Support Us

މައިންބަފައިންގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރެވެނީ ކިތައް ދަރިންނަށް؟

ބޮޑު ޗާޕުހާނާއެއްގެ އިސް މަގާމަކަށް ޒުވާނަކު ކުރިމަތިލިއެވެ. ފުރަތަމަ އިންޓަވިއުތަކުން ފަސޭހަކަމާއެކު ފާސްވިއެވެ. އެންމެ ފަހު މަރުހަލާއަކީ ކުންފުނީގެ ސީއީއޯއާ ބައްދަލުކުރުމެވެ.

"މަތީ ތައުލީމު ހާސިލުކުރަން އެއްވެސް ސްކޮލަޝިޕެއް ލިބުނުތަ؟" އޭނާގެ ޕޯޓިފޯލިއޯއަށް ފަރުވާތެރިކަމާއެކު ބެލުމަށް ފަހު ސީއީއޯ ސުވާލުކުރިއެވެ.

"ނޫން،" އެ ޒުވާނާ ޖަވާބުދިނެވެ.

"ކިޔަވައިދޭން ހަރަދުކުރީ ކާކު؟"

"ކިޔެވުމުގެ ހުރިހައި ކަމެއް ކޮށްދެއްވީ އަޅުގަނޑުގެ ބައްޕަ،" ޒުވާނާ ޖަވާބުދިނެއެވެ.

"ބައްޕައަކީ ކޮން މަސައްކަތެއް ކުރާ މީހެއް؟"

"ބައްޕައަކީ ދަގަނޑުގެ މަސައްކަތްކުރާ ކުނބުރެއް،" ޒުވާނާ ޖަވާބުދިނެވެ.

އެ ހިސާބުން ސީއީއޯ އެ ޒުވާނާގެ އަތް ދައްކައިލުމަށް އެދުނެވެ. ޒުވާނާގެ އަތް އޮމާންވެފައި ރީއްޗެވެ. އެ އަތުން ބުރަ އެއްވެސް މަސައްކަތެއްގެ އަސަރެއް ނުފެނެއެވެ.

"ބައްޕަގެ މަސައްކަތުގައި ދުވަހަކުވެސް އެހީތެރިވެދިނިންތަ؟" ސީއީއޯ އަހައިލިއެވެ.

"ނޫން، ދުވަހަކުވެސް ނުވަން،" ޒުވާނާ ބުންޏެވެ. "މައިންބަފައިން ބޭނުންވީ އަޅުގަނޑުގެ ހުރިހާ ސަމާލުކަމެއް ކިޔެވުމަށް ދޭން."

"މި ވަޒީފާ ލިބޭނީ ކަލެޔަށްކަން ވަރަށް ކަށަވަރު. އެކަމަކު އެ ނިންމުން ނިންމުމުގެ ކުރިން އަހަރެންގެ އެދުމެއް އެބައޮތް. މިރޭ ގެއަށް ގޮސް ބައްޕަގެ ދެއަތް ދޮވެދީ. އެއަށްފަހު މާދަމާ ހެނދުނު އަލުން އާދޭ،" ސީއީއޯ އެހެން ބުނެފައި އެ ބައްދަލުވުން ކުރުކޮށްލިއެވެ.

ހައިރާންކަންމަތީގައި ޒުވާނާ ސީއީއޯގެ އޮފީހުން ނިކުތެވެ.

އެރޭ އޭނާ ބައްޕަގެ ކައިރިއަށް ގޮސް، ބައްޕަގެ ދެއަތް ދޮވެދިނުމުގެ ހުއްދައަށް އެދުނެވެ. ބައްޕަ ހައިރާންވި ނަމަވެސް އެކަމަށް އެއްބަސްވިއެވެ.

ޒުވާނާ ބައްޕަގެ ދެ އަތްތިލައިގައި ހިފާލި ވަގުތު، އެ ދެ އަތުގެ ހަންގަނޑު ބޯވެފައިވާ ވަރު އިހުސާސްކުރެވުނެވެ. އެ ދެ އަތުގައި ފަޅައިގެން ގޮސްފައިވާ ތަންތަނާއި ފޮޅުލައިފައިވާ ތަންތަން ފެނުނެވެ. ބައެއް ތަންތަނުގައި އަތްލުމުން ތަދުވެގެން ބައްޕަ ސިހިގެންދެއެވެ. ޒުވާނާގެ ލޮލުން ކަރުނަ ހިލުނެވެ.

ޒުވާނާއަށް ހަގީގަތް ވިސްނުނީ އެ ވަގުތުއެވެ. އޭނާގެ ތައުލީމާއި މުސްތަގުބަލަށްޓަކައި ބައްޕަ އުފުލި ބުރަ އޭނާއަށް ފުރިހަމައަށް އިހުސާސްވީ އެ ވަގުތުއެވެ. އަތްދޮވެ ނިމުމަށްފަހު، ބައްޕަ މަސައްކަތްކުރާތަން ސާފުކުރަން ހަޔާތުގައި ފުރަތަމަ ފަހަރަށް ބައްޕައަށް އެހީތެރިވެދިނެވެ.

ޖެހިގެން އައި ދުވަހު ޒުވާނާ އެނބުރި ސީއީއޯގެ ކައިރިއަށް ދިޔައެވެ.

"ރޭގައި ކުރި ކަންތަކުން އެނގުނީ ކޮންކަމެއް؟"

"ރޭގައި އަޅުގަނޑު ބައްޕަގެ އަތްދޮވެދީ، ބައްޕަ މަސައްކަތްކުރާ ތަން ސާފުކުރަން އެހީވުމުން އަޅުގަނޑަށް އެނގުނު ހަގީގަތަކީ، މިއަދު އަޅުގަނޑަށް މި ހިސާބަށް އާދެވުނީ ބައްޕަގެ ބުރަ މަސައްކަތުންކަން،" ޒުވާނާ ޖަވާބުދިނެވެ. "ދިރިއުޅުމުގައި ފައިސާ ހޯދަން ކޮންމެ މީހަކަށް ލުއި ގޮތެއް ހަމަޖެހިފައި ނުވާކަންވެސް ވިސްނިއްޖެ. އެހެންކަމުން އެހެން މީހުން ކުރާ މަސައްކަތަށް އިހުތިރާމުކުރަން ދަސްވެއްޖެ."

"މި ކުންފުނީގެ އިސްވެރިންގެ ކިބައިގައި ހުންނަން އަހަރެން ބޭނުންވާ އެންމެ މުހިންމު ސިފައަކީ ތީ. އެހެން މީހުންގެ މަސައްކަތުގެ އަގުވަޒަންކުރަން އެނގުން،" ސީއީއޯ ބޯޖަހައިލަމުން ބުންޏެވެ. އެދުވަހު ޒުވާނާ އެތަނުން ނުކުތީ އޭނާގެ ވަޒީފާ ކަށަވަރުވެގެންނެވެ.

ދަރިންނަށް ބޭނުންވާ ކޮންމެ އެއްޗެއް ފަސޭހައިން ލިބޭނަމަ، އެތަކެތި ހޯދުމަށް ކުރަންޖެހޭ ބުރަ މަސައްކަތް އެކުދިންނަށް އިހުސާސް ނުކުރެވިދާނެއެވެ. ތިމާއަކީ ފޯރާ މީހެއް ކަމުގައި ވިޔަސް، ދަރިން ލައްވައި މަސައްކަތް ކުރުވާށެވެ. އޭރުން އެ ކުދިންނަށް މަސައްކަތަށް އިހުތިރާމް ކުރަން ދަސްވެ، ކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި ޒިންމާދާރުކަން އަށަގަންނާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *