ގެސްޓް ހައުސް ފަތުރުވެރިކަމަށް މަގުބޫލު މަންޒިލެއް ކަމަށްވާ އއ. ތޮއްޑޫއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ނިންމައިފިއެވެ.
ގައުމީ އެއަރލައިން އިން ބުނާ ގޮތުގައި ސީޕްލޭންގެ ނެޓްވޯކް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ތޮއްޑުއަށް ކުރާ ފުރަތަމަ ދަތުރު ތާވަލުކުރެވިފައިވަނީ އަންނަ ފެބުރުވަރީ 12 އަށެވެ.
މި ދަތުރުތައް ކޮންމެ ހަފުތާއެއްގެ ބުރާސްފައްޗާއި ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހިދުމަތް ފެށުމުގެ އުފަލުގައި ދިވެހިންނަށް ހާއްސަކޮށްގެން އެއްކޮޅު ޓިކެޓެއް 799ރ. އަށް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް މޯލްޑިވިއަން އިން ވަނީ އިއުލާނުކޮށްފައެވެ.
"މި ހިދުމަތަކީ ދަތުރުފަތުރަށް ޑިމާންޑު އިތުރުވަމުން އަންނާތީ އާއި، ރާއްޖޭގެ ރަށްތައް ވައިގެ މަގުން ގުޅުވްއިލުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން މޯލްޑިވިއަނުން ތައާރަފުކުރާ ހިދުމަތެކެވެ. ވައިގެ ދަތުރުފަތުރުގެ ނިޒާމު މިފަދައިން ހަރުދަނާވުމަކީ ރަށްރަށުގެ އިޖުތިމާއީ ގުޅުން ބަދަހިވެ، އެ ރަށްރަށަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުވުމުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ." މޯލްޑިވިއަން އިން ބުނެއެވެ.
ތޮއްޑޫގައި ގެސްޓް ހައުސް ވިޔަފާރިއާއި ލޯކަލް ޓޫރިޒަމް ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމުން ރަށުގެ ކުދި ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެނަށް އިގްތިސާދީ ގޮތުން ބޮޑެތި މަންފާތަކެއް ލިބޭނޭ ކަމަށް މޯލްޑިވިއަނުން ޔަގީންކުރެއެވެ.



advertisment

