ދޮރުގައި މީހަކު ޓަކި ޖެހުމުން އާޝިޔާ ގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ އޭނާގެ ދަރިފުޅު ޝައިނާއެވެ. ދޮރު ހުޅުވުމުން ޝައިނާ އެތެރެޔަށް ވަދެގެން ގޮސް ސޯފާގައި އިށީނެވެ. އޭނާ އިނީ ފެންކަޅިވެފައެވެ. އޮފީސް ނިންމައިފައި ޝައިނާ ގެއަށް ދިޔުމުގެ ބަދަލުގައި އަޝިޔާ ކައިރިޔަށް އައީ ކީއްވެގެންކަން އެނގުނެވެ. އޭނާ ގޮސް މަޑުމަޑު ޝައިނާގެ ކައިރީގައި އިށީނެވެ.
އާޝިޔާ: (އިރުގަނޑަކަށް ފަހު) ދަރިފުޅާ…
ޝައިނާ: މަންމާ. އަހަރެން ވަރުބަލިވެއްޖެ. އަސްލަމް އަހަރެން ދޫކޮށްލައިފައި ދާން އުޅޭ ވާހަކަ އޮފީސް އެންމެންނަށް އެނގިއްޖެ. ކޮންމެ މީހެއް އައިސް މާ ހަމްދަރުދީ ވެގެން ކިހިނެތްހޯ އަހާއިރު ހީވަނީ އަހަރެންގެ އަތުން ހުރިހާ އެއްޗެއް ގެއްލުނީހެން.
އާޝިޔާ: ހމމމ. އެހެން އެ އަހަނީ ވަރަށް ބޮޑު އެއްޗެއް ގެއްލެން އުޅޭތީކަންނޭގެ ދޯ؟
ޝައިނާ: ގެއްލެނީ ބޮޑު އެއްޗެއްކަން އެނގެއޭ. އެކަމަކު އޭގައި އަހަރެންގެ ކޮން ކުށެއް އޮވެގެންތަ އޭނާ ގޮސް އެ އަންހެން މީހާ ހޯދީ؟ އަދި އެވެސް ފިހާރައެއްގެ ސޭޓަކަށް މަސައްކަތްކުރާ ކުއްޖެއް. މަށަށް ވުރެން މޮޅު ވަޒީފާއެއްގައި އުޅޭ، މަށަށް ވުރެން ބަލައިލަން ރީތި މީހެއް ނަމަވެސް ރަނގަޅުތާ.
އާޝިޔާ: (މަޑުމަޑުން) އެ ކުއްޖާގެ ކިބައިގައި އަސްލަމް ބޭނުންވާ ސިފަތަކެއް ހުރީ ކަމުގައި ވެދާނެތަ؟
ޝައިނާ: (ތަންކޮޅެއް އަޑުބާރުކޮށް) އަހަރެންގެ ކިބައިން ނުފުދޭ ކޮން އެދުމެއްތަ އެ ކުއްޖާގެ ފަރާތުން އޭނާއަށް ފުދޭނީ؟ އަހަރެންނާ އެކުގައި ކިހާ ހިތްހަމަޖެހޭ ދިރިއުޅުމެއް އޭނާއަށް އުޅެވެން އޮތް؟ އޭނާއަށް ލިބޭ އެއްޗަކާ އެއްވަރަށް އަދި އެއަށް ވުރެން ގިނައިން އަހަރެން އެބަ ގެއަށް ވައްދަން. ބޭނުންވީމައި ބޭނުންތާކަށް ދަތުރުކުރެވޭ.
އާޝިޔާ: އެއީތަ އަސްލަމް ދަރިފުޅުގެ ކިބައިން އެދޭ ކަމަކީ؟
ޝައިނާ: ދެން އިތުރު ކޮން ކަމެއްތަ؟ ދެމީހުންވެސް ކައިވެނިކުރީ އުފަލުގައި ހަމަހަމަކަންމަތީގައި ދިރިއުޅުން ވޭތުކުރަން. ކައިވެނި ކުރީމައި އޭނާ ބޭނުންވަނީ ކިޔަމަންތެރި އަނތްބެކޭ ބުނެ މައްސަލަ ޖެއްސުމުން ދޭހަވަނީ އޭނާގެ ފިނޑިކަންދޯ؟
އާޝިޔާ: އެއީ ދޯ ކައިވެނިކުރުމުގެ ކުރިންވެސް ދަރިފުޅަށް މަންމަ ބުނެދޭން މަސައްކަތްކުރި ކަމަކީ؟ ތި ހަމަހަމަކަން ގާއިމުކުރާނީ މަސައްކަތުގެ މާހައުލުގައޭ. ކައިވެންޏެއްގައި ހަމަހަމަކަން ގާއިމުކުރަން އުޅެފިއްޔާ އެ ކައިވެނީގެ މަސްލަހަތު ދެމިގެނެއްނުދާނެ. ފިރިއަކަށް އޭނާއަށް ކިޔަމަންތެރި ނުވާ އަނތްބެއް ގޮވައިގެން އުޅުން ވާނީ ވަރަށް ދަތި ކަމަކަށް.
ޝައިނާ: (ރުޅިގަދަވެފައި) ދެން ދަތިވަންޏާ އެ ވާހަކަ ބުނިއްޔާދޯ އެނގޭނީ؟ އަނގައިން ނުބުނެ ފިއްތައިގެން އުޅެފައި ކުއްލިއަކަށް އައިސް ދެން އެކުގައި އުޅޭކަށް ބޭނުމެއް ނޫނޭ ބުނުމަކީ ކޮންކަހަލަ ގޮތެއް؟
އާޝިޔާ: (މާނޭވާއެއް ލައިފައި) ދަރިފުޅު ތިބުނީ ތެދެއް. އެނގޭތަ ގިނަ ފިރިހެނުންނަށް އެމީހުންނަށް ދަތިވާ ކަމަކީ މިއޭ ކިޔައިފައި ބުނެދޭކަށް ނޭނގޭކަން؟ ހައްލުކުރަން ނޭނގޭ ދަތިތަކާ ކުރިމަތިލާން ޖެހުނީމާ އެމީހުން އެކަމަކާ ދުރަށް ޖެހޭނީ. ފާރެއްގެ ބިއްދޮށަށް ވަދެ ފިލާނީ. އެހެން ނޫނީ ނައްޓައިލައިގެން ދާނީ. ގިނަ ފަހަރަށް މި ކަހަލަ މައްސަލަ ދިމާވަނީ އެމީހުންގެ މައްޗަށް ނުފޫޒުފޯރުވަން އުޅޭ އަންހެނުންނާ އެކުގައި. އެއީ ކޮންމެހެން ޝަހުސިއްޔަތު ވަރުގަދަ އަންހެނުން ދެކެ އެމީހުން ފޫހިވާތީކީއެއް ނޫން. އެކަމަކު އެފަދަ އަންހެނެއްގެ ހަޔާތުގައި އޭނާ އަދާކުރަން ޖެހޭ ރޯލު އޮޅޭތީ.
ޝައިނާ: (ވަރުބަލިވެފައިވާ ރާގަކަށް) ތި ރޯލެއް އަދާނުކުރެވިގެން އެމީހުންނަށް މަދުވަނީ ކޯންޗެއްތަ؟
އާޝިޔާ: (ފުންނޭވާއެއް ލައިފައި) ހިތްހަމަޖެހުން. ފިރިހެނަކު މަސައްކަތް ނިންމައިފައި ގެއަށް އަންނަނީ އަނެއް ހަނގުރާމަ ފަށްޓަން ބޭނުން ވެގެނެއް ނޫންދޯ؟ އެމީހުން ގެއަށް އަންނަނީ އެމީހުންގެ ލޯބިވާ އަނބިމީހާގެ އުނގުން ތަސައްލީއެއް ހޯދުމަށް އެދިގެން ދޯ؟ އެކަމަކު ކޮންމެ ރެއަކު އަސްލަމް ގެއަށް އައުމުން އޭނާ ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ލިސްޓު ދަރިފުޅު ކިޔައިދޭންޖެހޭ ވާހަކަ މަންމަ ކައިރީގައި ބުނީ ކިތައް ފަހަރު؟ އޭނާއަށް ދުވަހަކުވެސް ދަރިފުޅު ބޭނުންވާ ޒާތުގެ މީހަކަށް ނުވެވޭނޭކަން އެނގުނީމައި އެ ހިތި އިހުސާސްކުރާކަށް ނުހުންނާނޭދޯ؟
ޝައިނާ: (ރުޅިގަދަވެފައި) ތިބުނީ ރަނގަޅުކުރަން ޖެހޭ ކަމެއް ފެނުނީމައިވެސް ނުބުނެ މަޑުކުރަންވީއޭތަ؟ އެއީތަ މި ކައިވެނި ރޫޅުނު ސަބަބަކީ؟
އާޝިޔާ: (ބޯހޫރައިލަމުން) މަންމަ މިބުނީ އެހެނެއް ނޫން. ދަރިފުޅަކީ ވަރަށް މޮޅު ކޮލިޓީ އެޝުއަރަންސް މެނޭޖަރެއް. އެކަމަކު އެ ރޯލުގައި ކައިވެނީގެ މައިދާނަށް ވަނީމައި އެއީ ދަރިފުޅުގެ ފިރިމީހާއަށް ކުރެވޭ ބޭއިންސާފެއްނޫންތަ؟ އޭނާވެސް ކަންކަން ކޮށްދެނީ އޭނާއަށް ވީ އެންމެ ރަނގަޅަކަށްކަން ވިސްނައި އޭނާއާ މެދުގައި އޯގާތެރި ނަޒަރަކުން ބަލައިލުމަކީ އޮތްގޮތެއް ދޯ؟
ޝައިނާ: މި ޒަމާނުގައި ގުޅުންތަކުގައި ގެންގުޅެން އެންމެ މަގުބޫލުގޮތަކީ ތިމާ ބޭނުންވާ ކަންކަން ސާފުސީދާކޮށް އަނެއް މީހާއަށް ބުނެދިނުމޭ މަންމާ!
އާޝިޔާ: ދަރިފުޅާ. އެ ހުރިހައި އެއްޗެއް އަޑުއަހައިގެން ކުރާ އެއްވެސް ކަމަކުން ކައިވެންޏެއް ކާމިޔާބެއް ނުވާނެ. ކައިވެނި ކާމިޔާބުވަނީ ސިކުނޑީގެ ވިސްނުމުގެ ހުނަރުވެރިކަން ދައްކައިގެނެއް ނޫން. ދައްކާ ވާހަކަތަކުން ދެކޮޅު ދިމާވާ ގޮތްގޮތް ހަދައިގެން ކައިވެނި ރަނގަޅުވާނޭ ބުނި ނަމަވެސް، ކައިވެންޏެއްގައި އުޅޭ ދެމީހުންގެ މައްޗަށް ބާރު ހިނގާނީ މޭތެރޭގައިވާ، ވިސްނަން ނޭނގޭ ހިތް.
ޝައިނާ: ތިބުނީ؟
އާޝިޔާ: މިބުނީ އަހަރުމެން ޖަޒުބާތީ ކަންކަމުގައި ނަގާ ފިޔަވަޅުތަކަށް ނުފޫޒު ފޯރުވާ ނިޒާމުތަކަކީ ވިސްނުމުގެ މައްޗަށް ބަރޯސާވާން ދަސްވެފައިވާ ނިޒާމުތަކެއް ނޫނޭ. އެއީ އެތަކެއް ޒަމާނެއްގެ ތަޖުރިބާގައި އުފެދި ވަކި ހަމަތަކަކަށް ހިނގައި ދައުރުވާ ކަންކަމޭ.
ޝައިނާ: (މަންމަގެ ފަލްސަފާއިން ބޮލުގައި ރިއްސައިފައި) މަންމަ ތިދައްކާ ވާހަކައެއް ނޭނގެ.
އާޝިޔާ: (ހެވިފައި) ކުރުކޮށް ފޮނިކޮށް ބުނާނަމަ، ދެމީހުން އެކުގައި މަސައްކަތްކޮށް އާމްދަނީ ހޯދައިގެން ދިރިއުޅުމެއް ބިނާކުރުން މިއީ ވަރަށް ފަހުގެ ކަމެކޭ. މީގެ ކުރީގައި ގެއެއްގައި ފަޓުލޫނު ލައިގެން މަސައްކަތްކުރާނީ ހަމައެކަނި ފިރިހެން މީހާއޭ. ގޭގެ ކަންކަން ބަލަހައްޓާނީ އަންހެންމީހާއޭ. މިއީއޭ އަދިވެސް ގިނަ މީހުންގެ ހަށިގަނޑުތައް ގުދުރަތީގޮތުން އާދަވެފައިވާ ނިޒާމަކީ. މި ނިޒާމަށް ކަންކަން ހިނގަންޏާ ދެމީހުންނަށް ވެސް އެކަކު އަނެކަކުގެ ފަރާތުން ހަމަޖެހުމާއި ތަސައްލީ ލިބޭނެ.
ޝައިނާ: ދެން މިހާރު؟
އާޝިޔާ: މިހާރު ދެމީހުންވެސް ގެއިން ބޭރުގައި މަސައްކަތްކޮށްފައި ގެއަށް އަންނައިރުގައި ތި އަންނަނީ ދެމީހުންގެ ވެސް މައްސަލަތައް ހިފައިގެން. ދެމީހުންވެސް އެއްވަރަކަށް އެކަކު އަނެކަކުގެ މައްޗަށް ބާރު ހިންގަން ބޭނުންވޭ. ދެމީހުންނަށްވެސް އެކަކު އަނެކަކު ފަރާތުން ލިބެންޖެހޭ ހަމަޖެހުމެއް ނުލިބޭ. އެކަކު އަނެކަކަށް ދޫދޭކަށް ބޭނުމެއްނުވޭ.
ޝައިނާ: ކޮން ދުލެއްތަ ދޭންޖެހެނީ؟
އާޝިޔާ: (ބޯ ހޫރައިލައިފައި) ދަރިފުޅުގެ ކިބައިގައި ތި ހުންނަ ވާދަވެރިކަމުގެ އުސޫލުގެ ސަބަބުން ކޮންމެ މީހަކުވެސް ވަރުބަލިކޮށްލާނެ. އެންމެ ކުޑައިރުން ފެށިގެން ކޮންމެ ކަމެއްގައި ގަދަބަސް ބުނުމުގެ އާދަ އަދިވެސް ދަރިފުޅު ތި ގެންގުޅެނީ. މަންމަ ދަރިފުޅުގެ ކިބައިގައިވާ މި އާދަ ގަބޫލުކުރިޔަސް ދަރިފުޅާއެކުގައި އުޅޭ ފިރިމީހާއަށް މި ކަންކަން ނެނގޭނީ އިހުތިރާމު ކުޑަކޮށް، ކޮށްދޭ ކަންކަން ބަލައިނުގަންނަ ކަމުގެ ހެއްކެއް ގޮތަށް.
ޝައިނާ: މަންމަ ތިބުނީ އަހަރެންގެ ކާމިޔާބީ އޭނާއަށް ބަލައިނުގަނެވުނީއޭ ތަ؟
އާޝިޔާ: ކޮން ކާމިޔާބީއެއްގެ ވާހަކަ ދަރިފުޅު ތި ދައްކަނީ؟ މިހާރު ދެ ކައިވެނި ތި ރޫޅުނީއޭ. މި ވާހަކަ މަންމަ ކިތައް ގޮތަށް ދައްކައިފިން؟ އެކަމަކު މަންމަ ދައްކާ ވާހަކައިން ދަރިފުޅަށް އިހުސާސްކުރެވެނީ މަންމަ މިބުނަނީ ދަރިފުޅު ފިރިހެނެއްގެ ދަށުވާށޭއޭ. މަންމަ މިބުނަނީ ތަޅާފޮޅުމުގެ ރޫހު ދުއްވައިލާށޭ. އޯގާތެރިކަމާއެކު މުއާމަލާތުކުރާށޭ. ފިރިއަކަށް ދޭންޖެހޭ ލޯތްބާއި އިހުތިރާމު ދޭށޭ. އޭނާއަށް ދަރިފުޅުގެ ހަޔާތުގައި ފުރާނޭ ރޯލެއް ނެތްހެން ހީވާން ފެށީމާ އޭނާގެ ބޭނުން ޖެހޭނެ މީހެއް އެ ހޯދީ. ފިރިން އެބައިމީހުންގެ އަނބިންގެ ކިބައިން އެދޭ އެންމެ ބޮޑު ކަމަކީ އެއީ.
ޝައިނާ: އެއީ ކޮން އިންސާފެއް؟ ހަމަ އޭނާގެ ބޭނުމެއް ނެތޭ އިހުސާސްވީމައި ނައްޓައިލައިގެން ދިޔުން އެއީ އިންސާފުތަ؟
އާޝިޔާ: ދުނިޔޭގައި ހުރިހާ ކަމެއް ހިނގާނީ އިންސާފަކުން ނޫން ދޯ؟
ޝައިނާ: ދެން ކިހިނެތް އަހަރެން ހަދަންވީ މަންމާ؟ އަމާން ދިދަ ނަގައިފައި އޭނާގެ ފޮށްޓަށް އެއްޗެހި އަޅައިދޭންވީ؟
އާޝިޔާ: ދަރިފުޅު ފޮށްޓަށް އެއްޗެހި އަޅައިގެން ދުވަސްކޮޅަކަށް މަންމަ ކައިރިޔަށް ބަދަލުވާން ވީނުން.
ޝައިނާ: (ވަރަށް ވިސްނައިލައިފައި) މަންމައަށް ހީވޭތަ އަހަރެންނަށް ކާމިޔާބުކޮށް މީހަކާ ކައިވެނިކޮށްގެން އުޅެވިދާނޭ؟
އާޝިޔާ: މިޒަމާނުގެ ކަންކަން ހުންނަ ގޮތުން ކާމިޔާބު ކައިވެންޏެއްގެ މަތީގައި ދެމިހުރުމަކީ އުނދަގޫ ކަމެއް. އެކަމަކުވެސް ބައެއް ކަންކަމުގައި ކަންތައް ކުރާ ގޮތް ބަދަލުކޮށްލަނިކޮށް ކާމިޔާބުވާނެހެން މަންމައަށް ހީވަނީ.
ޝައިނާ: އެއީ ކޮންކަމެއް؟
އާޝިޔާ: (ހީލައިފައި) ދަރިފުޅުގެ ބޯހަރުކަން!
ޝައިނާ: ދެން މަންމާ!
އާޝިޔާ: މިހާރު ދެ ކައިވެނި ނާކާމިޔާބުވީތާ. ދިމާވި ކަންކަމާ ވިސްނައިލަން މަންމަ ކައިރީގައި ދުވަސްކޮޅެއް ވަންދެން މަޑުކޮށްލާ.



advertisment