ރާއްޖޭގެ ސޯޝަލް މީޑިއާގައި ދާދި ފަހުން މަގުބޫލުވި "ރެހެންދި ހަދީޖާ"ގެ ވާހަކައިގެ ފެށުމުގައި، ރަސްކަލުން މަގާމުން ދުރުކުރުމަށްޓަކައި ވިހަ ބޭނުންކުރި ގޮތުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. މީގެ ހަގީގަތް ދިވެހި ތާރީހުން އެނގެން ނެތް ނަމަވެސް ދުނިޔޭގެ ތާރީހަށް ބަލާއިރު، ވިހަ މައުދަންތަކާއި ޒަހަރަކީ ގައުމުތަކުގެ އިސްވެރިންނާއި ތަހުތައް ނުފޫޒުފޯރުވަފާނެ ފަދަ ބާރުގަދަ މީހުން ނައްތާލުމަށް ބޭނުންކުރި ނުރައްކާތެރި ހަތިޔާރެކެވެ. ތާރީހީ ބޮޑެތި ލިޔުންތަކުގައި، ވިހަ ބޭނުންކޮށްގެން ރަސްރަސްކަލުން އަވަހާރަކޮށްލާފައިވާ ކަމުގެ ގިނަ ހާދިސާތަކެއް ފެންނާން އެބަހުއްޓެވެ. މި ސަބަބަށްޓަކައި، ވިހައިގެ އަސަރު ހަށިގަނޑަށް ނުކުރާނޭ ފަދަ ގޮތަކަށް ދިފާއީ ބާރު ވަރުގަދަކުރުމަކީ އޭރުގެ ގިނަ ބަޔަކު ބޭނުންވި ކަމެކެވެ.
މި ނުރައްކާތެރި ކަމަށް އިތުބާރު ހުރި ހައްލެއް ހޯދި މީހާއަކީ ގަދީމީ ޕޮންޓަސްގެ ރަސްގެފާނު މިތުރިޑޭޓްސް ހަ ވަނަ އެއުޕޭޓަރެވެ. އޭނާގެ ބައްޕަ، ރަސްގެފާނު މިތުރިޑޭޓްސް ފަސް ވަނަ މަރުވީ ކާއެއްޗެއްސަށް ވިހަ އަޅައިގެން ކަމަށް ބުނެވެއެވެ. ބައްޕަ މަރުވުމުން، މިތުރިޑޭޓްސް ފުރާވަރަށް އަރަންދެން ރަސްކަމާ ހަވާލުވެ ހުރީ އޭނާގެ މަންމައެވެ.
މިތުރިޑޭޓްސްއަށް ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގާކަން އިހުސާސްވީ، ސަބަބު ނޭނގޭ ބަލިތަކެއްގެ ވޭނީ އަލާމާތްތައް ތަހައްމަލު ކުރަން ޖެހުމުންނެވެ. ކޮއްކޮއަށް ރަސްކަން ހޯދައިދިނުމުގެ ބޭނުމުގައި އޭނާގެ މަންމަ، އޭނާގެ ކާނާއަށް ވިހަ އަޅަމުންދާކަމުގެ އަޑުތައް ފެތުރެން ފެށުމުން، އެ ކަމުން ސަލާމަތްވުމަށްޓަކައި އޭނާ ޖަންގަލީގެ ތެރެއަށް ވަދެ ފިލިއެވެ.
ޖަންގަލީގައި ހޭދަކުރި ދުވަސްތަކުގައި، މިތުރިޑޭޓްސް އެކި ބާވަތުގެ ވިހަ މާއްދާތައް ކުޑަ މިންވަރަކަށް ބޭނުންކޮށްގެން އޭނާގެ ހަށިގަނޑު ވިހައަށް ހޭނުވިއެވެ. އަދި އެ ޒަމާނުގައި މަޝްހޫރު ހުރިހާ ވައްތަރެއްގެ ވިހައަކުން ދިފާއުކޮށްދޭނެ ހާއްސަ ބޭހެއް އޭނާ އުފެއްދި ކަމަށް އަޑުފެތުރިގެން ދިޔައެވެ. ތާރީހީ ގިނަ ދިރާސާވެރިން އެއްބަސްވާ ގޮތުގައި މިކަމުގައި އޭނާއަށް އެހީތެރިވެދިނީ "އަގާރީ" ސިތިއަން ހަކީމުންނެވެ.

