Support Us

ވާހަކަ: އުމާއަށްޓަކައި- 2

"ނިޝާ އަހަރެންނާ ކައިވެނިކުރަންވީއެއްނު؟" އަޒާން މަޑުމަޑުން ބުންޏެވެ.

"ތިއީ ސީރިއަސްކޮށް ބުނި އެއްޗެއްތަ؟" ނިޝާގެ އަޑުގައި ހުރީ ސީރިއަސްކަމެވެ.

"މިކަހަލަ ވާހަކައެއް އަހަރެން ސަމާސާއަކަށް ނުދައްކާނެކަން އެނގޭދޯ؟" އަޒާން ނިޝާއަށް ބަލައިލަމުން ބުންޏެވެ.

"އަޅޭ އަޒާން. އެނގޭ ދޯ އަހަރެންނަށް ރަޒާން ނޫން މީހެއް ދެކެ އެގޮތަކަށް ލޯތްބެއް ނުވެވޭނޭކަން؟" ނިޝާ ނިތްކުރީގައި އަތް އެޅިއެވެ.

"އަހަރެން ބޭނުމެއް ނޫނޭ ނިޝާގެ ފަރާތުން އެކަހަލަ ލޯތްބެއް،" އަޒާން ބުންޏެވެ. "އަހަރެން ބޭނުންވަނީ އުމާ އަހަރުމެންގެ ހަޔާތުން ނުދާނޭ ގޮތަކަށް ކަންތައް ކުރަން."

"އެކަމަކު އަޒާން. ހަގީގީ ޒަވާޖީ ހަޔާތަކުން ލިބެންޖެހޭ އުފާތައް ނުލިބޭނެކަން އެނގި ހުރެ…" ނިޝާ އަޒާންއަށް ބަލައިލިއެވެ.

"ނިޝާ އަހަރެންނަށް ހެވޭ. އަހަރެންނަށް އެއްވެސް އެއްޗެއް އުންޏެއް ނުވާނޭ. ނިޝާ ދެންމެ ތިބުނީ އެހެން މީހަކާ އިނދެގެން އެމީހެއް ދެކެ ލޯތްބެއް ނުވެވޭނެއޭ. އަހަރެން މިބުނީ އަހަރެންނަށް އެއްވެސް ލޯތްބަކަށް ވުރެން މުހިންމީ އުމާ އަހަރެންނާ ދުރުނުވެ ހުރުމޭ. ދެން ކޮބައި މައްސަލައަކީ؟" އެވަގުތު އުމާ މޫދުން ފަތެއް ހޮވައިގެން އައިސް އަޒާނާ ހަވާލުކުރިއެވެ.

އޭގެ ދެ ހަފުތާ ފަހުން ނިޝާއާއި އަޒާންގެ ކައިވެނި ކުރިއެވެ. އެ ވާހަކަ އިރާޝާއާ ހަމައަށް ދިޔުމުން އެ ދެމީހުންނަށް މަލާމާތްކޮށްފައި ފޯނަށް މެސެޖުތައް ފޮނުވަން ފެށިއެވެ. ނަމަވެސް އެ ދެމީހުން އެ ނިންމުމަށް އަޒާންގެ މަންމައާއި ނިޝާގެ ގޭ މީހުންވެސް ތާއީދުކުރިއެވެ. ނިޝާއާއި އަޒާނަކީ އެންމެ ކުޑައިރުން ފެށިގެންވެސް ގާތް ރަހުމަތްތެރިން ވެފައި އެ ދެމީހުންގެ ހިތުގައި އެކަކު އަނެކަކާ ދެމެދުގައި ކުލުނާއި ހަމްދަރުދީ އޮންނަކަން އެންމެންނަށް ވެސް އެނގެއެވެ. އެ ދެމީހުންގެ މެދުގައި ވެވިފައިވާ އެއްބަސްވުމެއް އެއްވެސް އިތުރު މީހެއް ކައިރީގައި ކިޔައިދޭކަށް އެމީހުން ނަހަދައެވެ.

