މިއީ ކިޔަން އުނދަގޫ ވާހަކައެކެވެ. ޖާވިދު އިގްބާލަކީ ޕާކިސްތާނަށް އުފަންވި ވަރަށް އަނިޔާވެރި ގާތިލެކެވެ. އޭނާ 1999 އަހަރު ހައްޔަރަށް ގެންދިޔުމުގެ ކުރިން ވަނީ 100 ކުދިންނަށް ޖިންސީ އަނިޔާކޮށް، ކަރުގައި ހިފައި މަރައިލައި، އެސިޑު އަޅައިގެން އެ ކުދިންގެ ހަށިގަނޑުތަކަށް ނައްތައިލައިފައެވެ. މިކަން އޭނާ ކޮށްފައިވަނީ އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.
ޖާވިދު އުފަންވީ ޕާކިސްތާނުގެ ލާހޫރުގެ ތަނަވަސް، ފޯރާ އާއިލާއަކަށެވެ. އޭނާއަކީ އޭނާގެ ބައްޕައަށް ލިބުނު އަށް ދަރިންގެ ތެރެއިން ހަވަނަ ދަރިފުޅެވެ. އޭނާ އުޅެބޮޑުވީ އާދަޔާ ހިލާފު މުއްސަނދި ދިރިއުޅުމެއްގައެވެ. ޖާވިދު ތަސައްރަފު ފުދި ބޮޑުވުމުން އޭނާގެ ބައްޕަވަނީ އޭނާ ދިރިއުޅެން ވިލާއެއް ގަނެދީ ދަގަނޑުގެ މަސައްކަތްކުރާ ވިޔަފާރިއެއް ފައްޓައިދީފައެވެ. ޖާވިދުގެ ބައްޕަ 1993 ގައި މަރުވަމުން އޭނާއަށް އެތައް މިލިއަން ރުޕީސްއެއް ދޫކުރިއެވެ. އެ ލާރިން ޖާވިދު އޭނާގެ ވިލާގައި ސްވިމިން ޕޫލެއް ހަދައި ދުއްވާތަކެތި ގަތެވެ.
ޖާވިދަށް ދުނިޔެވީ މުއްސަނދިކަން ލިބިފައިވީ ނަމަވެސް 1985 ގަޔާއި 1990 ގައި އޭނާއަށް އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުކުރެވި، ގާނޫނީ ތާށިތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އާއިލާގެ ނުފޫޒުން އެ މައްސަލަތަކުގައި އެއްވެސް ހުކުމެއް ނައިސް އޭނާ ވަނީ ދޫކޮށްލައިފައެވެ.
ޖާވިދުގެ އެދުންވެރިކަން ފުއްދަން ފިރިހެންކުދިން ހޯދުމަށް އޭނާ ހެދީ ވީޑިޔޯ ގޭމްކުޅޭ ފިހާރަކައެކެވެ. އެ ފިހާރައިން ޅަ ފިރިހެން ކުދިންނަށް އަގުހެޔޮކޮށް ގޭމު ކުޅެވޭގޮތަށް އޭނާ ހެދީ އެކަމަށް އެދި ގިނަކުދިން އަންނާނޭ ގޮތްގޮތް ހޯދައި ބަލައިގެންނެވެ. ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވަނީ ޖާވިދު ބައެއް ފަހަރު އެ ފިހާރައިގެ ދޮރުމައްޗަށް 100 ރުޕީސްގެ ނޫޓެއް ވައްޓައިލައި ކަމަށެވެ. އޭތި ފެނިގެން ނަގާ ކުއްޖާއަށް ވައްކަމުގެ ތުހުމަތު ކުރެއެވެ. އަދި އޭނާ އެ ފިހާރައިގެ އެތެރޭގައި ހަދައިފައިވާ ކޮޓަރިއަކަށް ވައްދައި ޖިންސީގޯނާކުރެއެވެ.

އެ ހިސާބުގަނޑުގެ މީހުންނަށް އެ ވީޑިޔޯ ގޭމުކުޅޭ ފިހާރައާ ދޭތެރޭ ޝައްކު އުފެދެން ފެށުމުން ޖާވިދު އިތުރު ފިރިހެން ކުދިން އޭނާގެ ޝިކާރައަކަށް ހެދުމަށް، ދިރޭ މަސް ވިއްކާ ފިހާރައަކާއި، ޖިމްއެއް އަދި ސުކޫލަކާއި އަގުހެޔޮކޮށް މުދާ ގަންނަން ލިބޭ ފިހާރަ ފަދަ ތަންތަން ހުޅުވިއެވެ.