ޒަމާނީ ދިރާސާތަކުން ދައްކާގޮތުގައި، 'މިތުރިޑޭޓިޒަމް’ގެ ނަމުން މަޝްހޫރުވެފައިވާ މި އުކުޅަކީ ހުރިހާ ބާވަތެއްގެ ވިހައަކަށް މަސައްކަތްކުރާ ކަމެއް ނޫނެވެ. ވިހައާ ދެކޮޅަށް ހަށިގަނޑުގައި ދިފާއީ ބާރު އުފެއްދެނީ ހަމައެކަނި ގުދުރަތީ ބައެއް މާއްދާތަކަށެވެ. އެ ޒަމާނުގައި ބޭނުންކުރި ގިނަ ވިހަތަކަކީ ގުދުރަތީ މައުދަންތަކާއި ގަސްގަހާގެހީގެ ބާވަތްތަކަށް ވުމުން، އެތަކެއްޗަށް ހަށިގަނޑު ހޭނުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް، މި ޒަމާނުގައި މި އުކުޅު ބޭނުންކުރުމަކީ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ މިހާރުގެ ވިހަ މާއްދާތަކަކީ ބަރު މައުދަންތަކާއި ކެމިކަލް ބޭނުންކޮށްގެން އުފައްދާ ތަކެއްޗަށް ވެފައި، އެތަކެތި ކިތަންމެ މަދުން ބޭނުންކުރިޔަސް ހަށިގަނޑުގައި ފުނިޖެހި، ފުރާނައަށް ނުރައްކާވާތީއެވެ.
ސައިންސީ ގޮތުން ބަލާއިރު، މިތުރިޑޭޓިޒަމަކީ ހަށިގަނޑުން ވިހަ މާއްދާތަކަށް އުފައްދާ 'މެޓަބޮލިކް ޓޮލަރަންސް' އެކެވެ. މިސާލަކަށް، ބަނގުރާ ބޯ މީހެއްގެ ފުރަމޭގައި އެ މާއްދާ ބައިބައިކޮށް ހަޖަމުކުރުމަށް ބޭނުންވާ އެންޒައިމްތައް ގިނައިން އުފައްދައެވެ. އެހެންނަމަވެސް، ދިގު މުއްދަތަކަށް މިފަދަ ވިހަ މާއްދާތައް ބޭނުންކުރުމުން ހަށިގަނޑުގެ ގުނަވަންތަކަށް ދާއިމީ ބޮޑެތި ގެއްލުންތައް ލިބެއެވެ.
މިއަދު މިތުރިޑޭޓިޒަމް ފެންނަނީ ސިއްހީ ފަރުވާއަކަށްވުރެ ބޮޑަށް، ލިޔުންތެރިންނާއި ޑްރާމާ ފިލްމުތަކުގައި ބޭނުންކުރާ ހުނަރެއްގެ ގޮތުގައެވެ. "ދަ ކައުންޓް އޮފް މޮންޓޭ ކްރިސްޓޯ" އާއި "ދަ ޕްރިންސެސް ބްރައިޑް" ފަދަ ވާހަކަތަކުގައި، ވިހައަށް ތައްޔާރުވެ ހުރުމާއި ކެތްތެރިކަން ރަމްޒުކޮށްދިނުމަށް މި އުކުޅު ބޭނުންކޮށްފައިވެއެވެ. އަޑުއަރައިފައިވަނީ ރަޝިޔާގެ ގްރިގޮރީ ރަސްޕޫޓިންއަށް ވިހަ ދިނުމުންވެސް އޭނާ ސަލާމަތްވީ މި އުކުޅުގެ ސަބަބުން ކަމަށެވެ. ނަމަވެސް، އެކަމަށް އެކަށީގެންވާ ސައިންސީ ހެއްކެއް ނެތެވެ.

މި އިލްމު އުފެދިގެން އައީ ހުޅަނގުގެ ގައުމުތަކުން ކަމަށް ބެލެވުނަސް، މި ފަލްސަފާއަކީ އިންޑިއާގެ ތާރީހުގައިވެސް ވަރަށް މަޝްހޫރު ކަމެކެވެ. ހާއްސަކޮށް، ނުފޫޒު ގަދަ ޝަހުސިއްޔަތުން ގަތުލުކުރުމަށް ބޭނުންކުރި "ވިޝްކަންޔާ" ނަމަކަށް ކިޔާ އަންހެނުންނަކީ ކުޑައިރުން ފެށިގެން ވިހަ ދީގެން ބޮޑުކުރާ ބަޔެކެވެ. މީގެ ސަބަބުން އެމީހުންގެ ހަށިގަނޑުން އުފައްދާ ހުރިހާ ދިޔައެއްގައި ވިހައިގެ އަސަރު ހުރެއެވެ. އެމީހުން މީހެއްގެ ގައިގައި ދައިގަތުމުން ނުވަތަ ޖިންސީ ގުޅުމެއް ހިންގުމުންވެސް އެ މީހަކު މަރުވުމަށް މަގުފަހިވެއެވެ. މިފަދަ އަންހެނުން ޖާސޫސުންގެ ގޮތުގައާއި ގާތިލުންގެ ގޮތުގައި ސިޔާސީ ކަންކަމުގައި ބޭނުންކޮށްފައިވާކަން އިންޑިޔާގެ ތާރީހުން އެނގެއެވެ.
މޯރިޔާ ދައުރުގެ ރަސްގެފާނު ޗަންދުރަގުޕްތަ މޯރިޔާ ވިހައިން ރައްކާތެރިކުރުމަށް އޭނާގެ މުޝީރު ޗަނަކްޔާ މަސައްކަތްކުރި ކަމަށް ތާރީހީ ރިކޯޑުތަކުން އެނގެއެވެ. އެއްދުވަހަކު، ކާއެއްޗެހީގައި ވިހަ ހުރިކަން ނޭނގި، ރަސްގެފާނުގެ ރާނީ އެ ކާއެއްޗެހިން އެތިކޮޅެއް ދިނުމުން އާލާސްވެ އިން ރާނީ މަރުވެގެން ވެއްޓުނެވެ. އޭރު ރާނީ ދަރިފުޅު ވިހަން އޮތީ ހަތްދުވަހަށް ވެފައެވެ. އެތަނަށް އެގަޑީގައި ވަތް ޗަނަކްޔާއަށް ވީގޮތް ފެނި ވަގުތުން ރާނީގެ ބަނޑު ފަޅާލައި ދަރިފުޅު ސަލާމަތްކުރިއެވެ. އެ ކުއްޖާގެ ނިތްކުރީގައި އޭނާގެ މަންމަ ކެއި ވިހައިގެ ތިއްކެއް ޖެހި، ނޫކުލައިގެ ލަކުނެއް ލާފައި ހުރުމުން އެ ކުއްޖާއަށް "ބިންދުސާރަ" ގެ ނަމުން ނަން ދެވުނެވެ.
ވިހައިން ސަލާމަތްވުމަށްޓަކައި އިންސާނީ ތާރީހުގައި ކޮށްފައިވާ މިފަދަ މަސައްކަތްތަކަކީ މިއަދުވެސް ތާރީހު ދިރާސާކުރާ ފަރާތްތަކާއި ސައިންސްވެރިންގެ ޝައުގުވެރިކަން ހުރި މައުލޫއެކެވެ. މިއަދު މި އުކުޅުތައް އަމަލީ ގޮތުން ބޭނުން ނުކުރި ނަމަވެސް، މިއީ އިންސާނާގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއްގެ ކުރިމަތީގައި، އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް އިންސާނުން ބޭނުންކުރި ހީލަތްތެރި އަދި އާދަޔާހިލާފު މަސައްކަތްތަކެކެވެ.



advertisment