Support Us

މައިކަލް ބީ. ޖޯޑްން "ސިނާސް"ގެ މަންޒަރެއްގައި

16 އޮސްކާ ނޮމިނޭޝަނާއެކު "ސިނާސް" ތާރީހުގެ ތެރެއަށް

އެމެރިކާގައި ފިލްމަށް ދޭ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ އޮސްކާ އެވޯޑުގައި މި ފަހަރު 16 ނޮމިނޭޝަން ލިބި، އެންމެ ގިނަ ނޮމިނޭޝަން މިހާތަނަށް ލިބުނު ފިލްމް ކަމަށް "ސިނާސް" ވެއްޖެއެވެ.

"ސިނާސް"އަކީ ބިރުވެރި ފިލްމެކެވެ. އަދި ކަޅު ނަސްލުގެ މީހުންނާ ދެކޮޅަށް އެމެރިކާގައި އޮންނަ ތައައްސުބަށް ވެސް އަލިއަޅުވައިލައިފައިވެއެވެ.

އޮސްކާ އެވޯޑުގެ ނޮމިނޭޝަންތަކުގައި ރެކޯޑެއް މުގުރައިލެވުމަކީ "މޮޔަވެދާނެ ވަރުގެ ކަމެއް" ކަމަށް ފިލްމުން އެންމެ މޮޅު ޑިރެކްޓަރުގެ މަގާމަށް ނޮމިނޭޓްވި ރަޔަން ކޫގްލާ ބުންޏެވެ. އޭނާ މީގެ ކުރިން އޮސްކާއަށް ނޮމިނޭޓްވެފައިވަނީ ޕްރޮޑިއުސަރެއްގެ ބަޔާއި ލަވަހެދުމުގެ ކެޓިގަރީންނެވެ.

"އަހަރެންނަށް ހަގީގަތުގައި މުހިންމީ މީހުންނަށް މި ފިލްމް ކަމުދިއުން. މި ފިލްމް ބަލަން ގޮސް މި ފިލްމް ރަނގަޅު ކަމަށް ބުނުމުން އަހަރެންނަށް ކުރެވުނު މަސައްކަތުގެ އަގު ލިބިއްޖެ،" އޭނާ ބުންޏެވެ.

ރަޔަން ބުނީ ރެކޯޑެއް މުގުރައިލެވުނު ހަބަރު ލިބުމުން އެ ކަން ގަބޫލުކުރަން ދަތިވި ކަމަށާއި ނަމަވެސް އެމެރިކާގެ ފިލްމް އެކަޑަމީން އޭނާގެ ފިލްމް ބަލައިގަތުމުން ޝުކުރުވެރިވާ ކަމަށެވެ.

ފިލްމުން އެންމެ މޮޅު ބަތަލުގެ މަގާމަށް ނޮމިނޭޓްވި މައިކަލް ބީ. ޖޯޑްން ބުނީ ފުރަތަމަ ފަހަރަށް އޮސްކާ އެވޯޑަށް ނޮމިނޭޓްވުމުން ފުރަތަމަ ވެސް ފޯންކުރީ މަންމައަށް ކަމަށެވެ.

"އަހަރެންގެ މުޅި ކެރިއަރުގެ ވެސް ކްރެޑިޓް ދެނީ މަންމައަށް. އެ ކޯލްވެގެންދިޔައީ ވަރަށް ގިނައިން ކަރުނައެޅި ވަގުތަކަށް،" އޭނާ ބުންޏެވެ.

މައިކަލް ބުނީ އޮސްކާއަށް ނޮމިނޭޓްވުން ވެގެންދިޔައީ ޖަޒުބާތީ އަދި މާނަފުން ކަމަކަށް ކަމަށެވެ.

އޭނާ ބުނީ އޭނާއަށް ކަމުދާ ފަންނާނުންނާއި ފިލްމް ހަދާ މީހުންނާ އެއް ސަފަކަށް އާދެވުމުން އޭނާ ބަލައިގަންފިކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ.

ބުރާސްފަތި ދުވަހު އިއުލާންކުރި 98 ވަނަ އޮސްކާ އެވޯޑަށް "ސިނާސް" ނޮމިނޭޓްވި 16 ބަޔަކީ:

  1. އެންމެ މޮޅު ފިލްމް
  2. އެންމެ މޮޅު ޑިރެކްޓަރު
  3. އެންމެ މޮޅު ބަތަލު
  4. އެންމެ މޮޅު ދެވަނަ ބަތަލު
  5. އެންމެ މޮޅު ދެވަނަ ބަތަލާ
  6. އެންމެ މޮޅު ވާހަކަ
  7. އެންމެ މޮޅު ކާސްޓު
  8. އެންމެ މޮޅަށް މަންޒަރު ނެގުން
  9. އެންމެ މޮޅަށް ހެދުން ފަރުމާކުރުން
  10. އެންމެ މޮޅަށް ފިލްމް އެޑިޓްކުރުން
  11. އެންމެ މޮޅު މޭކަޕް އަދި ހެއާސްޓައިލް
  12. އެންމެ މޮޅަށް ތަންތަން ފަރުމާކުރުން
  13. އެންމެ މޮޅު އަޑުތައް
  14. އެންމެ މޮޅު ސްޕެޝަލް އެފެކްޓްސް
  15. އެންމެ މޮޅު ބެކް މިއުޒިކް
  16. އެންމެ މޮޅު ލަވަ

މީގެ ކުރިން އެންމެ ގިނަ އޮސްކާ ނޮމިނޭޝަން ލިބިފައިވަނީ 14 ނޮމިނޭޝަން ލިބުނު "ޓައިޓޭނިކް"، "އޯލް އެބައުޓް އީވް" އަދި "ލާ ލާ ލޭންޑް"އަށެވެ. އެންމެ ގިނަ އޮސްކާ އެވޯޑު ހޯދީ "ޓައިޓޭނިކް"، "ބެން ހާ" އަދި "ދަ ލޯޑް އޮފް ދަ ރިންގްސް: ދަ ރިޓާން އޮފް ދަ ކިންގް"އެވެ. އެ ތިން ފިލްމަށް 11 އޮސްކާ ލިބުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *