ރާއްޖެ ޕްރޮމޯޓްކޮށް ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކުރަން ވޭސިން ޕޭ ނުވަތަ ދުނިޔޭގެ މާކެޓްގެ އާންމު ނަމުންނަމަ ވީޗެޓް ޕޭ އަދި ވިޒިޓް މޯލްޑިވްސް އާއެކު ބީއެމް.އެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"މި ސްޓްރެޓްޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެއެވެ. އެގޮތުން ރާއްޖެ މާކެޓު ކުރުމާއި ފަތުރުވެރިންގެ އެންގޭޖްމެންޓް އިތުރުކުރުމާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމައިފައެވެ. އަދި ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސްފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުރި ފުރުސަތުތައް ބީއެމްއެލްއާއި ވޭސިންގ ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރަމުންދާނެއެވެ." ބީއެމް.އެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
މީގެ އިތުރުން ބީއެމްއެލް އާއި ވޭސިން ޕޭ ގުޅިގެން ވަނީ ވޭސިން ޕޭ އެކޯސިސްޓަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފައެވެ. މި ސެޝަނުގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިން، ވޭސިން ޕޭ ބޭނުންކޮށްގެން މުދަލާއި ޚިދުމަތަށް ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތަކާއި އެ ޚިދުމަތްތައް ބޭނުންކޮށްގެން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މި ސެޝަނުގެ ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނަށް މައުލޫމާތު ދީ އެކަމާ ގުޅޭ މަޝްވަރާކުރި ކަމަށް ވެސް ބީއެމް.އެލް އިން ބުނެއެވެ.
"ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް އާއި ގުޅިގެން ފަތުރުވެރިންނާއި ވިޔަފާރިތަކަށް ފައިސާދެއްކޭނެ އީޖާދީ އަދި ރައްކާތެރި ގޮތްތައް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. "ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާދެއްކޭ ފަދަ ޓެކްނޮލަޖީތަކާ އެކު ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ. މީގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ ފަތުރުވެރިންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ."
ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ. ބީއެމްއެލްގެ މަރޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މަރޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުޢާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ.



advertisment