ފެންނަ ފެނުމަށް ދެމީހުންގެ ދޭތެރޭގައި އޮންނަނީ ވަރަށް އޮމާން ގުޅުމެކެވެ. ކައިވެނިކޮށްގެން ދެމީހުން ދިރިއުޅެން ފެށީ އެއް ކޮޓަރިއެއްގައެވެ. ފިރިއަކަށް ކޮށްދޭން ޖެހޭ ހުރިހައި ކަމެއް ނިޝާ އަޒާނަށް ކޮށްދޭން ފެށިއެވެ. އަޒާން އެއްވެސް ކަމެއް ވައްޓައިނުލައި ނިޝާއާއި އުމާގެ ކަންތައް ބަލަހައްޓަމުން ގެންދިޔައެވެ. ނަމަވެސް ފަރުދާގެ ފުރަގަހުގައި ދެމީހުންގެ ދެމެދުގައި އެއްވެސް އަނބިފިރިކަމުގެ ގުޅުމެއް ނޯވެއެވެ. ދެމީހުން އެއް އެނދެއްގައި ނިދިޔަސް ނިދަނީ އެކަކު އަނެކަކަށް ފުރަގަސް ދީގެންނެވެ. އެކަކު ފެންވަރާ، ހެދުން ބަދަލުކުރާ ގަޑީގައި އަނެކަކު ބޭރަށް ނުކުމެއެވެ. ދެމީހުންގެ ވެސް މައިގަނޑު މަގުސަދަކީ އުމާއަށް ޓަކައި ދެމީހުން އެކުގައި އުޅުމެވެ.

އުމާގެ އުމުރުން ފަސް އަހަރުގައި ހަލީމާގެ ދައްތަ ދެކިލުމަށްޓަކައި މެލޭޝިއާއަށް ކުރި ދަތުރެއްގައި އޭނާ އުމާ ގެންދިޔައެވެ. އެއީ އުމާގެ ހަޔާތުގައި އެންމެ ފުރަތަމަ ފަހަރަށް އޭނާގެ މައިންބަފައިންނާ ދުރަށް އޭނާ ދިޔަ ފަހަރެވެ. އެ ދުވަހު އެމީހުން ފުރުވަން އެއަރޕޯޓަށް ގޮސްފައި ގެއަށް އައިސް ވެރިވެފައިވާ ފަޅުކަން އިހުސާސުކުރެވި ނިޝާއާއި އަޒާނާ ދެމީހުން ގަބުކައިފައި އިރުގަނޑަކު ތިއްބެވެ. އެ ދެމީހުންގެ ދިރިއުޅުން ވަށައި އެނބުރެނީ އުމާގެ ވަށައިގެން ކަމަށް ވީމާ، އުމާ ނެތުމުން ދެން ކުރަންވީ ކީތްކަންވެސް އެ ދެމީހުންނަކަށް ނޭނގުނެވެ.

"ހިނގާދޯ ފިލުމެއް ބަލައިލަން؟" އޭގެ އަނެއް ރޭ ކައި ނިންމައިފައި އަޒާން ބުންޏެވެ.

ދެމީހުން ބަލަން ޖައްސައިލީ މަޖާ ފިލުމެކެވެ. ނަމަވެސް ފިލުމުގެ މެދުތެރެއިން އަޒާންގެ ފޯނަށް މެސެޖެއް އައެވެ. އެ މެސެޖު އައުމުން އަޒާން ފޯނަށް ބަލައިލައިފައި ހިނިތުންވެލިތަން ނިޝާއަށް ފެނުނެވެ. އެހެން ނޫނީ ނިޝާގެ ދިރިއުޅުމުގެ ކަންތައް ރޭވިފައި ހުންނަނީ އަޒާންގެ ފަރާތުން އެކަހަލަ ކަމެއް ފެންނަ ކަހަލަ ގޮތަކަށެއް ނޫނެވެ. އޭނާ އަޒާނާށް އެ ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އެވަގުތު އަޒާންގެ މޫނުމައްޗަށް އައި ކުލަވަރުގެ ސަބަބުން މެސެޖުކުރީ ކާކުތޯ ބަލައިލަން ނިޝާ ބޭނުންވިއެވެ.

"ކާކު؟" ނިޝާ ނޫންގޮތަކަށް އަހައިލިއެވެ.

"އޮފީސް ފްރެންޑެއް،" އަޒާން މެސެޖެއް ކޮށްފައި ފޯނުދުރުގައި ބާއްވައިލައިފައި ފިލުމު ބެލުމައިގެން ކުރިޔަށް ދިޔައެވެ. ނިޝާގެ ހިތަށް ކުއްލިއަކަށް ލޮޅުމެއް އެރިއެވެ.

