Support Us

އަޅައިގަތުމުގެ ފަހަތުގައިވާ ސިއްރުތައް

އޭނާ މީނާ، މީނާ އޭނާ، އޭނާގެ ހިތްއެދޭ މަންޒިލަކަށް މީނާވީ ކީއްވެގެން ހެއްޔެވެ؟ މިއީ މިއަދާ ހަމައަށްވެސް އިލްމީ ދުނިޔޭގައި ބަހުސްކުރެވެމުންދާ މައުލޫތަކުގެ ތެރެއިން އެއް މައުލޫއެވެ. މިކަމާ ބެހޭގޮތުން ތަފުސީލަށް ދިއުމުގެ ކުރިން، އެކަކު އަނެކަކަށް ހިތްޖެހުމުގެ މުހިންމުކަމަކީ ކޮބައިކަން ބަލައިލުން މުހިންމެވެ.

އެކި މީހުން އަޅައިގަންނަނީ އެކި ސިފަތައް ހުންނަ މީހުންނާއެވެ. މިއީ ގުދުރަތީގޮތުން އިންސާނުންގެ ކިބައިގައި ލައްވަވާފައިވާ ކަމެކެވެ. މި ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރާނަމަ އިންސާނީ ދަރިފަސްކޮޅު ކުރިއަކަށް ނުދާނެއެވެ. މި ނިޒާމުގެ ސަބަބުން އިންސާނުން އެމީހުންގެ ދަރިފަސްކޮޅު ކުރިއަށް ގެންދިއުމަށްޓަކައި ބައިވެރިން ހޯދައި، އެމީހުންގެ ނަސަބުގެ ބާރުވެރި ސިފަތައް އެއް ޖީލުން އަނެއް ޖީލަށް އެންމެ އެކަށޭނަ ގޮތެއްގައި ވާރުތަވާނޭ ދަރިން ހޯދުމަށް ބައިވެރިން އިހުތިޔާރުތައް ކުރެއެވެ. މިކަމުގައި ތިމާގެ ބުއްދީގެ ބޭނުން ކުރިނަމަވެސް، މީހަކާ ދޭތެރޭ ހިތްޖެހުމުގައި "ލޯބީގެ" އަސަރުތައް ބޮޑުވެގެންދެއެވެ.

އެކަކު އަނެކަކާ ދެމެދުގައި ހިތްޖެހެނީ ކޮން ސަބަބުތަކަކާ ހުރެ ހެއްޔެވެ؟ މި ޒަމާނުގައި އެންމެންވެސް އެދެނީ އެމީހެއްގެ ހަޔާތަށް ތަނަވަސްކަމާއި ހަމަޖެހުން ގެނެސްދޭނޭ ބައިވެރިއަކާ ގުޅުމަށެވެ. ތިމާއަށް ލިބޭ ދަރިން ހެޔޮގޮތުގައި ބޮޑުވެ، ދަރިފަސްކޮޅު ދެމިއޮތުމަށް މި ސަބަބުތައް ފުރިހަމަވުން މުހިންމެވެ. މި ސަބަބަށްޓަކައި މިއަދު ސޯޝަލް މީޑިއާތަކުންވެސް ބައިވެރިޔާ އިހުތިޔާރުކުރުމުގައި ވިސްނަންޖެހޭ ކަންކަން ކިޔައިދެމުންދެއެވެ. މިފަދަ ފިކުރުތައް އަޑުއަހައި، ހަޔާތުގެ މަގު ކަނޑައަޅައިގެން އުޅޭ މީހުން މަދެއް ނޫނެވެ.

މިއީ ބުއްދިވެރިންގެ ގޮތް ނަމަވެސް މިގޮތަށް ކަން ކޮށްގެން ކާމިޔާބުވީ ކިތައް މީހުން ބާއެވެ؟ މަރީއަކީ މިފަދަ ވީޑިއޯތައް އަޑުއަހައިގެން، ހަޔާތުގެ ބައިވެރިޔާގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް އޭނާ ދެކޭ ސިފަތައް ނޯޓުފޮތެއްގައި ލިޔެގެން އުޅޭ މީހެކެވެ. އެ ފޮތުގައި ލިޔެފައިވާ ސިފަތަކާ އެއްގޮތް މީހަކު އޭނާއަށް ފެނިއްޖެއެވެ. އެއީ އޭނާގެ ރަހުމަތްތެރިއެއްގެ ފަރާތުން ދިމާވި އަހުސަނެވެ. އަހުސަނަކީ ވިޔަފާރީގައި ކާމިޔާބު، ތަނަވަސް، މީހުންގެ މެދުގައި ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ، ބަލައިލަން ރީތި، އަދި އަހުލާގީ ގޮތުންވެސް ނަމޫނާ މީހެކެވެ. އޭނާގެ ކިބައިގައި ކޮންމެ އަންހެނަކުވެސް ބޭނުންވާނޭ ހުރިހާ ސިފައެއް ފުރިހަމައެވެ.

ނަމަވެސް، މިފަދަ "ނަސީބުވެރި" ފުރުސަތެއް ލިބުމުންވެސް، މަރީގެ ހިތް އެދެމުންދިޔައީ އޭނާ ހިތްއެދޭ މަސީހާ ގުޅުމަށެވެ. އަހުސަނާ އަޅާބަލާއިރު މަސީހަކީ "ދުނިޔޭގެ" ނަޒަރުގައި އެހާ ފާހަގަކޮށްލެވޭ މީހެއް ނޫނެވެ. އޭނާއަށް އަހުސަނާ އެއްވަރަށް ކިޔެވިފައެއް ނެތެވެ. އުޅެނީ އާދައިގެ ވަޒީފާއެއްގައެވެ. ސިފައިގެ ގޮތުންވެސް އަހުސަން މާ ރީތިކަމަށް ގިނަ މީހުން ބުނާނެއެވެ. ނަމަވެސް މަރީއަށް މަސީހު މާ މުހިންމެވެ. މަސީހާ އެންމެ ފުރަތަމަ ބައްދަލުވި ދުވަހު ކުރެވުނު އިހުސާސްތައް މަރީގެ ހަނދާނުން ފިލައިގެނެއް ނުދެއެވެ.

މިއީ ވަރަށް ގިނައިން ހިނގާ ކަމެކެވެ. އެންމެ އެކަށީގެންވާ މީހާ ހުއްޓައި، އެހެން މީހަކު ކޮންމެވެސް ދިމާލަކުންވެސް ފެންނާނެއެވެ. މިއީ ކުޑައިރު މައިންބަފައިންގެ ފަރާތުން ކުރެވޭ ޖަޒުބާތީ ތަޖުރިބާގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ނަފްސާނީ އިލްމުވެރިން ބުނެއުޅެއެވެ. ނަމަވެސް، ފަހުގެ ދިރާސާތަކުން ހާމަވާގޮތުގައި މިއީ ހަމައެކަނި ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. އެއީ އެއަށް ވުރެން މާ ފުން ދިމާލަކުން ކުރިމަތިވާ ކަމެކެވެ.

އެންމެ ފަހުގެ ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި، އެކަކު އަނެކަކަށް ހިތްކިޔުމުގެ ފަހަތުގައި ކެމިކަލް ސިއްރުތަކެއްވެއެވެ. މިއަށް ކިޔަނީ "ކެމިކަލް އެޓްރެކްޝަން" އެވެ. އެކަކު އަނެކަކާ ވާހަކަދައްކަން ފެށުމުގެ ކުރިން، ހަށިގަނޑުގެ ހިއްސުތަކުން ލިބޭ މައުލޫމާތަށް ބިނާކޮށް ހަށިގަނޑުގެ ކެމިކަލްތަކަށް ބަދަލުތަކެއް އާދެއެވެ. އެއީ އެމީހާގެ ކިބައިން ފެންނަ ކާމިޔާބީއާއި ގާބިލުކަމުގެ މައްޗަށް ބިނާވާ ކަމަކަށް ނުވެދާނެއެވެ.

ސައިންސްވެރިން ކުރި ތަހުލީލެއްގައި، ފިރިހެނުންތަކެއް ދެ ރޭ ވަންދެން އެއްވެސް މީރުވަހެއް ދުވާ އެއްޗެއް ބޭނުންނުކޮށް ޓީޝާޓެއް ލައިގެން ނިދަން ޖެހުނެވެ. އޭގެ ފަހުން އެ ޓީޝާޓުތަކުގެ ވަސްބަލައި، އޭގެ ތެރެއިން އެންމެ ހިތްގައިމު ވަހެއް ހުރި ޓީޝާޓެއް ހޮވުމަށް އަންހެނުންތަކަކަށް ދިނެވެ. މި ތަހުލީލުން އެނގުނު ގޮތުގައި، އަންހެނުންނަށް ގިނައިން ކަމުދިޔައީ އެމީހުންގެ ދިފާއީ ނިޒާމާ ތަފާތު ދިފާއީ ނިޒާމެއް ހުރި ފިރިހެނުންގެ ވަހެވެ. ތަފާތު ދެ ނިޒާމެއްގެ ވެރިން ގުޅުމުން ލިބޭ ދަރިންގެ ދިފާއީ ނިޒާމު ވަރުގަދަވާކަމީ ސައިންސްގެ އަލީގައި އެނގޭ ކަމެކެވެ. މި ތަހުލީލުން ދޭހަވަނީ ހަށިގަނޑުން އުފައްދާ މާއްދާތަކުން، އެކަކު އަނެކަކާ ގުޅޭ ޖެނެޓިކް ސިގްނަލްތައް ސިކުނޑިއަށް ފޮނުވައިދޭ ކަމެވެ.

އަންހެނުންނާއި ފިރިހެނުންނާ ދޭތެރޭ މިއުފެދޭ އަޅައިގަތުމުގެ ފަހަރުގައި ދޭތެރެ ދުރުކުރާ ބޭސް ކައިގެން ހަމަ މި ޓެސްޓުކުރުމުން ނަތީޖާ ތަފާތުވިއެވެ. މީގެން ދޭހަވީ އަންހެނަކު ފިރިހެނަކާ އަޅައިގަތުމުގެ ބޮޑު ރޯލެއް ކުޅެނީ ހަށިގަނޑުގެ އެތެރޭގައިވާ ދަރިމައިވާ ބިސް ކަމެވެ. ހަށިގަނޑުގައި ދަރިއެއް އުފެދުމުގެ ނިޒާމުގެ މަސައްކަތުގައި ތަޅުއަޅުވައިފިނަމަ، ތިމާ އަޅައިގަންނަ މީހާއަކީ އެންމެ ނަސަބުގެ ގޮތުން ކުރިއެރުން ލިބޭނޭ މީހާއަށް ވާން ނުޖެހޭ ކަމެވެ.

މީގެ އެންމެ ހައިރާންކުރުވަނިވި ހެކިތަކެއް ލިބިފައިވަނީ 2020ގައި ޖަޕާނުގައި ކުރިޔަށްދިޔަ ތަހުލީލަކުން ފެނުނު ނަތީޖާއަކުންނެވެ. އަންހެނާގެ ދަރިމައިވާ ބިހާއި، ފިރިހެނުންގެ ދަރިފަނި ބޭނުންކޮށްގެން ހެދި މި ޓެސްޓުގައި އެމީހުންނަށް ފާހަގަ ކުރެވުނީ އެތައް ބައިވަރު ދަރިމައިވާ ބިސްތަކެއް ހުރިނަމަވެސް، ފިރިހެން މީހާގެ ދަރިފަނި ގަވާއިދުން އެތަނުން އެއް އަންހެނެއްގެ ބިހުގެ ވަށައިގެންވާ ފޮލިކިއުލަރ ލިކުއިޑަށް ދަތުރުކުރާކަމެވެ. ދަރި ފަންޏަކީ އޭގެ ޒާތުގައި އެއްވެސް ހިއްސެއްނެތް، ބުއްދިއާއި ފިކުރު ލިބިގެންވާ އެއްޗެއް ނޫނެވެ. އެތައް ބައިވަރު ބިސްތަކެއްގެ ތެރެއިން އެއް ބިހުގެ ވަށައިގެންވާ ދިޔަފަށަލައިގައިވާ ކެމިކަލްތަކުގެ ސަބަބުން އެމީހާގެ ހުރިހައި ދަރިފަނި އެ ބިހާއި ދިމާލަށް އިހުތިޔާރަކާ ނުލައި ދަމާތަން މި ތަހުލީލުން ފެނުނެވެ.

އެހެންކަމުން، އިންސާނީ ގުޅުންތަކުގެ ފަހަތުގައިވާ ނާޒުކު ނިޒާމުތައް ދެނެގަތުމަކީ ހީކުރާހާ ފަސޭހަ ކަމެއް ނޫނެވެ. މިފަދަ ކޮންމެ ކަމެއްގެ ފަހަތުގައިވާ ސަބަބުތަކަކީ އަހަރުމެންގެ އުނި ވިސްނުމުން އެންމެ ފުރިހަމައަށް ދެނެގަނެވޭނޭ ކަންކަމެއް ނޫނެވެ. ލޯބީގައި އަހަރުމެންގެ އިހްތިޔާރަށްވުރެ ބޮޑަށް ގުދުރަތީ ނިޒާމެއްގެ ބާރު ހިނގާކަން މިފަދަ ހޯދުންތަކުން ސާބިތުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *