އެނދުމަތިވެފައިވާ ފިރިއަކު އޭނާގެ އަނބިމީހާކުރެން އެއްސެވެ.
"އޭ އަނބިކަނބުލޭގެއެވެ. ވަރަށް އަވަހަށް އަހަރެން މިދުނިޔެ ދޫކޮށް ދާނެތެވެ. މިދުނިޔެ ދޫކުރުމުގެ ކުރީގައި އެނގެން ބޭނުންވާ އެއް ކަމެއް އެބައޮތެވެ. އަހަރެން ކަނބުލޭގެއާ ކައިވެނިކޮށްގެން މިއުޅުނު 50 އަހަރުތެރޭގައި ކަނބުލޭގެ އަހަރެންނަށް ބޭވަފާތެރިވީން ހެއްޔެވެ؟"
އެ އަޑުއަހައިފައި އަނބިކަނބުލޭގެ ބުންޏެވެ.
"އޭ ލޯބިވާ ފިރިމީހާއެވެ. ތެދަށް ބުނާނަމެވެ. އާނއެކެވެ. ކަލެއާއެކުގައި މި އުޅުނު 50 އަހަރު، ޖުމްލަ ތިން ފަހަރު މަތިން ބޭވަފާތެރިވީމެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ވަރަށް ރަނގަޅު އުޒުރެއް އޮވެގެންނެވެ."
މި އަޑުއަހައިފައި ފިރިމީހާ ވަރަށް ހިތްދަތިވެއްޖެއެވެ. އެކަމަކު ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ.
"ކަނބުލޭގެއާ މެދު އަހަރެން ދުވަހަކުވެސް ޝައްކެއް ނުކުރަމެވެ. އަހަރެންނަށް ބޭވަފާތެރިވާން ޖެހުނު ތި ބުނާ ރަނގަޅު އުޒުރުތަކަކީ ކޮބައިހެއްޔެވެ؟"
އަނބިމީހާ ކިޔައިދޭން ފެށިއެވެ.
"އެންމެ ފުރަތަމަ ފަހަރު އެއީ އަހަރުމެން ކައިވެނިކުރިތާ ކައިރީގައެވެ. އަހަރުމެން ގެ ހަދަން ނެގި ލޯނު ނުދެއްކިގެން އޭތި ބޭންކަށް ނަގަން އުޅުނު ހަނދާންވޭ ހެއްޔެވެ؟ އެއް ދުވަހަކު ހަވީރު ބޭންކަރާ ބައްދަލުކުރަން އަހަރެން އެކަނި ދިޔަ ހަނދާންވޭހެއްޔެވެ؟ އޭގެ އަނެއް ދުވަހު އޭނާ ލޯނުގެ މުއްދަތު އިތުރުކޮށްދިން ނޫންހެއްޔެވެ؟"
އެ ވާހަކަ އަޑުއަހަން ފިރިމީހާ ވަރަށް ވިސްނުންތެރިކަމާއެކު އޮވެފައި ބުނެތެވެ.
"ތިކަމަށް ކަނބުލޭގެއަށް މާފުކުރެވިދާނެއެވެ. އެއީ އަހަރުމެންގެ ގެ ސަލާމަތްކުރަން ކުރި ކަމެއްތާއެވެ. އެކަމަކު ދެން މަށަށް ބޭވަފާތެރިވާން އޮތީ ކޮން އުޒުރެއްހެއްޔެވެ؟"
އަނބިމީހާ ދެވަނަ އުޒުރު ކިޔައިދޭން ފެށިއެވެ.
"ލޯބިވާ ފިރިމީހާއެވެ. ކަލޭ ހިތުގެ ބައްޔެއް ޖެހި، އަތުގައި ފައިސާނެތިގެން ބޭސްނުކުރެވިފައި އޮތް ދުވަސްތައް ހަނދާންވޭ ހެއްޔެވެ؟ އެކަމުގައި ކުރެވޭނީ ކީއްތޯ ބަލައިލަން ހިތުގެ ޑޮކްޓަރުގެ ގާތަށް އަހަރެން އެކަނި ޒިޔާރަތްކުރި ހަނދާން ވޭހެއްޔެވެ؟ ކަލޭގެ ސާޖަރީ އެއްވެސް އަގަކާ ނުލައި އޭނާ ކޮށްދިނެއް ނޫންހެއްޔެވެ؟"
ފިރިމީހާ އެ އަޑުއަހަން އޮވެފައި ބުންޏެވެ.
"އެކަމަށް ވެސް ކަނބުލޭގެއަށް މާފުކޮށްފީމެވެ. އެއީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްދޭން ކުރި ކަމެއްތާއެވެ. އެކަމަކު ދެން އޮތީ ކޮން އުޒުރެއް ހެއްޔެވެ؟"
އަނބިމީހާ ވާހަކަ އައިގެން ކުރިޔަށް ދިޔެވެ.
"ލޯބިވާ ފިރިމީހާއެވެ. އެންމެ ފަހުން ބޭއްވި ކައުންސިލް އިނތިހާބުގައި ރައީސްކަން ބޭނުންވެގެން ކަލޭ އަހަރެން ގާތު އިތުރު 73 ވޯޓު ހޯދައިދޭށޭ ބުނި ހަނދާން ވޭހެއްޔެވެ؟"



advertisment