"އަންހެން؟" ނިޝާ އަހައިލިއެވެ.

"އާނ،" އަޒާންގެ ސަމާލުކަން ހުއްޓިފައި ހުރީ ފިލުމަށެވެ. އެ ފިލުމުން އައި މަޖާ މަންޒަރެއް ފެނިފައި ހޭންފެށިއެވެ.

ނިޝާއަށް އޭނާއަށް އެ އިހުސާސުވީ ކޯއްޗެއް ކަމެއް ނުވިސްނުނެވެ. އެކަމަކު އަޒާންގެ އަމަލުގެ ސަބަބުން އޭނާއަށް އުނދަގޫވެއްޖެކަން އެނގުނެވެ. އޭނާ ޓީވީގެ ރިމޯޓު ނަގައިފައި ޓީވީ ޕޯސްކޮށްލިއެވެ. އަޒާން ސުވާލުން ފުރިފައިވާ ނަޒަރަކުން ނިޝާއަށް ބަލައިލިއެވެ.

"ކިހާ ގާތް ރައްޓެއްސެއް؟" ނިޝާ އަހައިލިއެވެ. އެއީ ދެމީހުން ކައިވެނި ކުރި ފަހުން ދުވަހަކުވެސް މި ގޮތަށް ވާހަކަ ދައްކައިފައެއް ނުވެއެވެ.

"ކީއްވީތަ؟" ނިޝާ އެގޮތަށް ސުވާލުކުރުމުން އަޒާނާށް އިނީ ވާނުވާ ނޭނގިފައެވެ.

"ތިހާ ހެވިފައި މެސެޖަށް ޖަވާބު ދިނީމައި ހަމަ ސުވާލު އުފެދުނީ،" ނިޝާ ބުންޏެވެ.

"މައްސަލައެއްތަ؟"ނިޝާގެ އަޑުގައިވާ ހިތްހަމަނުޖެހުމުގެ ސަބަބެއް އަޒާނަކަށް ނުވިސްނުނެވެ.

"މައްސަލައަކަށް ވާންޖެހޭ ކަމެއް އެބައޮތްތަ؟" ނިޝާ ސުވާލުކުރިއެވެ.

"މައްސަލައަކަށް ވާނީ ކޮންކަމެއްތަ؟" އަޒާން ވިއްދައިފައި ސުވާލުކުރިއެވެ.

"އެއީ ވަރަށް ހާއްސަ މީހަކީތަ؟" ނިޝާގެ ހިތުގައި ނޭނގޭ އަލިފާނެއް ރޯވެ އަނދަން ފެށިއެވެ.

"ހާއްސަ ވިޔަސް ނުވިޔަސް އަހަރެން ކޮށްފަ ނުކުރާނެ ކަންތައް ނިޝާއަށް އެނގޭނެދޯ؟" އަޒާނަށް ނިޝާގެ މޫނުމަތިން އެ ފެންނަމުން ދިޔަ ކުލަވަރުގެ ދެނެގަންނަން އުނދަގޫވިއެވެ.

އޭނާގެ ޖަވާބު އިވުމުން ނިޝާ އަލުން ރިމޯޓުން ފިލުމު ޕްލޭކޮށްލިއެވެ. ނަމަވެސް ދެމީހުން ކުރެން އެކަކަށް ވެސް ދެން އެ ފިލުމަކަށް ސަމާލުކަމެއް ނުދެވުނެވެ. ނިޝާގެ ހިތުގައި ނޭނގޭ ތަދެއް ލެވިއްޖެއެވެ. އަޒާންގެ ހަޔާތުގައި ހާއްސަ މީހެއް ހުރިކަން އޭނާއަށް އެނގިއްޖެއެވެ.

އެރޭ ދެމީހުން ނިދަން އަރައި އެކަކު އަނެކަކަށް ފުރަގަސް ދީގެން ތިބިއިރު ދެމީހުންގެ ސިކުނޑީގެ ތެރޭގައިވެސް އެނބުރެމުން ގެންދިޔައީ އެރޭގެ ހާދިސާއެވެ. އަޒާނަށް އޭނާގެ އަމަލުތަކުގެ ސަބަބުން ނިޝާއަށް އުނދަގޫ ވެއްޖެކަން އެނގުނެވެ. ނަމަވެސް އެއީ ކީއްވެ ހެއްޔެވެ؟

"ނިޝާ،" އަޒާން ،ނިޝާއާ ދިމާލަށް އެނބުރިފައި މަޑުމަޑުން ގޮވައިލިއެވެ.

ނިޝާ ވެސް އަޒާނާ ދިމާލަށް އެނބުރުނެވެ. ކޮޓަރިއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން އެކަކު އަނެކަކުގެ މޫނު ނުފެނުނަސް އެކަކު އަނެކަކަށް ތިބެވުނީ ކުރިމަތިލައިގެންކަން އެނގެއެވެ.

"ކިހިނެތްތަ މިރޭ އެވީ؟" އަޒާން ސުވާލުކުރިއެވެ.

"ނޭނގެ،" ނިޝާއަކަށް އަދިވެސް އޭނާގެ ހިތުގައި ލެވުނު ތަދުގެ ސަބަބެއް ނުވިސްނެއެވެ.

"ކީއްވެތަ އެހައި ސުވާލުކުރީ؟" އަޒާން އަނެއްކާވެސް މަޑުމަޑުން އަހައިލިއެވެ.

"ބުނީމެއްނު ހާއްސަ މީހަކު ހުއްޓަސް އަޒާން ނުކުރާނޭ ކަންތައް އަހަރެންނަށް އެނގޭނޭ. ދެން އެ ނިމުނީއެއްނު،" ނިޝާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

"ނިމުނީތަ؟ ކީއްވެގެންތަ ނިޝާގެ އަޑުން ކޮންމެވެސް އެހެން ކަމެއް ވެއްޖޭ މަށަށް މި ހީވަނީ؟" އަޒާނަށް ނިޝާގެ އަޑުގައި ވާ ރިހުން އިވުނެވެ.

"ކޮން ކަމެއްތަ ހާއްސަ މީހަކާ އެއްކޮށް ތިކުރަނީ؟" ނިޝާ އަހައިލިއެވެ.

"ކަމެއް ނުކުރަމޭ. އޭ ހަމަ އޮފީހުގައި އުޅޭ ކުއްޖެކޭ. އޭނާ ސަމާސާކޮށްފައި މެސެޖުކުރާނެ އެހެން އުޅެފައި. އެ ނޫން އެއްވެސް ކަމެއް ނުވޭ. ނިޝާ އަހަރެން މި ކައިވެނީގެ މަތީގައި ދެމިހުރިހައި ދުވަހަކު އެކަހަލަ އެއްވެސް ކަމެއް ނުކުރާނަމޭ،" ނިޝާއަށް ވިސްނައިދެވޭތޯ އަޒާން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާގެ ވާހަކަ އަހައިފައި ނިޝާގެ ހިތުގައި އިތުރަށް އަލިފާން ރޯވީއެވެ.

"އަޒާން އޭނާ ދެކެ ލައިކުވޭތަ؟" ނިޝާ އަހައިލިއެވެ.

"ތިއީ ކޮންކަހަލަ ސުވާލެއް؟" އަޒާނަކަށް އެ ސުވާލުގެ މަގުސަދެއް ނުވިސްނުނެވެ.

"ގުޑް ނައިޓް އަޒާން،" އަނެއް ފަރާތަށް އެނބުރެމުން ނިޝާ ބުންޏެވެ. އިތުރަށް އެވާހަކަ ދައްކާކަށް ކެތެއް ނުވިއެވެ. އޭނާއަށް މިހެން މިވަނީ ކީއްވެގެން ކަމެއް ނުވިސްނުނެވެ.

އަޒާންގެ ސިކުނޑި ފަޅައިގެން ދާވަރަށް ސުވާލުތައް ގިނަވިއެވެ. ނިޝާގެ އަތުގައި ހިފައިފައި އޭނާއާ ދިމާލަށް އަނބުރައިލަން އަޒާން މަސައްކަތްކުރިއެވެ. އެއީ މުޅި ކައިވެނީގައިވެސް އޭނާ ނިޝާގެ ގައިގައި އަތްޖައްސައިލި ފުރަތަމަ ފަހަރެވެ.

އަޒާން ބީހިލުމުން ނިޝާގެ ގައިން ހީބިހި ނަގައިގަނެގެން ދިޔައީ ކީއްވެގެން ކަމެއް ނިޝާއަކަށް ނުވިސްނުނެވެ.

"ނިޝާ. ކިހިނެތްތަ ވެގެން ތިއުޅެނީ. އަހަރެންނަށް ސާފުކޮށް ކިޔައިދީބަލަ!" އަޒާންގެ އަޑުގައި ވަނީ އާދޭހުގެ ރާގެވެ.

އިރުގަނޑެއް ވަންދެން ނިޝާ އެއްޗެކޭ ނުބުނެ މަޑުކުރިއެވެ. ކޮޓަރީގައި ހަރުލައިފައި ހުރީ އެދެމީހުންގެ ނޭވާގެ އަޑެވެ.

"ނޭނގެ އަޒާން. އަޒާން މީހަކާ އެކުގައި ކަމެއް ނުފަށަނީ މި ކައިވެންޏަށް ކުރާ އިހުތިރާމަކުންނޭ ބުނީމައި އަހަރެންނަށް އުނދަގޫވަނީ."

"އެއީ ރަނގަޅު ގޮތެއް ނޫންތަ؟ އޭގައިވާ މައްސަލައަކީ ކޮބައިތަ؟" އަޒާން ސުވާލުކުރިއެވެ.

"އަހަރެންނަށް އިހުސާސުކުރެވެނީ އަޒާން ހިތް ބޭނުންވަނީ އެހެން ކަމެކޭ،" ވަރަށް ގިނަ އިރުވަންދެން އެއްޗެކޭ ނުބުނެ އޮވެފައި ނިޝާ ބުންޏެވެ. އޭނާގެ އަޑު ކަރުގައި އަޅައިގަތެވެ. އޭނާއަށް އަޒާންގެ ހިތުގައި އެހެން މީހަކަށް ޖާގައެއް އޮތްކަން އެނގުމުން އުނދަގޫވިކަން އެނގުނީ އެ ހިސާބުންނެވެ.

"އަހަރެންނަށް އިހުސާސު ކުރެވުނީ، މި ކައިވެނީގެ މަތީގައި އަޒާން ހުއްޓަސް… އަޒާންގެ ހިތް ބޭނުންވަނީ އެހެން ކަމެކޭ،" ނިޝާގެ އަޑުވަނީ އޭނާއަށް އިހުސާސުކުރެވޭ ޖަޒުބާތުން ފޯވެފައެވެ.

ނިޝާ ބުނި އެތި އަހައިފައި އަޒާން ހަމަހިމޭން ވެލިއެވެ. ނިޝާ އެބުނި އެތީގައި ފޮރުވިފައިވާ މާނަ އޭނާއަށް ސާފުކޮށް ނަގައިގަނެވުނެވެ. ނިޝާގެ އަޑުގައި އެކުލެވިފައިވާ އަސަރުން އޭނާގެ ހިތަށް އެއްހާސް ތީރު ހެރުނު ފަދައެވެ. އެރޭ ދިމާވި ކަންތަކުގެ ފަހަތުގައި ފޮރުވިފައިވާ ކެކުޅުމަކީ ހަމަ އެކަނި ނިޝާގެ ހިތުގައި އުފެދުނު ކެކުޅުމެއް ނޫންކަން އަޒާނަށް ވިސްނުނެވެ. އެ ހުރިހައި ކަމެއްގެ ސަބަބުން އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރުގެ ރާޅު ހިތުން ބަންޑުންވެ، އޭނާގެ މުޅި ހަށިގަނޑުގެ ތެރޭގައި ދައުރުވާން ފަށައިފިއެވެ.

އަޒާން މަޑުމަޑުން ނިޝާގެ ކޯތާފަތުގައި ފިރުމައިލިއެވެ.

"ނިޝާ، އަހަރެންގެ ހިތް ބޭނުންވަނީ ކޮންކަމެއްތަ؟"

ނިޝާ އޭނާގެ ހިތުގައި ރޯވެފައިވާ ލޯބީގެ އަލިފާންގަނޑުން މިންޖަކަށް އެދި އޭނާގެ ފިރިމީހާގެ އަތުގެ ތެރެއަށް ވަދެ ބޮނޑިވެގަތެވެ. އަޒާން އޭނާގެ ގަޔާލައި ނިޝާ ބޮނޑިކޮށްލިއެވެ. އެވަގުތު ދެން އިތުރަށް ވާހަކައިން ބުނެދެވޭނޭ އެއްޗެއް ނެތްކަން އެ ދެމީހުންނަށް ވެސް އެނގުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *