ނިޝާއަކީ ރަޒާންގެ ކޮއްކޮ އަޒާންގެ އެންމެ ގާތް ރަހުމަތްތެރިއެއްގެ ގޮތަށް އެގެއަށް އަންނަން ފެށި ކުއްޖެކެވެ. އެ ގެއަށް އަންނަން ފެށި ދުވަހުން ފެށިގެން ނިޝާ އަބަދުވެސް ރަޒާން ރީތިވެގެން އެ ވާހަކަ ދައްކައެވެ. އެކަމަކު އޭރު އެއްވެސް މީހަކު ރަޒާން ނިޝާއާ ގުޅިދާނެއެކޭ ހިތަކަށް ނާރައެވެ. ސަބަބަކީ ރަޒާނަކީ އޭނާއަށް ވުރެން އުމުރުން ދޮށީ އަންހެނުން ފަހައި ދުވަމުން ގެންދިޔަ ލާނެތް ސޮރެކެވެ.
ނިޝާއާއި ރަޒާން ގުޅުމުން އެކަމާ އެންމެ އުފާ ފާޅުކުރީ އަޒާނެވެ. އޭނާގެ އެއްބަނޑު އެއްބަފާ ރަޒާން ފިޔަވައި އެހެން ކުއްޖެއް ނެތުމުން ރަޒާން ގެއަށް ކައިވެނިކޮށްގެން ގެންނަ މީހާއަކީ އޭނާއާ ގުޅިގެން އުޅޭނޭ މީހަކަށް ވާން އޭނާ ވަރަށް ބޭނުންވިއެވެ. އޭރު އަޒާން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެ ގްރޫޕުގައި އުޅޭ އިރާޝާއާ އެވެ. އިރާޝާއަކީ ނިޝާގެ ވެސް ވަރަށް ގާތް ކުއްޖެކެވެ.
ސުކޫލު ނިމިގެން އިތުރަށް ކިޔަވަން ނަހަދައި ނިޝާ ރަޒާނާ ކައިވެނީގެ ގޮތުން ގުޅުނެވެ. އަޒާންއަށް ސަރުކާރުން ސްކޮލަރޝިޕެއް ލިބިގެން ބޭރަށް ކިޔަވަން ދިޔައެވެ. އަޒާން ކިޔަވައި ނިމިގެން އައީ އޭގެ ހަތަރު އަހަރު ފަހުންނެވެ. އޭރު ނިޝާ އިނީ އޭނާއާއި ރަޒާންގެ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ.
އަޒާންގެ ކައިވެނި އިރާޝާއާ ކުރަން މަހަކަށް ވެފައި ވަނިކޮށް އެ އެންމެންގެ ހަޔާތަށް ކަޅު ތޫފާނެއް ލައިގަތެވެ. މަސައްކަތުގެ ކަމެއްގައި ތަނެއްގެ މައްޗަށް އަރައިގެން އުޅުމުގެ ތެރޭގައި މަތީ ފްލޯއަކުން ވެއްޓި ރަޒާން މި ދުނިޔެ ދޫކޮށްފިއެވެ. މުޅި އާއިލާއަށް ކުރިމަތިވި ހިތާމައިގައި އަޒާން ކައިވެނިނުކޮށް ދުވަސްކޮޅަކަށް ފަސް ޖައްސައިލަން ނިންމިއެވެ. އަދި އޭނާގެ ބޭބެ ގޭގައި އަދާކުރަމުން ގެންދިޔަ ޒިންމާތަކާ ހަވާލުވެވޭތޯ މަސައްކަތްކުރިއެވެ.
ރަޒާން ދުނިޔެ ދޫކުރިތާ ތިން މަސް ފަހުން ނިޝާ އަންހެން ކުއްޖަކު ވިހެއެވެ. އޭނާއާ ރަޒާންގެ ދަރިފުޅު އުމާ ވެގެން ދިޔައީ އެމީހުންގެ ދިރިއުޅުމުގެ އުންމީދީ ހުޅުކޮޅަކަށެވެ.
އެންމެ ފުރަތަމަ އެއްވެސް މީހަކު ނިޝާ އެގޭގައި އުޅޭތީ މައްސަލައެއް ނުޖައްސައެވެ. އޭނާއަކީ ރަޒާންގެ ހުވަފަތް އަނބިމީހާވެފައި ރަޒާންގެ ދަރިފުޅުގެ މަންމައަށް ވުމުން އެއީ އެކަންތައް އޮންނަން ޖެހޭ ގޮތްކަމުގައި އެންމެން ދުއްޓެވެ. ނަމަވެސް އުމާއަށް އެއް އަހަރު ވާން ކައިރިވުމުން މީހުން އެކަމާ ވާހަކަ ދައްކަން ފެށިއެވެ.
"އެކަމަކު އޭނާ ދެން ކައިވެންޏެއް ނުކުރާނީތަ؟" ރަޒާން މަރުވިތާ ދުވަސްކޮޅެއް ފަހުން އެ ގެއަށް ރަޒާންގެ މަންމަ ހަލީމާއާ ބައްދަލުކޮށްލަން އައި ޒުހައިރާ އަހައިލިއެވެ.
"މަށަކަށް ހިޔެއްނުވޭ އޭނާ އެހާ އަވަހަކަށް މީހަކާ އިންނަން ވިސްނާނެހެނެއް. އެ ދެމީހުން އުޅުނީ ވަރަށް ލޯބިންނޭ. އަހަރެންވެސް މޫސަ މަރުވިފަހުން މީހަކާ އިންނާކަށް ހިޔާލެއް ނުކުރަމެއްނު،" ހަލީމާ ގުޑުގުޑާ ދަމައިލަމުން ބުންޏެވެ.
"އެކަމަކު ހަލީމާ. ކޮންމެ މީހަކު ހަލީމާ ގޮތަކަށް ނުވާނެދޯ؟ އެވާހަކަ ނުދައްކައި ހުއްޓާ އޭނާ އެހެން މީހަކާ އިނދެފިއްޔާއޯ؟ އޭނަ އިންނަ މީހާ ދޯ އޭނާގެ ދަރީގެ މައްޗަށް ބާރު ހިންގާނީ. އެމީހާ އެ ދަރިޔާ ދޭތެރޭ ކުލުނު ބަހައްޓާނެތަ؟" ޒުހައިރާއަކީ ވަރަށް ޑްރާމާ ބަލައި މީހެއްކަން ހަލީމާއަށް އެނގުނަސް އޭނާގެ އެ ދައްކަނީ ތެދު ވާހަކައެއްކަން އޭނާ ގަބޫލުކުރިއެވެ.
"ދެން އަހަރުމެންނަކަށް އޭނާ މީހަކާ އިންނަން ބޭނުން ވެއްޖެނަމަ އެކަމެއް ނުހުއްޓުވޭނެދޯ؟" ހަލީމާ ގުޑުގުޑާ ދަމައިލަމުން ބުންޏެވެ. "ދެން ޒުހައިރާ ލަފަޔަކީ ކޮބައި؟"
"ކޮންކަމެއްގައި ޒުހައިރައްތަގެ ލަފަޔަށް ތި އެހީ މަންމާ؟" ހަލީމާ އެހެން ބުނި ވަގުތާ އެތަނަށް އަޒާންއަށް އާދެވުނު ގަޑި ދިމާވިއެވެ. އަޒާން އޭރު ހުރީ ތުއްތު އުމާ އުރައިލައިގެންނެވެ.
"މި ދައްކަނީ މި ހިސާބުގަނޑު އެންމެންވެސް މިހާރު ދައްކައި ވާހަކަ ދަރިފުޅާ. ކޮންމެވެސް އެއްދުވަހަކުން ނިޝާ މީހަކާ އިނދެފިއްޔާ އުމާއަށް ވާނީ ކިހިނެތް ހެއްޔޭ؟" ހަލީމާ ތެދުވެފައި އަޒާންގެ އުރުގައި އިން އުމާ އުރައިލަން އަތްދިއްކޮށްލިއެވެ. ތުއްތު އުމާ އޭނާގެ މާމަގެ ކައިރިޔަށް ދިޔައެވެ.
"ނިޝާ ތިކަހަލަ ކަމަކު ހިޔެއް ނުވޭ އުޅޭނެ ހެނެއް މީން ޒަމާނެއްގައި،" އަޒާން ޔަގީން ކަމާއެކުގައި ބުނެލިއެވެ.
"އެކަމަކު އެއީ ރަނގަޅުގޮތެއް ނޫންދޯ؟" އެރޭ އަޒާން އިރާޝާއާ ބައްދަލުކުރަން އެގެއަށް ދިޔަ ގަޑީގައި އެދުވަހު ދެކެވުނު ވާހަކަ ކިޔައިދިނުމުން އިރާޝާ ބުންޏެވެ.
"ކޮންގޮތެއް ރަނގަޅު ނޫނީ؟" އަޒާން ސުވާލުކުރިއެވެ.
"ތާ އަބަދު ތިގޭގައި އޭނާ އެގޮތަށް މީހަކާ ނީނދެ ދިރިއުޅޭކަށް،" އިރާޝާގެ އަޑުގައި ހުރި ނުރުހުމުގެ ރާގު އަޒާންއަށް ސާފުކޮށް އަޑުއިވުނެވެ.
މިފަހަކަށް އައިސް އިރާޝާއަށް އަޒާން ކަންތައް ކުރާގޮތުން ހުންނަނީ އުނދަގޫވެފައެވެ. އޭނާ ކައިވެނީގެ ވާހަކަ ނަގައިގެން ދައްކަން އުޅޭ ކޮންމެ ފަހަރަކު އަޒާން އެކަންތައް ފަސްކުރަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އިރާޝާއަށް ވިސްނެނީ އަޒާން އެގޮތަށް ކަންތައް ކުރަނީ އެ ދެމީހުންނަށް ލިބޭ ދަރިޔެއްގެ ސަބަބުން އުމާއަށް އޭނާ ދެމުން އަންނަ ލޯތްބަށް ބަދަލެއް އައިސްފާނެތީ ކަމަށެވެ.
"ދެން އޭނާ މީހަކާ އިނދެގެން ދާންވީއޭތަ ތިބުނީ؟" އަޒާން ސުވާލުކުރިއެވެ.
"ނިޝާ ވެސް ވަރަށް ޅަ ދޯ؟ އާ ދިރިއުޅުމެއް ފަށައިގަންނާކަށް އުނދަގުލެއް ނުވާނެދޯ؟" އިރާޝާ ބުންޏެވެ.
"ދެން އޭރުން އުމާއަށް ވާނީ ކިހިނެތް؟" އަޒާން އަހައިލިއެވެ.
"އުމާ އޭނާގެ މަންމައާ އެކުގައި ދާނީއެއްނު؟" އިރާޝާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އަޒާންގެ އެތެރެއިން ރުޅި އަންނަމުން ދިޔައެވެ. އޭނާގެ ހިތުގައި އުމާއާ މެދުގައި އޮތް ލޯބި އިރާޝާއަށް ނުވިސްނޭނެކަން އެނގޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އުމާއަކީ އޭނާގެ ބޮޑުބޭބޭ ދަރިޔެއް ނަމަވެސް، ކަން ދިމާކުރިގޮތުން އުމާ ވިހެއީ އޭނާގެ އަތްމައްޗަށެވެ. ގޭގައި އުޅޭ ހުރިހައި ވަގުތެއް ހޭދަކުރަނީ އުމާއާ އެއްކޮށެވެ. އޭނާ ބޮޑުވާތަން ފެނުމަކީ އަޒާންއަށް ލިބޭ އުފަލެކެވެ. ފަހުރެކެވެ. އެ ފުރުސަތު އޭނާގެ ކިބައިން ނިގުޅައިގަންނަ ފަދަ ކަމެއް ދިމާވެދާނެތީ އޭނާ ވަރަށް ބިރުގަނެއެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި އޭނާ އެހެން މީހަކާ އިނދެގެން ދަރިޔަކު ލިބުމުން އޭނާގެ ސަމާލުކަން އެ ކުއްޖާއަށް ދިނުންވެސް ހިމެނެއެވެ.
"ދެން ތި ވާހަކަ ނުދައްކާ" އަޒާން އިރާޝާ ދައްކަމުން ދިޔަ ވާހަކަ ހުއްޓުވައިލިއެވެ.
"ދެން ކޮން ވާހަކައެއްތަ ދައްކަން ވީ؟" އިރާޝާ ގާތަށް ރުޅިއައެވެ. "މިހާރު ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް ހަމަ ބުނަނީ ތިހެން."
"އަހަރެން ބުނެފިންދޯ އިރާޝާ ކައިރީގައި އިހަށް ދުވަސްކޮޅެއް މަށަށް ދޭށޭ،" އަޒާން ވިސްނައިދޭން މަސައްކަތްކުރިއެވެ.
"އަހަރެންގެ އުމުރުން ހަމަ ދުވަހަކަށް ފަހު ދުވަހެއް ބޭކާރުވަނީއޭ އަޒާން. އަޒާން ކިޔަވައި ނިމިގެން އަންނަންދެންވެސް އަހަރެން މަޑުކުރީ. މިހާރުވެސް މި މަޑުކުރަނީ. މިހާރު އަހަރެންގެ އުމުރުގެ ގިނަ މީހުން މީހުންނާ އިނދެގެން ދަރިން ހޯދައިފިއޭ،" އިރާޝާ ޝަކުވާ ކުރިއެވެ.
"ބުނެފިންދޯ އަދި އިނދެވޭކަށް ނެތް. ލޯބި ނުވާތީ ކީ ނޫން. އެކަމަކު އުމާއަށް.."
"އުމާ، އުމާ، އުމާ. އަބަދު އުމާ. އަޒާންގެ ބޭބެ ދަރިފުޅަށްޓަކައި އަހަރެންގެ ދިރިއުޅުން ގުރުބާން ކުރަންވީތަ؟" އިރާޝާ ރުޅިއައިސްގެން ފަޅައިގެން ދިޔައެވެ.
އެރޭ އެގެއިން އަޒާން ނިކުތީ އިރާޝާއާ އެކުގައި އޮތް ޒަމާންވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފައެވެ. އޭނާގެ ހިތުގައި ރިހެމުން ދިޔަނަމަވެސް އެއީ މިވަގުތު އޭނާއަށް ކަންތައް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާއަށް ވިސްނުނެވެ.
"އަޒާން. ކީއްވެގެންތަ މިހާރު އިރާޝާ މިގެއަށް ނާންނަނީ؟ އަހަރެން ގުޅީމައި ފޯނެއްވެސް ނުނަގާ. މެސެޖަށް ޖަވާބު ނުދޭތާވެސް ވަރަށް ދުވަސް ވެއްޖެ،" އޭގެ ދެތިން މަހެއް ފަހުން އުމާ ގޮވައިގެން ދެމީހުން ގޮނޑުދޮށަށް ގޮސް އުޅުމުގެ ތެރޭގައި ނިޝާ ސުވާލުކުރިއެވެ.
"އަހަރުމެންގެ ގުޅުމެއް މިހާރަކު ނޯވޭ،" އަޒާން އެހެން ދިމާލަކަށް ބަލަމުން ޖަވާބުދިނެވެ.
"އޭ ކީއްވެ؟ އަޅޭ…" ނިޝާއަށް އެކަންތައް ވީ ޝޮކަކަށެވެ. އެވަގުތު ތުއްތު އުމާ އޭނާގެ އަތަށް އައިސް ބޮއްޔެއް ލައިދީފައި ގޮނޑުދޮށާ ދިމާލަށް އެނބުރި ދިޔައެވެ. އަޒާން އެހާ ބައިވަރު ތަފުސީލުތަކެއް ނުދީ ކަން ވީގޮތް ނިޝާއަށް ކިޔައިދިނެވެ.
"އުމާގެ ކަންތައްތަކަށް ތިދޭ އަހައްމިޔަތު އިރާޝާއާ އިނދެގެންވެސް ދެވޭނެއެއްނު؟" ނިޝާ ބުންޏެވެ.
"އެ ގޮތަށް އޮންނާނީ ނުދެވިފައި. އެއީ އިންސާފުވެރި ގޮތަކަށް ނުވާނެ އެއްވެސް ފަރާތަކަށް. އަހަރެންނާ އިންނަ މީހާ އެދޭނީ އަހަރުމެންނަށް ލިބޭ ދަރިއެއްގެ ކަންކަމުގައި އަހަރެން ގިނަވަގުތު އުޅެން. އުމާއަށް ވެސް ބައްޕައެއްގެ ލޯބި ބޭނުންވާކަން އޮންނާނީ ނުވިސްނިފައި،" އަޒާން ލޮލަށް ބޭއިހުތިޔާރުގައި ޖަމާވި ކަރުނަ އަތުގެ ނުފުށުން ފޮހެލިއެވެ.
"އަހަރެން އުމާއަށް ބައްޕައެއް ހޯދައިދީފާނަމޭ،" އަޒާންގެ ހިތްދަތިކަން ވިސްނުމުން ނިޝާ ބޭނުންވީ އަޒާން ހެއްވައިލާށެވެ. ނަމަވެސް އެވަގުތު އަޒާންގެ މޫނަށް ބަނަ ކުލަވަރު އަރައި ފައިބައިގެން ދިޔައެވެ.
"ނިޝާ މީހަކާ އިންނަން ހިޔާލުކުރަނީތަ؟" އަޒާން ސުވާލުކުރިއެވެ.
"ނޫން. އަހަރެންނަކަށް ހިޔެއް ނުވޭ އަހަރެންގެ ގައިގައި އެހެން މީހަކާ އިންނަން އެ ހިތްވަރު ހުރި ހެނެއް. އަހަރެންނަކަށް ހިޔެއް ނުވޭ ރަޒާން ދެކެ ވާ ލޯބި ދުވަހަކުވެސް އެހެން މީހެއް ދެކެ ވެވިދާނޭ ހެނެއް،" ނިޝާ މޫދުކައިރީގައި ފުންމައި ރާޅުތަކާ ކުޅެމުން ދިޔަ އުމާއަށް ބަލަމުން ވާހަކަ ދެއްކިއެވެ. "އެކަމަކު ދެންމެ ތި ބުނި އެއްޗަކުން މީހަކާ އިންނަން އެބަ ހިތަށް އަރައި މީހަކާ އިނުމަކީ އެންމެ ރަނގަޅު ގޮތޭ."
"އެއީ؟" އަޒާން ހާސްވެފައި އެހިއެވެ.
"އަޒާން މީހަކާ ނީނދެ ތިހުންނަނީ އުމާއަށް އަޒާން ތިދޭ ބައްޕައެއްގެ ލޯބި މަހުރޫމުވެދާނެތީ. އުމާއަށް ބައްޕައެއްގެ ލޯބި ދޭނޭ މީހެއް ހޯދައިފިއްޔާ.."
"އެ ހޯދާ މީހާ އޭނާއާ ދޭތެރޭ ލޯބިން އުޅޭނޭ ކަމުގެ ކޮން ޔަގީންކަމެއް އޮތީ؟" އަޒާންގެ އަޑުގައި ވަނީ ހާސްކަމެވެ.
"އަހަރުމެންނަށް ކަންތައް ވާނޭ ގޮތެއް ނޭނގޭ ދޯ؟" ނިޝާ ކޮނޑުއަރުވައިލިއެވެ.
"ތި އިންނަ މީހެއް ދެކެ ނިޝާއަށް ލޯބިވެވޭނެތަ؟ ލޯބި ނުވެވޭނޭކަން އެނގިހުރެ މީހަކާ އިނުމަކީ އެމީހަކަށް ދެވޭ އިންސާފެއްތަ؟" އަޒާން އެވަގުތު ވާހަކަ ދެއްކީ ނިޝާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ހައިސިއްޔަތުންނެވެ.
"ދެން ކޮންމެވެސް ދުވަހަކުން އޭނާ ދެކެ އަހަރެންނަށް ލޯބިވެވިދާނެއެއްނު؟" ނިޝާ ހީލިއެވެ.
"ލޯބި ނުވެވިއްޖެއްޔާ އެމީހާގެ ހިތުގައި ލެވޭ ހިތިކަން ލިބޭނީ އުމާއަށް ދޯ؟" އަޒާން ބުންޏެވެ.
"ދެން އޮތްގޮތަކީ ކޮބައި؟" ފުން ނޭވާއެއް ދޫކޮށްލައިފައި ނިޝާ އަހައިލިއެވެ. އަޒާން ހިމޭންވިއެވެ. އެ ދެމީހުންވެސް ދުރުގައި ކުޅެން ހުރި އުމާއަށް ބަލަހައްޓައިގެން އިރުގަނޑެއް ވަންދެން ތިއްބެވެ.
"ނިޝާ އަހަރެންނާ ކައިވެނިކުރަންވީއެއްނު؟" އަޒާން މަޑުމަޑުން ބުންޏެވެ.
(ނުނިމޭ)



advertisment