އޭގެ ފަހުން 1999 ގެ ކުރީކޮޅު ކުޑަ ފިރިހެންކުދިންނަށް އޭނާގެ ގެއަށް ދައުވަތުދީގެން ގެންދަން ފެށިއެވެ. ޖާވިދު ޓާގެޓުކުރީ އަޅައިލާނޭ ޔާރެއް އިޔާރެއް ނެތް ކުދިންނަށެވެ. ގެއިން ފިލައިގެން މަގުމަތީގައި ދިރިއުޅޭ ކުދިންނާއި، ސަލާންޖަހާ ކުދިންނަށެވެ. އޭނާ ޓާގެޓުކުރި ކުދިންގެ އުމުރުފުރާއަކީ ހަ އަހަރާއި 16 އަހަރެވެ. އޭނާ އެކުދިންނަށް ދައުވަތުދެނީ އޭނާގެ ގޭގައި އެ ކުދިންނަށް ދިރިއުޅެ އޭނާގެ ފަރާތުން އެހީތެރިކަން ލިބޭނޭ ކަމަށް ބުނެއެވެ. މަގުތައް މަތިން ކުދިން ގެއްލޭ ވާހަކައިގައި މީހުން ޖާވިދަށް ޝައްކުކުރި ނަމަވެސް އޭނާ ހައްޔަރެއް ނުކުރެއެވެ. ސަބަބަކީ މުއްސަންޖަކަށް ވީމައި އޭނާއަށް ގާނޫނުން ލިއްބައިދޭ ރައްކާތެރިކަމެއްގެ ސަބަބުންނެވެ.
ޖާވިދުގެ މި ނޭއްގާނީ އަމަލުގެ މަތީގައި ވަރަށް ގިނަ ދުވަހު ދެމިހުރެވުނީސްކަން ކަށަވަރެވެ. ނަމަވެސް 1999 އަހަރުގެ ޑިސެމްބަރުގައި ޖާވިދު 100 ކުދިން މަރައިލިކަމަށް އިއުތިރާފުވެ އަމިއްލަ އަތުން ލިޔެފައިވާ ސިޓީއެއް ލާހޫރުގެ ފުލުހުންނަށާއި ނޫހަށް ފޮނުވިއެވެ. ފުލުހުން ޖާވިދު ހައްޔަރުކުރަން އެގެއަށް ދިޔައިރު ޖާވިދެއް ނެތެވެ. ނަމަވެސް ގެ ފާސްކުރިއިރު އެގޭގެ ފާރުތަކާއި ތަޅުންގަނޑުގައި މަރައިލި ކުދިންގެ ލޭ ހުއްޓެވެ. އަދި އެކުދިންގެ ކަރުގައި އަޅުވައި ނޭވާ ހާސްކޮށްލަން ބޭނުންކުރި ޗޭނުގަނޑެއްވެސް ފެނުނެވެ. އޭނާގެ އަތުގައި މަރައިލި ހުރިހާ ކުދިންގެ ވަނަވަރު އެނގޭ ގޮތަށް ރިކޯޑު ބަހައްޓައިފައި ހުއްޓެވެ. އަދި އެކުދިންގެ ފޮޓޮއާއި އުމުރުވެސް ނޯޓުކޮށްފައި ހުއްޓެވެ.

ފުލުހުން ހޯދިހޯދުމުން ޖާވިދުގެ ގެއިން ބޮޑު އެސިޑު ދެ ތާނގި ފެނުނެވެ. އަދި އޭގެ ތެރޭގައި އިންސާނުންގެ ބައިބައި ނުވިރި ހުއްޓައި ފެނުނެވެ. އޭނާ ލިޔެފައިވާ ނޯޓެއްގައި އެއީ ފުލުހުންނަށް އޭނާ ކަންތައް ކުރި ގޮތް ދައްކަން ބަހައްޓައިފައިވާ ގޮތްކަމަށް ބަޔާންކޮށްފައި އޮތެވެ.
އެ ހިސާބުން ފެށިގެން ޖާވިދު ހޯދަން ބޮޑު އޮޕަރޭޝަނެއް ލާހޫރުގައި ހިންގިއެވެ. އޭނާގެ ފޮޓޯ ނޫސްތަކުގައި ޖަހައި ޓީވީން އޭނާގެ ވާހަކަ އާންމުންނާ ހިއްސާކުރަން ފެށިއެވެ. ޖާވިދުގެ ޝިކާރައަކަށް ވި ކުދިންގެ މައިންބަފައިން ފުލުސް އޮފީސްބޭރުގައި މުޒާހަރާކުރަން ފެށިއެވެ. އެ ހުރިހާ ކަމެއް ވީއިރުގައި ޖާވިދު އުޅުނީ އެ ރަށުގެ ޑްރެއިނޭޖް ޓަނަލްއެއްގައި ކުޑަ ފިރިހެން ކުދިންތަކެއްގެ އެހީގައި ފިލައެވެ.
ޑިސެންބަރު 30، 1999 ގައި ޖާވިދު ހަމަޖެހިލައިފައި ގޮސް ލާހޫރުގެ ޑެއިލީ ޖޭންގް ނޫހުގެ އިދާރާއަށް ވަނެވެ. އަދި އޭނާއަކީ ޖާވިދު އިގްބާލޭ، 100 ކުދިން މަރައިލި މީހާ ކަމުގައި އިއުތިރާފުވެ، ފުލުހުންނަށް ގުޅައިފައި އޭނާއާ ހަވާލުވާން އަންނަން ބުނާށޭ ބުންޏެވެ.
ތަހުގީގުގައި ޖާވިދު އެގޮތަށް ކަންތައް ކުރީ ބަދަލުހިފުމަށް ކަމަށް އެއްބަސްވިއެވެ. އޭނާ ބުނީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އޭގެ ކުރީގައި ހައްޔަރުކުރި ފަހަރު ފުލުހުން ވަނީ އޭނާއަށް ވަރަށް އަނިޔާކޮށްފައި ކަމަށެވެ. އެ އަނިޔާގެ ސަބަބުން އޭނާގެ ބޯ ފަޅައިގެން ގޮސް، މައިބަދަ ބިނދި ނުހިނގޭގޮތް މެދުވެރިވި ކަމަށާއި އޭނާގެ މަންމަ އެކަމާ ވަރަށް ހިތާމަކޮށް ރުއި ކަމަށެވެ. އޭނާގެ މަންމަކުރި ހިތާމައިގެ ބަދަލުގައި އޭނާ 100 މަންމައިން ރޮއްވައިލަން އަމިއްލަ ނަފްސަށް ވައުދެއް ވިކަމަށް ބުންޏެވެ.

ޖާވިދު ބުނާގޮތުގައި އޭނާއަށް 500 ކުދިންވެސް މަރައިލެވުނީހެވެ. ނަމަވެސް އޭނާ މަރައިލަން ކަނޑައެޅި އަދަދަކީ 100 ވުމުން އެ އަދަދު ހަމަވުމުން އަމިއްލައަށް ފުލުހުންނާ ހަވާލުވީ އެވެ.
ގާޒީވަނީ ޖާވިދަށް 100 ފަހަރަށް މަރުގެ ހުކުން އިއްވައި، އޭނާ ކުދިންތައް މެރި ގޮތަށް ކަރުގައި ހިފައިގެން މަރަން އަންގައިފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ބައިތައް ބުރިބުރިކޮށް އެސިޑަށް އަޅަންވެސް ހުކުމުގައި އޮތެވެ. ނަމަވެސް އެ ހުކުމް ތަންފީޒުކުރުމުގެ ކުރިން އޭނާވަނީ ގޮތް ނޭނގޭ މަރަކުން ޖަލުގައި މަރުވެފައެވެ.
ޖާވިދަށް އެހީވެދިން ފުރާވަރު އުމުރުގެ ތިން ކުދިންނަށް ވެސް ޖަލު ހުކުމް ވަނީ އިއްވައިފައެވެ. އޮކްޓޯބަރު 2001 ގައި ޖާވިދާއި އޭނާއާ އެކުގައި ހައްޔަރުކުރި އޭނާއަށް އެހީތެރިވެދިން މީހުން ފެނުނީ ޖަލުގެ ތޭރިތަކުގައި ބެޑްޝީޓު ބޭނުންކޮށްގެން ދަންޖެހި މަރުވެފައި ތިއްބައެވެ. މަރުވުމަށް ފަހު ހެދި އޮޓޮޕްސީން ދައްކަނީ އެމީހުން މަރުވެފައިވަނީ ބަޔަކު މީހުން ތަޅާ އަނިޔާކޮށްގެން ކަމަށެވެ. އޭނާ މަރުވުމުން ހަށިގަނޑާ ހަވާލުވާކަށް އެއްވެސް މީހެއް ނުދެއެވެ.



advertisment