Support Us

މާލެ- ޑާކާ ސީދާ ދަތުރުތައް މާޗުގައި އަލުން ފަށަނީ

މެދުކެނޑިފައި އޮތް މާލެއާއި ބަންގްލަދޭޝްގެ ޑާކާއާ ދެމެދު ސީދާ ދަތުރުތައް، އަންނަ މާޗު މަހުގެ 12 ވަނަ ދުވަހު އަލުން ފަށަން މޯލްޑިވިއަނުން ނިންމައިފިއެވެ.

މި ދަތުރުތައް އަލުން ފެށުމަށް ނިންމީ ދިވެހި ދަތުރުވެރިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބަށް ބަލައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކަމަށް ގައުމީ އެއާލައިނުން ބުނެއެވެ.

ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހު ކުރަން ހަމަޖެހިފައިވާ މި ދަތުރުތައް ތާވަލުކުރެވިފައި ވަނީ ފަތިހުގެ ވަގުތުތަކުގައި ޑާކާއަށް ފޯރާގޮތަށެވެ. މީގެ ސަބަބުން ޑާކާ މަގުން އެހެން މަންޒިލްތަކަށް ދަތުރުކުރާ ދަތުރުވެރިންނަށް ލުއިފަސޭހަތަކެއް ލިބޭނޭ ކަމަށް މޯލްޑިވިއަނުން ދެކެއެވެ.

"މި ދަތުރުތައް އަލުން ފަށަނީ ރަމަޟާން މަހުގެ ފަހުކޮޅާ ދިމާކޮށް ކަމަށްވުމުން، ފިތުރު އީދު ބަންދަށް ރާއްޖެއިން ބޭރަށްދާ ދިވެހިންނަށާއި، އަމިއްލަ ގައުމަށް އެނބުރިދާ ބަންގްލަދޭޝްގެ ރައްޔިތުންގެ އިތުރުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެސް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ،" މޯލްޑިވިއަނުން ބުނެއެވެ.

އަދި މިއީ ހަމައެކަނި އެ ދުވަސްވަރަށް އަމާޒުކޮށްގެން ކުރާނެ ދަތުރުތަކެއް ނޫން ކަމަށާއި، މުޅި އަހަރު ދުވަހު މެދުކެނޑުމެއް ނެތި މި ދަތުރުތަކުގެ ހިދުމަތް ފޯރުކޮށްދިނުމަކީ މޯލްޑިވިއަންގެ މުހިންމު އަމާޒެކެވެ.

މި ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 ޑޮލަރަށެވެ. އަދި ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްއިން ބެގޭޖް އެލަވަންސާއި ކެއުމުގެ ހިދުމަތް މި ދަތުރުތަކުގައި ލިބިގެންދާނެއެވެ. މި ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

ޑާކާއަކީ ވިޔަފާރި އާއި އެކި ބޭނުންތަކަށް ދިވެހިން އާންމުކޮށް ޒިޔާރަތްކުރާ މަންޒިލަކަށް ވާއިރު، މިއީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު މަންޒިލެކެވެ. ސީދާ ދަތުރުތައް އަލުން ފެށުމާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދަތުރުވެރިންނަށް އެއްވެސް މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ރާއްޖެއާއި ޑާކާއާ ދެމެދު ދަތުރުތައް އަލުން ފެށުމުގެ އުފަލުގައި، މިމަހު ނުވަ ވަނަ ދުވަހު "ޑާކާ، ވީ ހާޑް ޔޫ"ގެ ނަމުގައި މޯލްޑިވިއަނުން ހާއްސަ މިއުޒިކް ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މުޖުތަމައަށް އަމާޒުކޮށްގެން ބާއްވާ މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ ގުޅުން ރަމްޒުކޮށްދޭ އިޖުތިމާއީ ހަރަކާތެއް ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.