ރޯއި ޑެނިސް، ނުވަތަ ގިނަ ބަޔަކަށް އެނގޭ ނަމުން ނަމަ "ރޮކީ ޑެނިސް" އުފަންވީ އިރު، އޭނާގެ ހަށިގަނޑުން އެއްވެސް ކަހަލަ އައިބެއް ނުވަތަ މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. އުމުރުން ދެ އަހަރުވީއިރު ވެސް، އެހެން ކުދިންނާ ތަފާތު އެއްވެސް ކަމެއް ނުފެނެއެވެ. ނަމަވެސް، ދެ އަހަރު ފުރުނު ފަހުން ނެގި އެކްސްރޭއަކުން އާދަޔާ ހިލާފު ކަންތައްތަކެއް ފާހަގަވެ، ހެދި ތަހުލީލުތަކުން އެނގުނީ އޭނާއަކީ "ކްރޭނިއޯދިއަފިސީލް" ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ތަހައްމަލު ކުރަމުންދާ ކުއްޖެއް ކަމެވެ. މި ބަލީގެ ސަބަބުން މޫނުމަތީގެ ކަށިތަކުގައި އިތުރަށް ކެލްސިއަމް އުފެދި، ބޮލުގެ ނާށިގަނޑު ބޯވެ، ސިފަޔަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
ޑޮކްޓަރުން ލަފާކުރި ގޮތުގައި، ނާށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިކުނޑިއަށް ބާރުބޮޑުވެ، ދެލޯ ދެފަރާތަށް ދުރަށް ޖެހި، ނޭފަތުގެ ބައްޓަން ގެއްލި، ބޯ އާދަޔާ ހިލާފަށް ބޮޑުވާނެއެވެ. އަދި ރޯއީގެ ކިބައިގައި ނުކުޅެދުންތެރިކަން އިތުރުވެ، ފެނުމާއި އަޑުއިވުމުގެ ހިއްސު ގެއްލި، އުމުރުން ހަތް އަހަރު ފުރުމުގެ ކުރިން އޭނާ މަރުވާނެ ކަމަށް ޑޮކްޓަރުން ލަފާކުރިއެވެ.
އެހެން ނަމަވެސް، ރޯއީގެ މަންމަ ރަސްޓީ، ޑޮކްޓަރުންގެ އެ ނިންމުންތަކަށް ބޯލެނބުމުގެ ބަދަލުގައި، ދަރިފުޅަށް އުއްމީދީ މުސްތަގުބަލެއް ހޯދައިދިނުމަށް އަޒުމް ކަނޑައެޅިއެވެ. އުމުރުން ހަ އަހަރުގައި އޭނާ އާދައިގެ ސްކޫލަކަށް ވެއްދިއެވެ. ރޯއީ ވެގެންދިޔައީ ތައުލީމީ ގޮތުން ނުހަނު ކާމިޔާބު، އަދި އެންމެންގެ ލޯބި ލިބިފައިވާ، މަޖާ މިޒާޖެއްގެ ކުއްޖަކަށެވެ. ދެކުނު ކެލިފޯނިޔާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭއްވި ކޭމްޕެއްގައި ބައިވެރިވެ، އޭނާ ވަނީ "އެންމެ އެކުވެރި ކޭމްޕަރ" އާއި "އެންމެ ހިތްހެޔޮ ކުއްޖާ" ފަދަ ޝަރަފުވެރި މަގާމުތައް ހޯދައިފައެވެ.

ފުރާވަރުގެ އުމުރަށް އެޅިއިރު، ރޮކީގެ މޫނުމަތީގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، މީހުންގެ ފުރައްސާރައަށް އޭނާ ރައްދުދެނީ ހިނިތުންވުމާއި ސަމާސާއާ އެކުގައެވެ. ހެލޮވީން ފަދަ މުނާސަބަތުތަކުގައި މާސްކު އަޅައިގެން އުޅޭއިރު، އޭނާގެ އަމިއްލަ މޫނަކީ ވެސް މާސްކެއް ކަމަށް ދައްކައިގެން މީހުން ހެއްވައި އުޅުނެވެ.
ނަމަވެސް އުމުރުން ދުވަސް ވަމުން ދިޔަވަރަކަށް އޭނާގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. ބޮލުގައި ރިއްސުމުގެ ސަބަބުން ގިނަ ވަގުތު ހޮސްޕިޓަލުގައި ހޭދަކުރަން ޖެހުނެވެ. އުމުރުގެ ފަހުކޮޅަށް އެޅިއިރު އޭނާގެ ލޮލަކަށް ނުފެނެއެވެ. ނަމަވެސް ލޮލަށް ނުފެންނަ ވާހަކަ ބުނުމުން ޑޮކްޓަރުން ބުނީ އެއީ ގަބޫލުކުރާ ހާލަތެއް ނޫން ކަމަށެވެ. ރޮކީގެ މޫނުގެ ސާޖަރީ ހެދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ހުށަހެޅުމުން ވެސް އޭނާ އެކަމަށް އިންކާރު ކުރިއެވެ. ރޮކީ ގަބޫލުކުރި ގޮތުގައި އޭނާ އުފަންވީ އެންމެ ފުރިހަމަ ސިފައިގައެވެ.

ގިނަ ގޮންޖެހުންތަކަކަށް ފަހު، އުމުރުން 16 އަހަރުގައި ރޮކީ މި ދުނިޔެއަށް އަލްވަދާއު ކިޔީ ބަލިހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުންނެވެ. އޭނާގެ ހިތްވަރުގަދަ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް 1984 ވަނަ އަހަރު "މާސްކް"ގެ ނަމުގައި ހޮލީވުޑް ފިލްމެއް ވެސް އުފެއްދިއެވެ. ރޮކީ ޑެނިސްއަކީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ޝަކުވާކުރުމެއް ނެތް، ހިތްވަރާއެކު ދިރިއުޅުމުގެ ނަމޫނާ ދެއްކި ލާމަސީލު ޝަހުސިއްޔަތެކެވެ.



advertisment