ދުނިޔެ މިއަދު މިވަނީ އިންތިހާއަށް ކުރިއަރައިފައެވެ. ކޮންމެ ކަމަކަށް އަވަސް ހައްލެއް ހޯދުމަކީ މިއަދު އުނދަގޫ ކަމެއް ނޫނެވެ. މިސާލަކަށް، މިއަދު މީހެއްގެ ބޮލުގައި ރިހުމަކީ އެހާ ބޮޑު މުސީބާތެއް ނޫނެވެ. ޕެނެޑޯލް ގުޅައެއް ކާލައިގެން ނުވަތަ ރަހަގަދަ ކޮފީ ތަށްޓެއް ބޯލުމުންވެސް އިސާހިތަކު އެ ތަދު ފިލައިގެން ހިނގައިދާނެއެވެ. ބައެއް ފަހަރު ކުޑަކޮށް ބޮކި ނިއްވާލައިގެން އޮށޯވެލުމުންވެސް ހިތްހަމަޖެހުން ލިބެއެވެ. އެވަރުންވެސް ތަދު ނުގޮސްފިނަމަ، ކައިރި ފާމަސީއަކުން ބާރުގަދަ ބޭހެއް ނޫނީ ޑޮކްޓަރެއްގެ ލަފާގެ މަތިން އެންޓިބަޔޮޓިކެއް ނަގާލުމުން މައްސަލަ ހައްލުވީއެވެ. މިއިން އެއްވެސް ކަމަކީ ބިރުގަންނަންޖެހޭ ފަދަ ނުރައްކާތެރި ކަންކަމެއް ނޫނެވެ. ނަމަވެސް، މީގެ އެތައް އަހަރެއް ކުރިން ކަންތައް އޮތީ މިހެނެއް ނޫނެވެ!
ވަރަށް ގިނަ ޒަމާންތަކެއް ވަންދެން އިންސާނުންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ބޮލުގައި ރިހުމެވެ. އެ ޒަމާނުގައި މީހުން ގަބޫލުކުރާ ގޮތުގައި، ބޮލުގައި ރިހުން ހައްދުފަހަނައަޅައި ގޮސްފިނަމަ، ފިޓުޖެހުމާއި، ކަންކަން އޮޅުމާއި، އަދި މީހާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ލޭގެ ޕްރެޝަރު މަތިވުމާއި، ނާރުގެ ބަލިތަކާއި، ޖަރާސީމުގެ އަސަރު ފަދަ ސައިންޓިފިކް ހަގީގަތްތަކެއް އޭރަކު މީހުންނަކަށް ނޭނގެއެވެ. އެހެންކަމުން، ބޮލުގައި ރިހުމަކީ ޖިންނި ޝައިތާނުންގެ އުނދަގުލެއް ނުވަތަ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއް ކަމަށް މީހުން ގަބޫލުކުރިއެވެ. އެމީހުން ހީކުރީ ބޮލުގެ ތެރެއަށް ވަދެގެން އުޅޭ "ނުބައި ރޫހެއް" ބޭރުކުރަން ޖެހޭ ކަމަށެވެ. އެކަމަށް އޭރު ދީއުޅުނު ހައްލަކީ، މިހާރުގެ މިންގަނޑުން ބަލާއިރު ހަމަ ހަގީގަތުގައިވެސް ބިރުވެރި ކަމެކެވެ.
އާނއެކެވެ! ބޮލުގައި ރިހޭ މީހާގެ ނާށިގަނޑު ތޮރުފައި ލޯވަޅެއް އެޅުމަކީ އޭރުގެ އެންމެ މަގުބޫލު ފަރުވާއެވެ!
މި ފަރުވާއަށް ކިޔަނީ "ޓްރެޕެނޭޝަން" އެވެ. މިއީ ތާރީހުން އެނގެން އޮތް އެންމެ ދުވަސްވީ އޮޕަރޭޝަނެވެ. ހެކިތަކުން ފެންނަ ގޮތުގައި މީގެ 7000 އަހަރު ކުރިންވެސް މިކަން ކޮށްފައިވެއެވެ. ޔޫރަޕް، އެފްރިކާ، އޭޝިއާ އަދި އެމެރިކާ ބައްރުން ފެނިފައިވާ ގަދީމީ އިންސާނުންގެ ނާށިގަނޑުތަކުން މިކަމުގެ ހެކި ފެނެއެވެ. ބައެއް ނާށިގަނޑުތަކުގައި ވަށް ލޯވަޅު ހުންނައިރު، އަނެއްބައި ނާށިގަނޑުތަކުގައި ހުންނަނީ ހަތަރެސްކަން ބުރިތަކެވެ. އެންމެ ހައިރާންވާ ކަމަކީ، އެ ލޯވަޅުތަކުގެ ކައިރިފަށް އޮމާންވެފައި ހުރުމެވެ. އޭގެ މާނައަކީ ބޯ ތޮރުފުމަށްފަހުވެސް އެމީހުން ދުނިޔޭގައި ދިރިއުޅުނު ކަމެވެ.

އިންކާ ސިވިލައިޒޭޝަނުން ފެނުނު ބައެއް ނާށިގަނޑުތަކުން އެއް ލޯވަޅަށްވުރެ ގިނަ ލޯވަޅުވެސް ފެނިފައިވެއެވެ. މިއިން އެނގެނީ އެއީ އޭރުގެ މީހުން ވަރަށް ބޮޑަށް އިތުބާރުކުރި، އަދި އެކަން ކުރަން ދަންނަ "މާހިރުން" ތިބި ފަރުވާއެއް ކަމެވެ. މިކަން ފެށުނީ ރޫހާނީ ކަމެއްގެ ގޮތުގައި ނަމަވެސް، ފަހުން މިއީ ސިއްހީ އެކި މައްސަލަތަކަށް ދޭ ފަރުވާއަކަށް ބަދަލުވިއެވެ. މިސާލަކަށް، ބޮލަށް އަނިޔާއެއްވެ ލޭގަނޑުވުމުން، އެ ޕްރެޝަރު ކުޑަކުރަންވެސް މި އުކުޅު ބޭނުންކުރިއެވެ. ބޭސްވެރިކަމުގެ ބައްޕަގެ ގޮތުގައި މަޝްހޫރުވި "ހިޕޮކްރޭޓްސް"ގެ ލިޔުންތަކުގައިވެސް މިކަން ކުރާނެ ގޮތާއި، އެކަން ކުރަންޖެހޭ ހާލަތްތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. ހަމަ ތެދެކެވެ. މިއީ އޭރު ދެވޭ އެންމެ ޒަމާނީ ތަހުޒީބީ ފަރުވާއެވެ.
މި ނުރައްކާތެރި ފަރުވާ، މީގެ ދެތިން ގަރުނު ކުރިއާ ޖެހެންދެންވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކުރަމުން އައެވެ. ބޮޑެތި ހަނގުރާމަތަކުގައި ބޮލަށް ލިބޭ އަނިޔާތަކަށް ހަކީމުން މިގޮތަށް ބޭސްކުރިއެވެ. ނަމަވެސް، 18 ވަނަ އަދި 19 ވަނަ ގަރުނުގައި ބޭސްވެރިކަން ކުރިއަރައި، މިކަމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަން ސާފުވުމުން މި އާދަ މުޅިން ހުއްޓާލިއެވެ.
އެހެންކަމުން، މިއަދު ބޮލުގައި ރިއްސާލާއިރަށް މާ ބޮޑަށް މާޔޫސްނުވާށެވެ. މި ޒަމާނުގައި ބޭސްގުޅައެއް ކާލައިގެން ނުވަތަ ފެންތަށްޓެއް ބޯލައިގެން ތި ހުރީ ސަލާމަތްވެފައެވެ. އެހެން ނޫންނަމަ، ޖެހޭނީ ހަމަ ބޯ ތޮރުފާލާށެވެ!



advertisment