Support Us

ޖޯޖު މައިކަލްއާ ބެހޭ ނޭނގޭ ވާހަކަތަކެއް

މީގެ ނުވަ އަހަރު ކުރިން، 80 އަދި 90 ގެ އަހަރުތަކުގެ ތެރޭގައި މީހުންގެ ހިތްތަކާ ކުޅެލި ޖޯޖު މައިކަލް ދުނިޔެ ދޫކުރި އަޑު ގިނަ ބަޔަކު އެހީ ހިތާމަޔާއެކުގައެވެ. އޭނާ މަރުވީ އުމުރުން 53 އަހަރުގައި، އޭނާގެ ގޭގައެވެ. އެ ދުވަހު މުޅި އިންޓަނެޓު ފުރައިލީ އޭނާގެ އެންމެ މަޝްހޫރު ކެޔާލަސް ވިސްޕަރ އަދި ލާސްޓް ކްރިސްމަސް ފަދަ ލަވަތަކުންނެވެ. ޝައްކެއް ނެތެވެ. އޭނާއަކީ މިއުޒިކީ ދުނިޔެދުށް އާދަޔާ ހިލާފު ރީތި ލަވަތަކެއް ކިޔައިފައިވާ، މޮޅު ލެޖެންޑެކެވެ.

ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން މައިކަލްގެ ނޭނގޭ ފަރާތެއް ހާމަވާން ފެށިއެވެ. އެތައް އަހަރެއް ވަންދެން އޭނާ ސިއްރުސިއްރުން ކޮށްފައިވާ ކަންކަމުގެ ވާހަކަ މީހުން ސޯޝަލް މީޑިޔާގައި ދައްކަން ފެށިއެވެ. ގޯސް ވާހަކަތަކެއް ނޫނެވެ. ނަމަވެސް މީހުންނަށް އޭނާ ކޮށްދީފައިވާ ހެޔޮކަންކަމުގެ ވާހަކައެވެ. މީސްމީހުންނަށް އޭނާ ވަންހަނާކޮށް ކޮށްދީފައިވާ ކަންކަމުގެ އެތައް ވާހަކައަކުން މީހުން އޭނާއާ މެދު ދެކެމުން ދިޔަ ނަޒަރިއްޔާތު ބޮޑުތަނުން ބަދަލުކޮށްލިއެވެ. މަޝްހޫރު ކޮންމެ މީހަކީ ބޮޑާ ކިބުރުވެރި، އެހެން މީހުން ބޭނުންކޮށްގެން މަޝްހޫރުކަން އިތުރަށް ހޯދަން އުޅޭ މީހެއް ނޫންކަން އެނގިގެން ދިޔައެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް އަޑު ފެތުރުނު ވާހަކައަކީ 2008 އަހަރު ޓީވީ ޕްރޮގްރާމް "ޑީލް އޯ ނޯ ޑީލް"ގައި އައިވީއެފް ޓްރީޓްމަންޓެއް ހެދުމަށްޓަކައި ފައިސާ ހޯދުމުގެ އުންމީދުގައި ބައިވެރިވި ލައިނެޓު ގިލާޑުގެ ވާހަކައެވެ. އެ ޝޯގައި އޭނާގެ އެދުމަކީ އޭގެން މޮޅުވެގެން ލިބޭ ލާރިން އައިވީއެފް ހެދުން ކަމަށް ހާމަކުރިއެވެ. ނަމަވެސް އެ ޝޯއިން އޭނާއަށް ލިބުނު 3،000 ޕައުންޑުން އޭނާއަށް އެ ޓްރީމަންޓު ކުރިޔަކަށް ނުގެންދެވޭނެެެވެ. ޖޯޖު މައިކަލް އެ ދުވަހު އެ ޝޯ ބަލަން އިނދެފައި އެ ޝޯގެ ޕްރޮޑިއުސަރަށް ގުޅައި އޭނާގެ ނަން ހާމަ ނުކުރުމަށް އުޒުރުވެރިކުރުވުމަށް ފަހު ލައިނެޓުގެ އައިވީއެފް ޓްރީޓުމަންޓަށް 9،000 ޕައުންޑު ހަދިޔާކުރިއެވެ. ލައިނެޓަށް އޭނާގެ ޓްރީޓްމަންޓު ހެދުމަށް ފައިސާ ހަދިޔާކުރީ ޖޯޖު މައިކަލްކަން އެނގުނީ އޭނާ މަރުވުމަށްފަހުގައެވެ. ލައިނެޓު ޖޯޖުގެ ހެޔޮކަން ބަލައިގަނެ، އައިވީއެފް ޓްރީޓުމަންޓުގެ ސަބަބުން ލިބުނު އެއް ދަރިޔަށް ޖޯޖުގެ ނަމާ ގުޅުވައިގެން ސެތު ލޯގަން ޖޯޖް ހާޓްގެ ނަމުން ނަންދިނެވެ. މި ވާހަކައަށް އާންމުންގެ ފަރާތުން އެހާ ބޮޑު ތަރުހީބެއް ލިބުނީ އެއީ އުފާވެރި ނިމުމެއް އޭގައި އެކުލެވޭ ވާހަކައަކަށް ވީމައެވެ. ނަމަވެސް މިފަދަ އުފާވެރި ނިމުންތަކެއް ނެތް އެތައް ކަމަކަށް ޖޯޖު މައިކަލް ވަނީ އޭނާގެ ވަގުތާ ފައިސާ ހަރަދުކޮށްފައެވެ.

ލަންޑަންގެ އެކްޓިވިސްޓެއް ކަމަށްވާ އެމިލީން މޮންޑޯ، ޖޯޖުގެ މަރަށް ފަހު، އޭނާއާ އެކުގައި ޖޯޖު ހޯމްލަސް ޝެލްޓަރއެއްގައި ގެދޮރުނެތް މީހުންގެ ހިދުމަތުގައި މަސައްކަތްކޮށްފައިވާކަން ހާމަކުރިއެވެ. އެތާނގައި އޭނާ މަސައްކަތްކުރިއިރު އޭނާ ވަނީ އެތާ މުވައްޒަފުން ކައިރީގައި އެއްވެސް މީހަކަށް އޭނާ އެތާނގައި މަސައްކަތްކުރާ ވާހަކަ ނުބުނުމަށް އެދިފައެވެ. އެމީހުން އޭނާގެ އެދުމަށް އޭނާ މަރުވަންދެން ހުރުމަތްކޮށް ހިތިއެވެ. ނަމަވެސް އޭނާގެ މަރަށް ފަހު އެމީހުން އެ މައުލޫމާތު އާންމުންނާ ހިއްސާކުރީ ޖޯޖުގެ މާތް ސިފަތައް މީހުންނަށް އެންގުމަށްޓަކައެވެ. އެމިލީން ބުނި ގޮތުގައި ކެމެރާތަކުން ފޮރުވިގެން ޖޯޖު ގެދޮރުނެތް މީހުންނަށް ކާންދިނުމުގެ ކަންކަމުގައި މަޝްއޫލު ވެގެން އުޅުނު އިރު އޭނާއަކީ މަޝްހޫރުކަން ފަހަތުން ދުވާ މީހެއް ނޫންކަން ސާބިތުވިއެވެ.

ޔޫކޭގެ ކުޑަކުދިންނަށް ކައުންސެލިންގެ ހިދުމަތް ފޯރުކޮށްދޭ ޗައިލްޑްލައިންގެ ބާނީ ޑޭމް އެސްތަރ ރަންޓްޒެން ޖޯޖުގެ މަރަށް ފަހު އެ ޖަމިއްޔާއަށް އެންމެ ގިނަ ފައިސާ ހަދިޔާކޮށްފައިވަނީ ޖޯޖުކަން ހާމަކުރިއެވެ. ޖޯޖުގެ 1996 ވަނަ އަހަރު ނުކުތް "ޖީސަސް ޓު އަ ޗައިލްޑު" ލަވައިން ލިބުނު ހުރިހައި ރޯޔަލްޓީއެއް އޭނާ ހަދިޔާކުރީ އެ ޖަމިއްޔާއަށް ކަމަށާއި ޖޯޖް ވަނީ އޭނާ ހަދިޔާކޮށްފައިވާ ފައިސާގެ އަދަދު ސިއްރުކުރުމަށް އެމީހުން ގާތު އެދިފައި ކަމުގައި އެސްތަރ ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ޖޯޖު ވަނީ އޭނާގެ މިއުޒިކުން ލިބޭ ލާރި އެކި ކަހަލަ ބޮޑެތި ކަންކަމަށް ހަރަދުކޮށްފައެވެ. އެލްޓަން ޖޯންއާ އެކު ރިކޯޑުކުރި "ޑޯންޓް ލެޓް ދަ ސަން ގޯ ޑައުން އޮންމީ" ވަނީ ލަންޑަން ލައިޓް ހައުސް ޗެރިޓީއަށް ހަދިޔާކޮށްފައެވެ. އަދި ޖޯޖް ކުރިން މަސައްކަތްކުރި ވޭމް ބޭންޑުން މަޝްހޫރުކަމަށް އައި "ލާސްޓް ކްރިސްމަސް" އން އޭނާއަށް ލިބުނު އާންމުދަނީވެސް ވަނީ އިތިއޯޕިޔާގެ ކުޑަކުދިން ބަނޑުހައިހޫނުކަމުން ސަލާމަތްކުރުމަށް ހަދިޔާކޮށްފައެވެ.

ޖޯޖް ވަނީ އޭނާގެ މަންމަ ލެސްލީ އަށް ފަރުވާ ދިން ނަރުހުންނަށް ޝުކުރު އަދާކުރުމަށް 2006 ޑިސެމްބަރުގައި ކޮންސެޓެއް ބާއްވައިފައެވެ. އެ ރެޔަކީ ލަވަކިޔަން އެންމެ ބިރުގަތް ރޭކަމުގައި ޖޯޖް ބުނެފައިވެއެވެ. ސަބަބަކީ ޖޯޖް ލަވަ ހުށައަޅައިދިނީ ބަތަލުން ކަމުގައި އޭނާ ދެކޭ މީހުންގެ ކުރިމަތީގައި ކަމުގައިވީތީއެވެ.

ޖޯޖު ގަބޫލުކުރި ގޮތުގައި ނަރުހުންނަކީ އާދަޔާ ހިލާފު ބަޔެކެވެ. އޭނާ ވަނީ ނަރުސްކަން ކިޔަވަމުން ދިޔަ ކުއްޖަކަށް ދައްކަން ޖެހިފައިވާ 5،000 ޕައުންޑުގެ ލޯނެއްވެސް ހަލާސްކޮށްދީފައެވެ.

ޖޯޖު ވަނީ އެކި ގޮތްގޮތުން އޭނާއާ ދިމާވާ މީހުންނަށް ޖެހިފައިވާ ހާލަތު ދެނެގަނެ އެހީވެދީފައެވެ. އެއްދުވަހަކު އޭނާ ވަނތް ކެފޭއެއްގައި އިން އަންހެނެއްގެ ވާހަކަ އަޑުއަހައިފައި އޭނާގެ ދަރަނި ސާފުކޮށްދީފައިވެއެވެ. އަދި ބޭސްފަރުވާއަށް ބޭނުންވެފައި ތިބި މީހުންނަށް އެމީހުންގެ ޓިކެޓު ހަރަދުތައްވެސް ހަމަޖައްސައިދީފައިވެއެވެ.

ލަންޑަންގެ ރޭޑިޔޯ ޕްރެސެންޓަރ މިކް ބްރައުން ބުނިގޮތުގައި ކޮންމެ އީސްޓަރ އެއްގައި އެ ގައުމުގެ ކެޕިޓަލް ރޭޑިޔޯއިން ހުށައަޅައިދޭ "ހެލްޕް އަ ލަންޑަން ޗައިލްޑް" ކެމްޕޭންނަށް ކޮންމެ އަހަރަކު ޖޯޖު މައިކަލް ގުޅައިގެން އެއް ލައްކަ ޕައުންޑު ހަދިޔާކުރެއެވެ. މިކަން ކުރާއިރު އޭނާގެ ނަން ހާމަނުކުރުމަށް ޖޯޖު ތަކުރާރުކޮށް ބުނާ ވާހަކަ މިކް މީޑިޔާއާ ހިއްސާކޮށްފައިވެއެވެ.

މިފަދަ ވާހަކަތަކުން އިންސާނިއްޔަތުކަމާ މެދު ގެއްލެމުންދާ އުންމީދުތައް އާލާވެގެން ދެއެވެ. މި ޒަމާނުގައި ޔޫޓިއުބުންނާއި ޓިކްޓޮކުން މީހުން މަޝްހޫރުކަމުގެ ބޭނުމުގައާއި ލައިކުތަކުގެ ބޭނުމުގައި މީހުންނަށް އެހީވެދޭތަން ދައްކައި އެކަން މީޑިޔާއިން ބްރޯޑުކާސްޓު ކުރާތަން ފެނުމުން އެ އެހީތެރިކަން ފޯރުކޮށްދިން މަގުސަދު އޮޅޭ ގޮތްވެއެވެ. ޖޯޖު މައިކަލްގެ ވާހަކައިން އިހުސާންތެރިކަން އިސްކުރުމާއި މީހުންނަށް އެހީ ފޯރުކޮށްދޭއިރު މަޝްހޫރުކަމަށްޓަކައި ކަންކަން ނުކުރުމުގެ މުހިންމުކަން އަހަރުމެންނަށް ވިސްނެއެވެ. އަދި ހެޔޮކަމެއް ފޯރުކޮށްދިން މީހެއްގެ ހެޔޮކަން އޭނާ ދިރިހުރި އިރު ނޭނގުނު ނަމަވެސް މަރުވުމަށްފަހު ނަމަވެސް އެނގޭނޭކަން ވިސްނިގެންދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *