ދުންއަރާ ކަމުގެ ރިޕޯޓެއް ލިބިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމު މިއަދު ދިޔައިރު ގެއަކުން ބޯކޮށް ދުންއަރަމުން ދިޔައެވެ. އެކަމަކު އެއީ އަލިފާނުގެ ހާދިސާއެއް ހިނގައިގެނެއް ނޫނެވެ؛ ބިދޭސީންތަކެއް ކުކުޅު ފިހާތީއެވެ.
މިދިޔަ އަހަރު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގި ގަލޮޅު އަބަދަށް ފެހިމަގުގައި ހުންނަ މި ތަނަކީ ބިދޭސީންނަށް ކާބޯތަކެތީ ޓޭކްއަވޭ ހިދުމަތްދޭ ކެފޭއެއް މަތީގައި ހުންނަ ބަޔެކެވެ. އެތަނުން ދުން އަރަމުން ދިޔައީ އެ ކެފޭގެ މަތީގައި ކުކުޅު ފިހާ ގްރިލްގެ ތެރޭގައި ނާށިއަންދަން ފެށުމުންނެވެ.
އެ ތަނުގެ މީހަކު ކިޔައިދިން ގޮތުގައި މީގެ ކުރިން ވެސް އެމީހުން އެތަނުގައި ކުކުޅު ފިހެއެވެ. އެވަރަށް ދުން އެރީމާ އެމްއެންޑީއެފުން ވެސް މިއަދު ދިޔައެވެ. އެކަމުގެ ސަބަބުން ފަހުން ކުކުޅު ވެސް ނުފިހެވުނު ކަމަށް އޭނާ ބުންޏެވެ.
"މިއަދު ވީގޮތެއް ނޭނގޭ. މާބޮޑަށް ދުން އަރާތީ ފަޔާ ޓީމް ވެސް އައި. އަހަރުން ފެންޖަހައިގެން ދުންގަނޑު ކޮންޓްރޯލް ކުރަންދެން އެމީހުން ތިބި،" ބިދޭސީ މީހާ ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިއަދު މެންދުރު 1:30 ހާއިރު ގަލޮޅު އަބަދަށްފެހި މަގުގައި ހުރި ތަނަކުން ދުންއަރާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް އެ ސަރަހައްދަށް ދިޔައިރު އެތަނުން ދުން އަރަމުންދިޔައީ ކުކުޅު ފިހާތީއެވެ.
"ދުން އަރާތީ ރިޕޯޓް ލިބިގެން ފަޔާ ޓީމް ދިޔައިރު ކެފޭގައި ކުކުޅު ފިހަނީ. އިތުރު ކަމެއް ނުވޭ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ފަޔާ ޓީމުން މީގެ ކުރިން ވެސް މިފަދަ އެތަކެއް ރިޕޯޓްތައް ލިބިގެން ހަރަކާތްތެރިވެފައި އެބަހުއްޓެވެ. ފަޔާ އެންޑް ރެސްކިއު ޓީމު އަބަދުވެސް އޮންނަނީ ދިމާވެދާނެ ހާދިސާއަކަށް ތައްޔާރަށެވެ.



advertisment
One Response
ހެހެހެ….ދުން ނާރާނެ ގޮތަކަށް ކުކުޅު ފިހަން ދަސްކުރަން ފެނޭ…????????