ދިވެހި ރާއްޖޭގައި މިޒަމާނުގެ ޝިޕިންގެ ހިދުމަތް ފެށުނީ 1948 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ޓްރޭޑިން ކޯޕަރޭޝަން ސިލޯން (އެމް.އެން.ޓީ.ސީ)ގެ ނަމުގައި ސިލޯނުގައި ރަޖިސްޓްރީކުރި ކުންފުންޏަކުންނެވެ. އެ ކުންފުނީގައި އޮތީ ދިވެހި ދައުލަތުގެ 75% އެވެ. ބާކީ 25 ޕަސެންޓް އޮތީ ދިވެހި ދެ ވިޔަފާރިވެރިއަކާއި ސިލޯނުގެ ބައެއް ވިޔަފާރިވެރީންގެ ނަމުގައެވެ. ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގެ ކުރީކޮޅު މޯލްޑިވްސް ނޭޝަނަލް ޓްރޭޑިން ކޯޕަރޭޝަން ސިލޯންގެ ބާކީ 25% ހިއްސާ ދިވެހި ދައުލަތުން ގަނެ، ދިވެހި ދައުލަތުގެ 100% ހިއްސާވާ ކުންފުންޏަކަށް އެ ކުންފުނި ބަދަލު ކުރިއެވެ. ެެ ކުންފުނީގެ ވިޔަފާރި ފުޅާވެ، ޝިޕިންގެ ދާއިރާގައި ކުރިއަރައިގެން ދިއުމުން، އެކަމަށް ހުރަސްއެޅުމުގެ ގޮތުން އެއިރުގެ ސިލޯނު ސަރުކާރުން ތައާރަފް ކުރި ބައެއް ޤަވާއިދުތަކުގެ ސަބަބުން ދިވެހި ސަރުކާރުން އެ ކުންފުނި އުވާލައި، ދިވެހި ރާއްޖޭގެ ޤާނޫނުގެ ދަށުން ރާއްޖޭގައި، ފަސްދޮޅަހުގެ އަހަރުތަކުގެ މެދުތެރޭގައި، އެމް.އެސް.އެލްގެ ނަމުގައި ޝިޕިން ކުންފުންޏެއް ޤާއިމް ކުރިއެވެ.
ރާއްޖޭގެ ބޮޑުވަޒީރުކަން 1957 އިން 1968 އަށް ކުރެއްވި ވެލާނާގޭ އިބްރާހިމް ނާސިރުގެ ބެއްލެވުމުގެ ދަށުން، ކޮލި އަލި އުމަރު މަނިކުގެ މެނޭޖްމެންޓުގެ ދަށުން ފަސްދޮޅަހުގެ އަހަރުތަކުގެ މެދުތެރޭގައި، އެމް.އެސް.އެލް އުފެދި، ކުރިއަރައިގެން އައީ ވަރަށް ބާރު ސްޕީޑުގައެވެ. އަދި 11 ނޮވެމްބަރު 1968 އިން 11 ނޮވެމްބަރު 1978 އަށް، ރާއްޖޭގެ ރައީސްކަން އިބްރާހިމް ނާސިރު ކުރެއްވި 10 އަހަރަކީ އެމް.އެސް.އެލްގެ ރަން ޒަމާނެވެ. އެއިރު އެމް.އެސް.އެލްގައި 55 ވަރަކަށް ބޯޓު އޮތެވެ. މުޅި ފްލީޓްގެ ގްރޮސް ޓަނޭޖް ހުރީ 85،000 ޓަނުން މަތީގައެވެ. އެ ކުންފުނީގައި 700 އަށް ވުރެ ގިނަ ދިވެހީން މަސައްކަތް ކުރަމުންދިޔައެވެ.
މޯލްޑިވް ވިކްޓަރީ، މޯލްޑިވް ސްކިޕާ، މޯލްޑިވް ކޮރަލް އަދި މޯލްޑިވް ސެއިލާރ ފަދަ ބޯޓުފަހަރުގައި، ދެކުނު އޭޝިއާގެ އެންމެ ބޮޑެތި ޝިޕިން ލައިންތަކުގެ ތެރޭ ހިމެނިގެން، އެމް.އެސް.އެލް އިން ހިންގަމުން އައި އޮޕަރޭޝަން ހަލާކުވީ، 1978 ވަނަ އަހަރު ރައީސް ކަމަށް މައުމޫން އަބްދުލް ޤައްޔޫމް ވަޑައިގެން އެމް.އެސް.އެލްގެ ނާޖާއިޒު ފައިދާ ނަންގަވައި، އެ ކުންފުނި ބޭނުންކޮށްގެން ހިންގެވި އެކިއެކި ސިޔާސީ ކަންކަމާ ގުޅިގެން އުފެދުނު ކޮރަޕްޝަނާއި، މިސްމެނޭޖްމެންޓުގެ ސަބަބުންނެވެ. އެމް.އެސް.އެލްގައި ހުރީ މައިގަނޑު ގޮތެއްގައި މުޅިންވެސް ބަލްކް ކާގޯ އުފުލާ ބޯޓުފަހަރަވެ. އަދި 1970 ގެ އަހަރުތަކުގެ ފަހުކޮޅު، ކޮންޓެއިނަރ ކާގޯ ބޯޓުފަހަރުގެ ބާރުގަދަވެގެން އައި އިރު މުސްކުޅި ބަލްކް ކާގޯ ބޯޓުފަހަރު ދޫކޮށް ކޮންޓެއިނަރ ކާގޯ ބޯޓުފަހަރު ގަނެ، ފްލީޓް އައު ކުރުމުގެ ޤާބިލްކަމެއް އެމް.އެސް.އެލްގެ ވެރީންނަކަށް ނުދެއްކުނެވެ. އެއިރުގެ ދިވެހި ސަރުކާރުގެ މިސްމެނޭޖްމެންޓާއި، ކޮރަޕްޝަންގެ ސަބަބުން، ދިވެހި އިގްތިސާދުގެ މައި ނާރުގެ ގޮތުގައި ބިނާކޮށް ކުރިއެރުވެން އޮތް އެމް.އެސް.އެލް ޤުރުބާންކޮށްލީ އެވެ. ކޮންޓެއިނަރ ކާގޯ ބޯޓުފަހަރަށް މުޅި ފްލީޓް ބަދަލުކޮށް އެމް.އެސް.އެލް އަށް އިންވެސްޓް ކޮށްގެން ކުރިއަށް ގެންދިއަ ނަމަ ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމަށް ދޫނުކުރާވަރުގެ އިންޑަސްޓްރީއަކަށް ދިވެހި ރާއްޖޭގެ ޝިޕިންލައިން ވީހެވެ. އަދި ދިވެހި އިގްތިސޯދު ބޭރު މީހުންގެ ނުފޫޒުން ސަލާމަތްކޮށް މިނިވަންކޮށް ބޭއްވުނީހެވެ.
އެމް.އެސް.އެލްގެ އިތުރުން، ރާއްޖޭގެ ބައެއް އަމިއްލަ ވިޔަފާރި ކުންފުނިތަކަކުން ވެސް ޝިޕިން ލައިންތައް ހިންގިއެވެ. އެގޮތުން ހަޒާޝް، ޕްރިވިލެޖް، ލިލީ، ވާދީ، ވިލާ ޝިޕިން ފަދަ ދިވެހި ޝިޕިން ލައިންތައް އެއް ދުވަސްވަރެއްގައި ވަރަށް ފުޅާކޮށް މި ވިޔަފާރީގައި އުޅުނުކަމުގައި ވިއަސް، އިންޑިއާ އާއި ސްރީލަންކާގެ ބަދަރުތަކުގެ ޤަވާއިދުތައް ހަރުކަށިކޮށް، ރާއްޖޭގެ ބޯޓުފަހަރަށް ދަތިވާ ގޮތަށް ޤަވާއިދުތައް ހަދައި، ކުރިމަތިކުރުވި އެކިއެކި ފިއްތުންތަކުގެ ސަބަބުން އެފަދަ ދިވެހި ޝިޕިން ލައިންތައް ޖެހުނީ ހުއްޓާލާށެވެ. ދިވެހި ޝިޕިން އާއި ދިވެހި ރާއްޖޭގެ ވިޔަފާރި ބަނދަރުތަކަށް އަބަދުވެސް ހުރަސް އަޅާފައި ވަނީ ލަންކާ އާއި އިންޑިއާއިންނެވެ.
ނިމިދިޔަ އެމް.ޑީގެ ވެރިކަމުގައި، 2020 ވަނަ އަހަރު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމް.އެސް.އެސް) ގެ ނަމުގައި އުފެއްދި ޝިޕިން ލައިނަކީ މައިގަނޑު ގޮތެއްގައި ބޯޓުފަހަރު ކުއްޔަށް ހިފައިގެން ވަރަށް ކުޑަ ސްކޭލެއްގައި ހިންގާ ޝިޕިން ލައިނެކެވެ. ދިވެހި ރައްޖޭގެ ޝިޕިން ތާރީހުގެ ރަންޒަމާނުގައި އެމް.އެސް.އެލް ހިންގި ފެންވަރަށް ވެސް މިޒަމާނުގައި އެމް.އެސް.އެސް ނުހިންގެއެވެ. އެމް.އެސް.އެސް އަކީ ރާއްޖެއަށް އިގްތިސޯދީ މިނިވަންކަން ހޯދައިދެވޭ ވަރުގެ ޝިޕިން ލައިނެއް ހިންގޭނެ ފަދަ ކުންފުންޏެއް ކަމުގެ އެއްވެސް ނިޝާނެއް މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ދެއްކިފައެއް ނުވެއެވެ. ރައީސް ނާސިރުގެ ވިޔަފާރީގެ ދުރު ވިސްނުމުން، ވޯރާ ވިޔަފާރިވެރީން ރާއްޖެއިން ބޭރުކޮށް ރާއްޖޭގެ ވަރުގަދަ ޝިޕިން ލައިނެއް އުފެއްދެވިއެވެ. ނަމަވެސް 1978 ވަނަ އަހަރު މައުމޫނު އަބްދުލް ޤައްޔޫމް ރައީސް ކަމަށް ވަޑައިގެން ނާސިރުގެ ވިޔަފާރި މޮޑެލް ގަޑުބަޑު ކޮށްލެއްވީ ނާސިރުގެ ހުރިވަރުގެ ވިޔަފާރީގެ ވިސްނުންފުޅެއް މައުމޫނުގެ ނެތުމުންނެވެ.
ރާއްޖެއަށް އެތެރެކުރާ މޭވާ، ތަރުކާރީ، ޕެރިޝަބަލް އެހެނިހެން މުދާ އަދި އާއްމު އެހެނިހެން ކާގޯ ވެސް މިއަދު ދިވެހި ރާއްޖެ އަށް އެތެރެކުރަން މިޖެހެނީ ބޭރުގެ ޝިޕިން ލައިންތައް މެދުވެރިކޮށެވެ. އޭގެ ސަބަބުން މިބޮޑު ވިޔަފާރީގެ މައިގަނޑު ފައިދާ ލިބެނީ ބޭރު ކުންފުނިތަކަށެވެ. މިއީ މިނިވަން އިގްތިސޯދެއް ބިނާ ކުރުމުގައި ރާއްޖެއަށް މިވަގުތު އޮތް އެންމެ ބޮޑު ދެ ގޮންޖެހުމުގެ ތެރެއިން އެއް ގޮންޖެހުމެވެ.
ދެވަނަ ގޮންޖެހުމަކީ ރާއްޖޭގައި ފުރިހަމަ ވިޔަފާރި ބަނދަރެއް ނެތުމުގެ ގޮންޖެހުމެވެ. މާލޭ ވިޔަފާރި ބަނދަރުގެ ކީވޯލް އެހާ ކުރެވެ. އަދި، ކީވޯލްގެ އަޑިން އޮއިދެމޭ ގޮތުން ވިޔަފާރި ބަނދަރުގެ ކީވޯލް އަށް ބޯޓުފަހަރު ކައިރިކޮށްފައި ބާއްވަން ބައެއްފަހަރު ވަރަށް އުދަނގޫވެއެވެ. މީގެ އިތުރުން، ދުނިޔޭގެ އެހެން ބަނދަރުތަކުގައި ހުންނަ ފަދަ ކޮންޓެއިންރ ބާލާނެ އެންމެ ކެރޭނެއް ވެސް މާލޭ ވިޔަފާރި ބަނދަރުގައި ހަރުކޮށްފައެއް ނުހުރެއެވެ. މީގެ ސަބަބުން މާލޭ ބަނދަރަށް މުދާ ބާލަން ޖެހެނީ ބޯޓުފަހަރުގައި ހުންނަ ނިސްބަތުން ކުދި ކެރޭންތަކުންނެވެ. މިއީ ވަރަށް ނާތަހުޒީބު، ވަގުތާއި ހަރަދު ބޮޑު ގޮތެކެވެ. ނަތީޖާއެއްގެ ގޮތުން ވަކި ވަރަކަށް ވުރެ ޓަނޭޖް މަތި އެއްވެސް ބޯޓެއް މާލޭ ވިޔަފާރި ބަނދަރަކަށް ނާދެއެވެ. އަންނަ ކުދި ފީޑަރ ބޯޓުފަހަރު ވެސް ހުސް ކުރެވެނީ އެތައް ދުވަހަކުންނެވެ.
އެމް.ޑީ.ޕީގެ ވެރިކަމުގައި މާލޭ ވިޔަފާރި ބަނދަރު ހިންގަން ޝާހިދު އަލީ ހުންނެވި އިރު ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެސް، އެ ބަނދަރުގެ އޮޕަރޭޝަންސް ރަނގަޅު ކުރެވުނެވެ. ނަމަވެސް ފާއިތުވި ދެތިން އަހަރުގެ ތެރޭގައި މާ ބޮޑު ހިންގުންތެރިކަމެއް ނުފެނެއެވެ. ރައީސް މައުމޫނުގެ ޒައާމަތުން ފެށިގެން، ރައީސް ނަޝީދުގެ ޒައާމަތުގައިވެސް، އަދި ރައީސް ވަހީދާއި، ރައީސް ޔާމީނާއި ރައީސް ސޯލިހުގެ ވެރިކަމުގައި ވެސް އެކަށީގެންވާ އެއްވެސް ތަރައްގީއެއް މާލޭ ވިޔަފާރި ބަނދަރަކަށް ނުގެނެވުނެވެ. ތިލަފުށީގައި ހަދަން ނިންމާފައިވާ ވިޔަފާރި ބަނދަރު ހިންގަން ދުނިޔޭގެ މަޝްހޫރު ބޮޑު ކުންފުންޏެއް ކަމުގައިވާ ދުބާއީ ވޯލްޑުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށް އެއްވެސް ބަޔަކު ނުދަންނަ ފިލިޕީންސް ކުންފުންޏަކަށް ތިލަފުށީ ބަނދަރުގެ މަސައްކަތް ހަވާލުކުރެވުނުކަމީ ވެސް ކުރިމަގަށް އެޅުނު ކަތި ފިޔަވަޅެކެވެ. މި ނިންމުން އަލުން މުރާޖާކޮށް މި މަޝްރޫއުގައި ދުބާއީ ވޯލްޑް ޝާމިލް ކުރުމަކީ ދިވެހިރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތެވެ.
ރަނގަޅު ވިޔަފާރި ބަނދަރެއް ނެތުމުގެ ސަބަބުން އެއްވެސް ބޮޑު ކާގޯ ބޯޓެއް މިހާރު ރާއްޖެއަކަށް ނާދެއެވެ. އިރުމަތީ އޭޝިއާއިން، ޔޫރަޕުން އަދި ދުނިޔޭގެ އެހެން ހިސާބުތަކުން ރާއްޖެ ގެންނަ ކޮންޓެއިނާތައް ގެނެސް އަޅާލަނީ ސިންގަޕޫރު، ނުވަތަ ދުބާއީ ނުވަތަ ލަންކާ ބަނދަރަށެވެ. އެ ހިސާބުން މި ކޮންޓެއިނަރުތައް ރާއްޖެ ގެނެވެނީ ކުދިކުދި ފީޑަރ ވެސެލް ތަކުގައެވެ. މިއީ ރާއްޖޭގެ އިގްތިސޯދީ ދުވެލި ލަސް ކުރާނެ ކަމެކެވެ. އިގްތިސޯދީ މިނިވަންކަން ހޯދުމުގެ ރޭހުގައި ރާއްޖެ ފަހަތަށް ޖައްސާނެ ކަމެކެވެ.
ކުރިމަގަށް ވސްނައިގެން ރާއްޖޭގެ އިގްތިސޯދު ފުޅާކުރާ ކަމުގައި ވަނީ ނަމަ، ހަމައެކަނި މަސްވެރިކަމާއި ފަތުރިވެރިކަމަށް ބަރޯސާވެފައި އޮތް އިގްތިސޯދު ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމެންޓް ދެބަނދަރު ހަދައި، މެދު ރާއްޖެތެރެއިން، ކ.ތިލަފުށީގައި ބޮޑު ބަނދަރެއް ހަދައި، ދުބާއީ ވޯލްޑް ފަދަ ޤާބިލް ބޮޑު ކުންފުންޏަކާ އެތަން ހިންގަން ހަވާލުކޮށް، އެމް.އެސް.އެލްގެ ރަން ޒަމާން އަލުން އިއާދަކޮށް ބިޔަ، ބޮޑު ދިވެހި ޝިޕިން ފްލީޓެއް ހަދަން ޖެހެއެވެ. މިކަން މިގޮތަށް ވިޔަ ނުދޭން، ދިވެހި ވެރީންނަށް ރިޝްވަތު ދީގެން ވިޔަސް އެންމެ ބޮޑު މަސައްކަތެއް ކުރާނީ އިންޑިއާ އާއި ލަންކާއިންނެވެ. މިއީ ސިޔާސީ ކަމެއް ނޫނެވެ. ސީދާ ވިޔަފާރީގެ ހަނގުރާމައެކެވެ! ރާއްޖެ އޮތް ޖިއޮގްރަފިކަލް ލޮކޭޝަނުގެ ސަބަބުން، ރާއްޖޭގައި ވަރުގަދަ ޓްރާންސްޝިޕްމެންޓް ބަނދަރުތަކެއް ހެދިއްޖެ ނަމަ މި ސަރަހައްދުގެ އެންމެ ބާރުގަދަ އިގްތިސޯދަށް ރާއްޖެ ވެ، ސަރަހައްދީ އެހެން ބަނދަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ. ރާއްޖޭގައި ރަނގަޅު ޝިޕިން ލައިނެއް ނެތުމާއި، ރަނގަޅު ބައިނަލްއަޤްވާމީ ފެންވަރުގެ ވިޔަފާރި ބަނދަރެއް ނެތުމުގެ މައިގަނޑު ފައިދާ ނަގަނީ ސަރަހައްދީ އެހެން ޤައުމުތަކުގެ ބަނދަރުތަކުންނެވެ.
ރާއްޖޭގެ އުތުރާއި، ދެކުނާއި، މެދުރާއްޖެތެރޭގައި ބިޔަ ކޮންޓެއިނަރ ޓްރާންސަޝިޕްމެންޓް ބަނދަރު ހަދައި ބޮޑު ޝިޕިން ފްލީޓެއް ހެދުމަކީ ދިވެހި އިގްތިސާދަށް މިވަގުތު އެންމެ ބޭނުން ދެކަމެވެ. އެދެކަން ވިޔަ ނުދޭން ތިބި ބޭރު މީހުންގެ ފިއްތުންތައް ބެލުމެއް ނެތި މި ދެކަން އަވަސް ކުރުމަށް ދިވެހި ސަރުކާރަށް އަޅުގަނޑު ގޮވާލަމެވެ. ވޯރާ ވިޔަފާރިވެރީންގެ ކިބައިން ދިވެހި ޤައުމުގެ އިގްތިސޯދު މިނިވަން ކުރައްވައި، ވަރުގަދަ އަމިއްލަވަންތަ ޝިޕިން ކުންފުންޏެއް އުފެއްދެވުމުގައި ރައީސް ނާސިރު ދެއްކެވި ވިޔަފާރިއާއި އިގްތިސޯދުގެ ތޫނުފިލިކަން މިހާރުގެ ސަރުކާރުން ދެއްކެވުމަކީ ދިވެހީންގެ މިއަދުގެ އުއްމީދެވެ. އެކަން ކޮށްދެއްވާށެވެ.



advertisment

