނާ ދަތް އުނގުޅަން ހުއްޓާ، މީގެ އެތައް އަހަރެއް ކުރިން އޭނާ ކުރި ފޯން ކޯލެއްގެ ހަނދާންތައް އާވިއެވެ. މި ހަނދާންތައް އާވީ އޭނާ ގަސްދުގައި އެކަން ހަނދާން ކުރަން އުޅުމަކުން ނޫނެވެ. އެ ހަނދާންތައް އާވެގެން އައީ އިއްޔެވީ ކަމެއް ފަދައިންނެވެ. އެ ފޯނުކޯލު އައީ ހަފްތާގެ ކޮން ދުވަހެއްގައިކަމާއި، އެދުވަހު އޭނާ ލައިގެން ހުރީ ކޮން ހެދުމެއްކަމާއި، ފޯނުން ވާހަކަދެއްކިއިރު ކުރެވުނު އިހުސާސްތައްވެސް އޭނާއަށް ކިޔައިދޭން އެނގެއެވެ. އޭނާއަށް މާޒީއަކީ ފާއިތުވާ އެއްޗެއް ނޫނެވެ. އެއީ ދުވަހަކުވެސް ފިލައިގެން ނުދާނޭ ކަމެކެވެ.

ޖިލް ޕްރައިސް އުފަންވީ 30 ޑިސެމްބަރު 1965 ގައި ނިއުޔޯކް ސިޓީއަށެވެ. އޭނާގެ އެންމެ ކުރީގެ ހަނދާނަކީ އޭނާގެ އުމުރުން 18 މަހުގައި ވީކަންކަމެވެ. އޭރު އޭނާ އުޅުނު އެޕާޓްމަންޓު ހުންނަނީ ހޮސްޕިޓަލެއްގެ ކުރިމަތީގައި ކަމުން އެ ހޮސްޕިޓަލުގެ ކައިރިން އިވޭ އެމްބިއުލާންސްގެ އަޑުތައް އޭނާއަށް އިވެއެވެ. އަދި ސިޓިން ރޫމުގެ ސޯފާމައްޗަށް އަރައިގެން ބޭރު ބަލަން ހުންނަ ހަނދާން އޭނާވެއެވެ.

އޭނާގެ ކިބައިގައި ކަންކަން ހަނދާން ބެހެއްޓުމުގެ ހާއްސަ ހުނަރެއް އަބަދުވެސް ހުރެއެވެ. ނަމަވެސް ކުޑައިރު ބައްޕަގެ ވަޒީފާގެ ސަބަބުން އެކި ތަންތަނަށް ބަދަލުވާން ޖެހުމުން އަންނަމުންދިޔަ ބަދަލުތަކާ ދޭތެރޭ ޖިލް ބިރުގަންނަން ފެށިއެވެ. ކޮންމެ ތާކުން ބަދަލުވާއިރުގައި އެއްވެސް ކަމެއް ކުރިއެކޭ އެއްގޮތަށް ނޯންނާނެކަން އޭނާއަށް އެނގޭތީ އެ އުޅުނު ތަނުގެ ހަނދާންތައް ސިކުނޑީގައި ބިންވަޅުނެގުމަށް އޭނާ ބުރަ މަސައްކަތްކުރަން ފެށިއެވެ. ކުރީގައި އުޅުނު ތަންތަނުގެ ލިސްޓުހަދައި، ފޮޓޯނަގައި، ހަނދާނީ ކުދިކުދި އެއްޗެހި ރައްކާކުރަން ފެށީ އުމުރުން އަށް އަހަރުގައެވެ. މިއީ އޭނާގެ ދުނިޔެ ހަނދާން ނައްތައިނުލާން ކުރަން ފެށި މަސައްކަތެއް ނަމަވެސް މިކަން ކާމިޔާބުވެގެން ދިޔައީ މާބޮޑަށެވެ.

ޖިލް އަކީ "ހައިލީ ސުޕީރިއާ އޮޓޯބަޔޯގްރަފިކަލް މެމޮރީ" ހުންނަ ކަމަށް ސައިންސްވެރިން ފާހަގަކުރި އެންމެ ފުރަތަމަ މީހާއެވެ. މިހާލަތު ހުރި 60 މީހުން ވަނީ ފާހަގަ ކުރެވިފައެވެ. ކެލިފޯނިއާ ޔުނިވަރސިޓީގެ ދިރާސާވެރިން ޖިލްގެ ކިބައިގައިވާ މި އާދަޔާހިލާފު ހާލަތު ތަހުލީލުކޮށް ޝާއިއުކުރިއެވެ. ޖިލް ބުނާގޮތުގައި މިއީ ސިކުނޑީގައި ދެ ސްކްރީނު އަޅުވައިގެން އުޅުން ފަދަ ކަމެކެވެ. އެއް ސްކްރީނުގައި މިހާރުވާ ކަންތައް ފެންނަމުން ދާއިރުގައި އަނެއް ސްކްރީނުގައި އެކަމާ ގުޅުން ހުރި ހުރިހައި ހަނދާނެއް ފެންނަމުންދާނެއެވެ. އެހާ ބައިވަރު ހަނދާންތައް ކުޅެވެމުން ދިޔުމަކީ މީހާގެ ސިކުނޑި ގޮއްވައިލާ ކަމެއް ކަމުގައި އޭނާ ބުންޏެވެ.

ފަހުން ޖިލް އަމިއްލައަށް "ދަ ވުމަން ހޫ ކާންޓް ފޮގެޓް" (ހަނދާން ނައްތާނުލެވޭ އަންހެން މީހާ) ގެ ނަމުގައި ފޮތެއް ލިޔެ، އޭނާގެ ވާހަކަ އާންމުކުރިއެވެ. މާޒީގެ ކޮންމެ ތާރީހެއްގެ ވާހަކަ އެހިނަމަވެސް، އެ ދުވަހުގެ މޫސުމާއި، އޭރުގެ ހަބަރުތަކާއި، އޭނާ ހުރި ތަނާއި، ކުރެވުނު އިހުސާސްތައް އެއްވެސް އުނިކަމެއް ނެތި އޭނާ ކިޔައިދެއެވެ. މިއީ "ސުޕަރ ޕަވަރ" އެއް ފަދަ ކަމެއްހެން ހީވި ނަމަވެސް، ހަގީގަތަކީ މިއީ ވަރަށް އުނދަގޫ ކަމެކެވެ.

ފުރަތަމަ ނަޒަރުގައި ގިނަ ބަޔަކަށް މި ހާލަތު ސިފަނީ ވަރަށް ބޮޑު ނިއުމަތެއް ނުވަތަ ހަދިޔާއެއްގެ ގޮތުގައެވެ. ކުޑައިރުގެ އުފާވެރި ހަނދާންތަކާއި ފުރަތަމަ ކާމިޔާބީތައް އެހާ ސާފުކޮށް ދެކިލަން ބޭނުންނުވާނީ ކާކުހެއްޔެވެ؟ ނަމަވެސް، އިންސާނާގެ ހަނދާނަކީ ހަމައެކަނި އުފާވެރި ކަންކަން އިހުތިޔާރުކޮށްގެން ރައްކާކުރާ އެއްޗެއް ނޫނެވެ. އުފާވެރި ވަގުތުތަކާއެކު، ހިތްދަތި ކަންކަންވެސް އެހާމެ ތާޒާކޮށް ހަނދާނުގައި ހުރެއެވެ. ޒުވާބުތަކާއި، ލަދުގަންނަން ޖެހުނު ވަގުތުތަކާއި، ހިތާމަތަކާއި، ކުރެވުނު މާޔޫސީ ކަންކަންވެސް ހުންނަނީ ހަމަ މިހާރު ވީ ކަމެއް ފަދައިންނެވެ. އާންމު މީހުންނަށް ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އެ ހިތްދަތިކަން ކުޑަވެގެން ދިޔަ ނަމަވެސް، ހުންނަ މީހުންނަށް އެ ހަނދާންތަކުންވާ އުނދަގޫ ކުޑައެއް ނުވެއެވެ.

މި ހާލަތު ދިރާސާކުރި މީހުންނަށް ފާހަގަކުރެވުނު ގޮތުގައި، ޖިލްފަދަ މީހުންނަކީ ހުރިހާ މައުލޫމާތެއް ނުވަތަ ކިޔާ ފިލާވަޅުތަކެއް ހަނދާން ހުންނަ ބައެއް ނޫނެވެ. އާންމު މީހުން ފަދައިން މީހުންގެ ނަންތައް ހަނދާން ނެތުމާއި ތަޅުދަނޑި ބޭއްވުނު ތަން އޮޅުން ފަދަ ކަންކަން އެމީހުންނަށްވެސް ދިމާވެއެވެ. ނަމަވެސް، އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އެއްވެސް އުނިކަމެއް ނެތި ހަނދާނުގައި ހަރުލާފައި ހުރެއެވެ. މިފަދަ މީހުންގެ ސިކުނޑީގެ ސްކޭންތަކުން ދައްކާ ގޮތުގައި، ސިކުނޑީގެ ހަނދާނާއި އިހުސާސްތަކާ ގުޅުންހުރި ބައެއް ސަރަހައްދުތަކުގައި އާންމު މީހުންނަށްވުރެ ތަފާތުތަކެއް ހުރެއެވެ. އެހެންނަމަވެސް، މިކަން މިހެން ދިމާވާ ސީދާ ސަބަބު ސައިންސްވެރިންނަށް އަދިވެސް މުޅިއަކުން ނޭނގެއެވެ.

މިފަދަ ބައެއް މީހުން ބުނާ ގޮތުގައި އެމީހުންގެ ހަނދާންތަކަކީ އެއްވެސް އުނދަގުލަކާ ނުލައި ފަހަތަށް ޖެއްސޭ "ޓައިމްލައިން" އެކެވެ. މިއީ އުފާވެރި ވަގުތުތައް މިއަދުވެސް ތަޖުރިބާކޮށްލަން ލިބޭ ހިތްހަމަޖެހުމެކެވެ. އެކަމަކު މިއީ ވަރަށް ވަރުބަލިކުރުވާ ކަމެއްވެސް މެއެވެ. ލިބުނު ހިތްދަތިކަމަކުން އަރައިގަންނަން އުޅޭއިރު، އެ ހިތާމަވެރި ވަގުތު އިއްޔެވީ ކަމެއް ފަދައިން އިހުސާސްވާނަމަ ކުރާނެ އަސަރު ހިތަށް ގެންނާށެވެ. މީގެ ދިހަ އަހަރު ކުރިން ކުރެވުނު ކުށެއްގެ ހިތްދަތިކަން، ހަމަ އެ ބަރުކަމުގައި ކޮންމެ ދުވަހަކު ތަހައްމަލު ކުރަން ޖެހުމަކީ ކިހާ ބޮޑު ތަކުލީފެއް ހެއްޔެވެ؟

ޖިލްފަދަ މީހުންގެ ވާހަކަތަކުން އަހަރެމެން ހަނދާނާ މެދު ދެކޭ ގޮތް ބަދަލުކޮށްލައެވެ. ގިނަ ފަހަރަށް އަހަރެމެން ޝަކުވާ ކުރަނީ ކަންކަން ހަނދާން ނެތޭތީއެވެ. ކަމެއް ހަނދާނަށް ނައުމުން އަހަރެމެން ކަންބޮޑުވެއެވެ. ނަމަވެސް، ހަގީގަތުގައި "ހަނދާން ނެތުމަކީ" އިންސާނާގެ ނަފްސު ރައްކާތެރިކުރުމަށް ސިކުނޑި ބޭނުންކުރާ ވަސީލަތެކެވެ. އެއީ މާޒީގެ ހިތްދަތިކަމާ ދުރަށް ދިއުމަށް ލިބޭ ފުރުސަތެކެވެ. އެއީ ޒަހަމްތައް ފަސޭހަވުމަށް ލިބޭ ފަރުވާއެކެވެ.

މި ހާލަތުގެ ސަބަބުން އެތައް ސުވާލެއް އުފެދެއެވެ. ކޮންމެ ދުވަހެއްގެ އިހުސާސްތަކާއި، ބުނެވުނު ކޮންމެ ބަހެއް އެއްވެސް އުނިކަމެއް ނެތި ހަނދާން ހުންނަން ބޭނުން ހެއްޔެވެ؟ ފުރިހަމަ ހަނދާނަކީ ދިރިއުޅުން މުއްސަނދިކޮށްދޭ ކަމެއް ނަމަވެސް، އެއީ ހުރިހާ ބުރައެއް އުފުލަން ޖެހޭ ކަމެއްވެސް މެއެވެ. މާ ގިނައިން ހަނދާން ހުންނަ މީހުންނަށް، މާޒީއަކީ ދުވަހަކުވެސް ނިމޭ އެއްޗެއް ނޫނެވެ. އެއީ ތާއަބަދަށް ފިލައިގެން ނުގޮސް ދެމިގެންދާ އެއްޗެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *